ސުޕްރީމް ކޯޓު ދޮށަށް އެއްވި މީހުން ގަޔަށް ފުލުހުން ޕެޕާ ސްޕްރޭ ޖަހައިފިއެވެ.

ސުޕްރީމް ކޯޓު ދޮށަށް މީހުން އެއްވެފައިވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ބާތިލުކުރުމަށް ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމެއް ކުރިއަށްދާތީއެވެ.

އެ ސަރަހައްދަށް އެއްވި މީހުން ގަޔަށް ޕެޕާ ސްޕްރޭ ޖެހުމުގެ އިތުރުން ފުލުހުން ވަނީ އެ ސަރަހައްދުން މީހަކު ވެސް ހައްޔަރުކޮށްފައެވެ. އެ ސަރަހައްދުގައި ފުލުހުންގެ އިތުރުން ސިފައިން ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.

މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިޚާބު ބާތިލްކޮށް އަލުން ރިޔާސީ އިންތިޚާބު ބޭއްވުމަށް އަމުރު ކޮށްދިނުން އެދި ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީޢަތް ސުޕްރީމް ކޯޓުގައި ފަށާފައިވަނީ މިއަދު މެންދުރު 13:00 ގައެވެ. މި އަޑުއެހުން އިރުކޮޅަކަށް މިހާރު ވަނީ މެދުކަނޑާލާފައެވެ.

އިންތިޚާބު ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅީ އިންތިހާބުގައި ހަރަކާތްތެރިވި އޮބްޒާވަރުންނާއި މޮނިޓަރުންނާއި އަދި އެހެނިހެން ފަރާތްތަކުން އެ ޕާޓީއަށް ހުށަހެޅި ޝަކުވާތައް، ޕީޕީއެމްގެ ފަރާތުން ފުލުހުންނަށް ހުށަހެޅުމުން އެ އިދާރާ އިން ދީފައިވާ ޖަވާބަށް ރިއާޔަތް ކުރުމަށްފަހު ކަމަށް ޕީޕީއެމް އިން ވަނީ ބުނެފައެވެ.

ޕީޕީއެމް އިން ބުނިގޮތުގައި ހުށަހެޅިފައިވާ ޝަކުވާތަކުގެ ތެރޭގައި ވޯޓު ކަރުދާސް ޗާޕުކުރުމުން ފެށިގެން، ވޯޓުލުމުގެ މަރުހަލާގައި އޮޅުވާލުންތަކަކާއި މަކަރާއި ހީލަތް ހިމެނުމާއި، ގާނޫނާއި ހިލާފު ތަފާތު އާލާތްތައް ބޭނުންކޮށްގެން ލެވޭ ވޯޓާއި އަދި ޖުމްލަ ނަތީޖައަށް އުނި އިތުރު ގެންނަން މަސައްކަތް ކުރުމާއި ރީ ރެޖިސްޓްރޭޝަނާއި ލިސްޓުތައް ތަރުތީބު ކުރުމާއި ވޯޓުލީ މަރުކަޒުތަކުގައި އިންތިހާބާ ގުޅޭ އެކި އޮފިޝަލުންގެ އަމަލުތައް ގަވާއިދާ ހިލާފަށް ހުރުން ފަދަ ކަންތައްތައް ހިމެނޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަލްޖިބްރާ

    އަދިވެސް ފުލުހުންނާއި ސިފައިން އެމީހުންގެ ބާރުދައްކަނީ އާއްމުންނާއި އިދިކޮޅަށް އުތަ ؟ ތިކަމުގެ އަދަބުވެސް ތިމީހުންނަށް ލިބޭނެ !

  2. ގަނާ

    ހަމަ ރަނގަޅު!!!!

  3. ޔާމީން

    އަދިވެސް ޖަހާނަން. މޮޔަވާންޖެހޭނީ.