ތުރުކީގެ ކޯޓަކުން ހައްޔަރު ކުރުމުގެ އަމުރެއް ނެރެ، ހޯދަމުންދިޔަ މީހެއްގެ ނަމާ އެއްގޮތް ވެގެން ތުރުކީގައި ދިވެއްސަކު ހައްޔަރުކޮށްފިއެވެ.

ރާއްޖެ އަންނަން ވެގެން ތުރުކީގެ ވެރިރަށް އިސްތަންބުލްގައި ހުންނަ އަތަތޫކް އެއާޕޯޓްގައި ހުއްޓާ ހައްޔަރުކުރީ އުމުރުން 28 އަހަރުގެ އަންހެނެކެވެ. ތުރުކީއަށް އެ އަންހެން މީހާ ދިޔައީ އޭނާގެ ފިރިމީހާއާއެކުގައި ކަމަށް މައުލޫމާތު ލިބެއެވެ. އޭނާ ހައްޔަރު ކުރީ މިދިޔަ އަންގާރަ ދުވަހު އެވެ. އޭގެ އެއް ދުވަސް ފަހުން މިހާރު އޭނާ ވަނީ ދޫކޮށްލާފައެވެ.

އެ ދެމަފިރިންނަށް އެހީތެރިކަން ފޯރުކޮށްދިން މުއާދު ޒަކީ ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އަންހެން މީހާ ހައްޔަރު ކުރުމުން ރާއްޖޭގެ ސަރުކާރުގެ ފަރާތުން އެމީހުންނަށް އެހީވާނެ މީހަކު ނެތިގެން އުޅުނު ކަމަށެވެ.

"ހައްޔަރުކުރި އަންހެން މީހާގެ ބައްޕަގެ ފަރާތުން އަޅުގަނޑަށް އެ މައުލޫމާތު ލިބުނީ. ވަގުތުން ތުރުކީގައި ތިބޭ އަހުންތަކަކާ ގުޅިގެން، އަލްހަމްދުލިﷲ ހައްޔަރުކުރި ދުވަހު ނޫން އަނެއް ދުވަހު އޭނާ ވަނީ މިނިވަންވެފައި." މުއާދު ވިދާޅުވިއެވެ.

މުއާދު އަކީ ފްރެންޑްސް އޮފް ޕަލަސްޓައިން އިން މޯލްޑިވްސްގެ ރައީސްކަން ވެސް ކުރައްވާ ބޭފުޅެކެވެ. އޭނާ ވިދާޅުވި ގޮތުގައި، އެ އަންހެން މީހާ މިހާރު މިނިވަންވެ، ވަނީ އެނބުރި ރާއްޖެ އައިސްފައެވެ.

ތުރުކީ އަކީ ދިވެހިރާއްޖޭގެ އެމްބަސީ އެއް ހުންނަ ގައުމެއް ނޫނެވެ. އެހެންކަމުން އެގައުމުގައި ދިވެއްސަކު ހައްޔަރު ކުރުން ފަދަ ހާލަތެއް ދިމާވެއްޖެނަމަ ނުވަތަ ހާލުގައި ޖެހިއްޖެނަމަ އެކަމަށް އެހީތެރިކަން ފޯރުކޮށްދޭން ގިނަ ވަގުތުތަކެއް ނަގާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހަހުރަ

    އެމްބަސީއެއް ނެތުމަކީ ވަރަށް ދެރަ ކަމެއް!!!

  2. ބަނާނަ މޭން

    ތިޔޭ މައްސަލައަކީ އެއްވައްތަރު ލަގެޖް ފެނުނީމާވެސް އެބަނަގާ ތިމާގެ ލަގަޖް ކަމައްހީކޮށް

  3. ާނަޒަކީ

    ވަރަށް އުފާވެއްޖެ.