އިންޑިއާގައި މިހާރު އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއާލައިން، "ގޯއެއާ"ގެ ސީދާ ދަތުރުތައް މިއަދު ރާއްޖެއަށް ފަށައިފިއެވެ.

މިއަދު މެންދުރު 15:45 ގައި ގޯއެއާގެ ފުރަތަމަ މަތިންދާ ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަނީ ޖައްސާފައެވެ. މިއަދު ރާއްޖެއަށް އައިސްފައި ވަނީ ގޯއެއާގެ އެއާބަސް އޭ320 ނިއޯގެ 152 މީހުންގެ ޖާގައިގެ ބޯޓެކެވެ.

މި ބޯޓު ރާއްޖެއަށް ދަތުރުތައް ފެށުމާއި ގުޅިގެން މިއަދު އެއާޕޯޓްގައި ވަނީ ހާއްސަ ރަސްމިއްޔާތެއްވެސް ބާއްވާފައެވެ. އެގޮތުން ފްލައިޓު އެއާޕޯޓުގައި ޖެއްސުމުން ބޮޑު ބެރުގެ ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. ފަތުރުވެރިންގެ ސީޒަނާއި ދިމާކޮށް އިންޑިއާ އާއި ރާއްޖެއާ ދެމެދު ގޯއެއާގެ ދަތުރުތައް ފެށިއިރު، ކުރިއަށް އޮތްތަނުގައިވެސް މި އެދަތުރުތައް ހުއްޓާނުލާ ކުރިއަށްދާނެއެވެ.

ރާއްޖެއަށް އައި "ގޯއެއާ"ގެ ފުރަތަމަ ފްލައިޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި - ވަގުތު އިމޭޖަސް: އިބްރާހީމް ޝާބިލް

މިއަދު އެއާޕޯޓްގައި ބޭއްވި ރަސްމިއްޔާތުގައި ސިވިލް އޭވިއޭޝަން އޮތޯރިޓީ ސީއީއޯ ހުސައިން ޖަލީލް އާއި މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ އިސްވެރިން ވޮޔޭޖަސް މޯލްޑިވްސްގެ އިސްވެރިންނާއި ދިވެހި ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސަލެންސީ މރ. އަކިލޭޝް މިޝްރާ އާއި ގޯއެއާގެ އިސްވެރިން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ގޯއެއާގެ ފުރަތަމަ ދަތުރު ރާއްޖެއަށް މި ކުރީ އިންޑިއާގެ މުމްބާއީ އިން ރާއްޖެ އަށެވެ. މިދަތުރުތަކުގައި ވަރަށް އަވަހަށް ދިއްލީ އިންނާއި ބެންގަލޫރުން ވެސް ރާއްޖެ އަށް ދަތުރު ކުރާނެއެވެ.

އެމްއޭސީއެލް އިން މައުލޫމާތުދޭގޮތުގައި، މިއަދުން ފެށިގެން ގޯއެއާއިން ކޮންމެ ދުވަހަކުވެސް މި ދެމެދުގައި ދަތުރުކުރަމުންދާނެ އެވެ. އަދި އަންނަ މަހުން ފެށިގެން ހަފްތާއަކު 10 ދަތުރު އިންޑިއާ އާއި ރާއްޖެއާ ދެމެދު ގޯއެއާ އިން ކުރާނެ ކަމަށްވެސް ގޯއެއާގެ އޮފިޝަލަކު ވިދާޅުވެއެވެ.

ގޯއެއާގެ ލޯކަލް އެޖެންޓަކީ ވޮޔާޖަސް މޯލްޑިވްސްއެވެ. ވޮޔޭޖަސް މޯލްޑިވްސް އިން ގޯ އެއާގެ މަތިންދާ ބޯޓުތަކުގެ ޓިކެޓް ލިބިގެންދާނެއެވެ.

2005 ވަނަ އަހަރު ވުޖޫދަށް އައި ގޯއެއާއިން އިންޓަނޭޝަނަލް ދަތުރުތައް ފަށާފައި މި ވަނީ މި އަހަރު ތެރޭގައެވެ. އަދި އިންޓަނޭޝަނަލް ދަތުރުތައް ފެށި ފުރަތަމަ ގައުމުތެރޭގައި ރާއްޖެ ހިމެނެއެވެ.

ރާއްޖެއަށް އައި "ގޯއެއާ"ގެ ފުރަތަމަ ފްލައިޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި - ވަގުތު އިމޭޖަސް: އިބްރާހީމް ޝާބިލް

އިންޑިއާގެ ފަތުރުވެރިން ރާއްޖެ އަށް ޒިއާރަތްކުރުން ފަހަކަށް އައިސް ވަރަށް ބޮޑަށް އިތުރުވެފައިވާ މި ދަނޑިވަޅުގައި، ރާއްޖެއަށް ގޯއެއާގެ ދަތުރުތައް ފެށުމުން އިންޑިއާ އިން އިތުރު ފަތުރުވެރިން ރާއްޖެ އައިސްދާނެ ކަމަށް ލަފާކުރެވެއެވެ.

ބޮލީވްޑްގެ މަޝްހޫރު ފަންނާނުންގެ އެންމެ މަގުބޫލް މަންޒިލަކަށް މިހާރު ވެފައި ވަނީ ރާއްޖެކަންވެސް ފާހަގަކޮށްލަން ޖެހެއެވެ. ފަހަކަށް އައިސް އިންޑިއާގެ މަޝްހޫރު ތަރިން ރާއްޖެއަށް ވަރަށް ގިނައިން ޒިޔާރަތްކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަޙްމަދު

    މަރްޙަބާ. ކޮންއިރަކުންތޯ ވިސާ ކަންކަން ހަމަޖެހެނީ.

  2. މަގޭ ވިސްނުން

    އިންޑިއާއަށް ދާކަށް ބޭނުމެއްނުވޭ މިހާރަކު. ސަބަބަކީ އެމީހުންގެ ސަރުކާރަކީ ދިވެހިންނަށް ވަރަށް ދެރަގޮތްހަދާ އަދި ދިވެހިން ކުރިއެރުމަށް ނޭދޭބައެއް. އެމީހުންގެ ބެލުމުގެ ދަށުގައިވާ މަލިކު އޮތް ހާލުނިކަން ދެކިބަލަ އެމަކުވެސް އެމީހުން އެ ބަލަނީ ދިވެހިން ކުރިއަރަމުންދާތީ ދިވެހިން ބައި ބައި ކޮށް ކުރިއެރުން ހުއްޓުވުމަށް.