ޏ.ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާ ތަކެއްޗާއެކު 5 މީހަކު ހައްޔަރުކޮށްފިއެވެ.

ފުވައްމުލަކުު ސިޓީ ފުނާޑު އަވަށުގައި ބަޔަކު މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރި ކުރާކަމުގެ މަޢުލޫމާތު ލިބުމާގުޅިގެން އިއްޔެ ފުލުހުން ހިނގި މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 15 އަހަރުގެ ފިރިހެން ކުއްޖަކާއި 18 އަހަރުގެ ފިރިހެނަކާއި 21 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ ދެ ފިރިހެނުންނެވެ. މި ފަސްމީހުންވެސް ހައްޔަރުކޮށްފައިވަނީ ފުވައްމުލަކު ދެގެއް ބަލައިފާސްކޮށް އެދެގެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެހިތަކެއް ފެނުމާގުޅިގެން ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެދެގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 41 ރަބަރު ޕެކެޓާއި ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި ފަސް މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ޚާޟިރު ކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 5 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.

މިމައްސަލަ ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު