ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅި ކަމަށް ބުނެ ރައްޔިތުން މަޖިލީހުގެ 12 މެންބަރެއްގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލް އުފުލާފައިވާ ދައުވާތައް އަނބުރާ ގެންގޮސްފިއެވެ.

މި 12 މެންބަރުންގެ ތެރޭގައި އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް (އިބޫ) ވެސް ހިމެނިވަޑައިގަންނަވައެވެ.

މަޖިލީހުގެ 12 މެންބަރަކަށް ދައުލަތުން އުފުލި ދައުވާ އަނބުރާ ގެންގޮސްފައި މިވަނީ މިދައުވާއާއި ގުޅިގެން އަޑުއެހުންތަކެއް ވެސް ބޭއްވުމަށްފަހު އެވެ. ނަމަވެސް އެމައްސަލައިގެ ޝަރީޢަތް ކުރިއަށް ނުގެންދާތާ މިހާރު ގިނަ ދުވަސްތަކެއް ވެއްޖެއެވެ. ޕްރޮސެކިއުޓަރ ޖެނެރަލް ދައުވާ އަނބުރާ ގެންދިޔަ ސަބަބެއް އަދި އެނގިފައެއް ނުވެ އެވެ.

ދައުވާ އުފުލީ އިބްރާހީމް މުހައްމަދު ސޯލިހް، އަބްދުﷲ ރިޔާޒު، އަބްދުﷲ ޝާހިދު، މުހައްމަދު އަސްލަމް، މުހައްމަދު އަބްދުލް ކަރީމް، މުހައްމަދު ފަލާހް، އަލީ ހުސައިން، އިބްރާހީމް ދީދީ، ހުސައިން އަރީފް، ސައުދު ހުސައިން، މުހައްމަދު ވަހީދު އިބްރާހީމް މުހައްމަދު އަމީތު އެވެ.

ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރަކަށް ދައުވާކުރަން ފޮނުވީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހު ފުލުހުންގެ ސަފުތައް ފަޅާލުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވެދެވަޑައިގެންނެވި ކަމަށް ބުނާ މައްސަލާގަ އެވެ. ނަމަވެސް މިމައްސަލާގައި ތުހުމަތުކުރާ މެންބަރުން ވިދާޅުވީ އެބޭފުޅުން ފުލުހުންގެ ސަފުތައް ފަޅާލާފައި ނުވާނެ ކަމަށާއި އެބޭފުޅުންނަކީ މަޖިލީހުގެ މެންބަރުންނަށް ވާތީ އެބޭފުޅުން މަޖިލީހަށް ވަދެވަޑައިގަތުމަށް ފުލުހުން ފުރުސަތު ދެއްވި ކަމަށެވެ. އަދި އެބޭފުޅުން މަޖިލީހަށް ހާޒިރުވަނިކޮށް ފުލުހުންނަށް އެބޭފުޅުން ހުއްޓުވޭނެ އެއްވެސް ގާނޫނީ ހައިސިއްޔަތެއް ނޯންނާނެ ކަމަށްވެސް މެންބަރުން ވަނީ ވިދާޅުވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. އަހުމަދު687

  ފުލުހުންގެ ވާޖިބަށް ހުރަސް އަޅައިގެން ދައުވާ އުފުލާފައިވާ ހުރިހާ ޢާންމު ރައްޔިތުންގެ މައްސަލަވެސް އަނބުރާ ގެންދިޔުމަށް ގޮވާލަން!
  ޤާނޫނުގެ ކުރިމަތީގައި ސިޔާސީ މީހުންނާއި ޢާންމު ރައްޔިތުންނާއި ހަމަހަމަ ނުވާ މައްސަލަ އަންނަނީ ދިވެހިރާއްޖޭގައި ބޮޑުވާމުން!

 2. އައްޔު

  އާއްމު ރައްޔިތެއްގެ މައްސަލައެއްނަމަ ޕީޖީއަކުންވެސް އަދި އެއްވެސް ތާކުން ނުގެންދާނެ ބަލާނީ ވީހާވެސް ލަހުން ބޮޑު ހުކުމެއް ކުރެވޭތޯ މީތޯ އިންސާފަކީ ސިޔާސީވިޔަސް ސިޔާސަވިޔަސް މައްސަލައެއް ކަމުގައި ވާނަމަ ބަލަންޖެހޭނެ ފިޔަވަޅުވެސް އަޅަންޖެހޭނެ އަދި ހުކުމެއް ކުރަންޖެހޭނަމަ އެކަންވެސް ކުރަންޖެހޭނެ
  ފުލުހުންގެ ވާޖިބަށް ހުރަސް އަޅައިގެން ދައުވާ އުފުލާފައިވާ ހުރިހާ ޢާންމު ރައްޔިތުންގެ މައްސަލަވެސް އަނބުރާ ގެންދިޔުމަށް ގޮވާލަން!

 3. ހާމް

  ފަޤީރުންނެކޭ މުއސަދިނެކޭ މަތީމަޤާމުގަތިއްބަވާ މީހުންނެކޭ ޤާނޫނުކުރިމަތީގަ ހަހަމަ ވާންޖެހޭނެ މިއީ ޢަދުލަށް ކަންކަން ކުރުމަކީ މިއަދު މީހުން މަތީމަޤާމަށް ދިއުމުން މައްސަލަ އަނބުރާ ގެންދިއުމަކީ ިއންސާފު ތޯ.