ވަޒީފާ އަދާކުރަން އެންމެ އުނދަގޫ ރާއްޖޭގެ ދައުލަތުގެ އިދާރާގެ ގޮތުގައި ފާހަގަ ވެފައި އޮންނަ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އެތަނުގެ މުވައްޒަފުންނަށް ބޮޑެތި ލުއިތަކެއް ދީފިއެވެ.

މީރާ އިން މިދިޔަ ބުދަ ދުވަހު ވަޒީފާ އުސޫލުތަކަށް ގެނައި ބަދަލުގެ ދަށުން ކޮންމެ ދުވަހަކު ނުވަ ގަޑިއިރު މަސައްކަތް ކުރަން ޖެހޭ ގޮތަށް އޮތް އޮތުމާއި މީރާގެ ޕޯސްޓްތައް ޝެއާކުރަން ޖެހުން ފަދަ ހަރުކަށި އުސޫލުތައް ވަނީ އުވާލާފައެވެ.

އޮފީހުގެ ރަސްމީ މަސައްކަތު ގަޑިއަކީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށް ކަމަށް މިހާރު ވަނީ ނިންމާފައެވެ. ކުރިން ނަމަ ހެނދުނު 8:00 އިން ހަވީރު 5:00 އަށް ރަސްމީ މަސައްކަތް ކުރިއަށް ގެންދަން ޖެހެ އެވެ.މީރާގެ އެކައުންޓްތަކުން ސޯޝަލް މީޑިއާގައި ކުރާ ޕޯސްޓްތައް މުވައްޒަފުންގެ އެކައުންޓްތަކުން ޝެއާ ކުރުމުން ވަޒީފާގެ ޕާފޯމަންސް ބަލާއިރު މާކްސްދޭ ގޮތަށް ކުރިން އޮތީ ހަމަޖައްސައިފަ އެވެ. ނަމަވެސް އެއުސޫލު ވަނީ މިހާރު އުވާލާފައެވެ.މީރާގެ މުވައްޒަފުންނަށް ހޮނިހިރު ދުވަހަކީ ވެސް ރަސްމީ ދުވަހެއް ނަމަވެސް ދެން ރޯދަ މަހުގެ ހޮނިހިރު ދުވަސްތައް ބަންދުވާނެ އެވެ.

މީރާގެ މުވައްޒަފުންގެ ބޭސިކް ސެލަރީގެ އިތުރުން ލިބޭ އެލަވަންސް ހައްގުވާ މިންގަނޑަށް ވެސް ވަނީ ބަދަލުގެނެސްފަ އެވެ. ކުރިން އޮންނަ އުސޫލުން ނަމަ ހުކުރު ދުވަހުގެ އެލަވަންސް ލިބެނީ ހަފްތާގެ ރަސްމީ ފަސް ދުވަހު އޮފީހަށް އައުމާ އެކު އިތުރު ގަޑީގެ ގޮތުގައި 15 ގަޑިއިރާ 45 މިނެޓް މަސައްކަތް ކުރުމުންނެވެ. ނަމަވެސް މިހާރު ހަމަޖެއްސި ގޮތުން ނަމަ ހަފްތާގެ ރަސްމީ ފަސް ދުވަހު އޮފީހަށް ނުކުމެއްޖެ ނަމަ ހުކުރު ދުވަހުގެ އެލަވަންސް ލިބޭނެ އެވެ. އެކަމަކު ހޮނިހިރު ދުވަހުގެ އެލަވަންސް ލިބޭނީ އެ ދުވަހު އޮފީހަށް ނުކުމެ، ހަތް ގަޑިއިރު މަސައްކަތް ކުރުމުންނެވެ.

މީރާ އިން މުވައްޒަފުންނާއި މެދު އަމަލު ކުރާ ގޮތުން މީގެ ކުރިން ވެސް މުވައްޒަފުން ސިއްރުން އެވާހަކަތައް ހިއްސާ ކޮށްފައި ވެއެވެ. ނަމަވެސް މީރާގެ ވަޒީފާގެ އުސޫލުތައް އޮންނަ ގޮތުން ފާޅުގައި އެވާހަކަތައް ދައްކައިފިނަމަ ވަޒީފާ ގެއްލޭނެ ކަން އެނގޭނީ ގިނަ މުވައްޒަފުން މީރާގައި ވަޒީފާގެ އުސޫލު އޮންނަ ގޮތުގެ ވާހަކައެއް ނުދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަރީ

    ޥަޒީފާ އަދާ ކުރަން އުނދަނގޫ ކަމެއް ނޭނގޭ އެތާނަށް ވަދެ ފަައިހަރުކުރަން ބޭނުން ނުވާ މީހަކު ނުހުރޭ. ތަމެން ދެން ހަމަ ކޮންމެ އެއްޗެކޭ ވެސް ކިޔާފާނެ

  2. ޑޮކްޓަރ ޝ

    މީރާތީ އަހަރުމެން ކުދި ވިޔަފާރިވެރިން ނަށް ޖެހިފައިވާ މުސީބާތެއް އޮޑިޓޯ ކިޔާފައި އައިސް ވަތްގަނޑު ދަވާލަނީ ، ނުހައްގުން ފޭރެނީ ކަލޭމެންނަށް ވެސް ދުވަހެއްގެ އަންނާނެކަން ހަދާންބަހައްޓާތި

  3. ބަޅިނދު

    ތިޔަ ބުނާ ލުއިތަކެއް ދިނީމަ ދެން ވާނެ އެެއްޗެއް އެނގިދާނެތާ... މި ގައުމުގަ ހަމަ އެކަނި ހަމަޔަށް އޮތްތަން ވެސް ތިހަލާކުވީ... ދެން ތިޔަ މީރާ މީހުން ވެސް ނުބައިވާނެ އުދުހޭ ކޮކާ ތަކެއް ވުރެ މަގުމަތީ އެނބުރޭވަރުން. އެހެންނުން ވާނީ އަހިވަކާ ޖެހި އަހިވަށް ފާވާނޭ ބުނާ އުސޫލުން ސިިވިލް ސަރވިސް މީހުން އުޅޭ ގޮތަށް މަގު ކޮށައިދިނީމަ އުޅޭނީ އެހެން ނުން.