ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ހައްޔަރު ކުރަން ފޭކް ކޯޓު އަމުރެއް ނެރުނު މައްސަލައިގައި ޖަލަށް ލާފައިވާ އދ. މާމިގިލީ ކޯޓުގެ ކުރީގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާންގެ އިސްތިއުނާފު އަޑުއެހުންތައް ހައިކޯޓުން ނިންމާލައިފިއެވެ.

އެ މައްސަލައާއި ގުޅިގެން ނިހާންގެ މައްޗަށް ހަތަރު ދައުވާއެއް އުފުލި އެވެ. އެއީ ހުއްދަ ނޫން ގޮތުގައި މީހަކު ހިފަހައްޓަން އުޅުމުގެ ދައުވާ އާއި ވަކި އުސޫލަކުން ދޫކޮށްފައިވާ ލިއުމެއް ސައްހަ ނޫން ގޮތެއްގައި ދެއްކުމުގެ ދައުވާ އާއި ރަސްމީ ވާޖިބު އަދާ ކުރުމުގައި އެކަށީގެންނުވާ އަމަލެއް ކުރުމުގެ ދައުވާ އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އެވެ.

ނިހާންއަށް 17 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމާއި އެކަމުގައި ބައިވެރިވުމުގެ ކުށް ސާބިތުވުމުންނެވެ.

ނިހާންގެ މައްޗަށް އިއްވާފައިވާ ހުކުމުގެ އިސްތިއުނާފުގައި ކަފާލާތުގެ ދަށުން ދޫކޮށްލުމަށް އެދިފައިވީ ނަމަވެސް މިމަހުގެ 10 ވަނަ ދުވަހު ހައިކޯޓުން ވަނީ ކަފާލާތުގެ ދަށުން ނިހާން ދޫކޮށްލެވެން ނެތްކަމަށް ބުނެފައެވެ.

މި މައްސަލައިގެ އިސްތިއުނާފް އަޑުއެހުންތައް ނިންމާލާފައިވާއިރު ދެން އޮންނާނީ ހުކުމް ކުރުމެވެ.

ރައީސް ޔާމީން ހައްޔަރުކުރަން އަމުރެއް ނެރުނު މައްސަލާގައި ނިހާންގެ އިތުރުން ޓެރަރިޒަމްގެ ކުށް ސާބިތުވެ ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ވެސް ވަނީ ޖަލަށްލާފައެވެ. އޭނާ ވެސް ޖަލަށްލާފައިވަނީ 17 އަހަރަށެވެ.

ކިޔުންތެރިންގެ ހިޔާލު