މެންޓަލް ހެލްތުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން އެޗް.ޑީ.ސީ އާއި ނޭޝަނަލް ޑްރަގް އެޖެންސީގެ ހާފްވޭ ހައުސް ގުޅިގެން ބޭއްވި "މައިންޑްފުލް ޕަރފޮމެންސް ސްކިލްސް ވޯކްޝޮޕް" ނިންމާ ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްފިއެވެ.

ވޯކްޝޮޕް ފުރިހަމަކުރި ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ އެޗް.ޑީ.ސީގެ އެސިސްޓެންޓް ޑިރެކްޓަރ އައިމިނަތު ޒައިނާއެވެ.

ހަ ގަޑިއިރުގެ މި ވޯކްޝޮޕްގައި ހުޅުމާލެ ހޮސްޕިޓަލުގެ މުވައްޒަފުންނާއި، ހުޅުމާލޭގައި ހިންގާ ސްކޫލްތަކުގެ ކައުންސިލަރުން، ފިޔަވަތީގައި މަސައްކަތްކުރާ ސޯޝަލް ވޯކަރުން، ހާފްވޭ ހައުސްގެ ކައުންސިލަރުންގެ އިތުރުން އެޑް.ޑީ.ސީގެ ކައުންސިލަރުން ހިމެނޭ ގޮތަށް ޖުމްލަ 25 ބޭފުޅަކު ބައިވެރިވެވަޑައިގެންނެވިއެވެ. މި ވޯކްޝޮޕްގައި ބައިވެރިންނަށް ކިޔަވައިދެއްވާފައިވަނީ ސޭފް ޖަމްއިއްޔާގެ މުޙައްމަދު ރާޝީދު (ރާޑޯ) އެވެ.

"މައިންޑްފުލް ޕަރފޮމެންސް ސްކިލްސް ވޯކްޝޮޕް" ގެ ތެރެއިން - ވަގުތު އިމޭޖަސް: ޢަލީ ވިސާމް

އެޗް.ޑީ.ސީ އާއި ހާފްވޭ ހައުސް ގުޅިގެން އިންތިޒާމްގެން ބޭއްވި މި ވޯކްޝޮޕަކީ، މެންޓަލް ހެލްތުގެ ދާއިރާގައި މަސައްކަތްކުރާ މީހުން އެއްތަނަކަށް ޖަމާވެ، ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދޭނެ ގޮތްތަކާއި ގުޅޭގޮތުން ހިޔާލު ބަދަލުކޮށް، ލިބިފައިހުރި ހުނަރާއި އިލްމު އިތުރަށް ރިޕްރެޝް ކުރުމުގެ މަޤްސަދުގައި ބޭއްވި ވޯކްޝޮޕެއް ކަމަށް އެޗް.ޑީ.ސީގެ ކައުންސިލަރ ޝަމްހާ ނަސީރް ވިދާޅޫވިއެވެ.

މި ވޯކްޝޮޕްގައި ހުނަރު ތަރައްޤީ ކުރުމާއި، އެ ހުނަރު ބޭނުންވާ ފަރާތް އައިޑެންޓިފައި ކުރުމުގެ އިތުރުން ދިރިއުޅުމުގެ ހުނަރު އިތުރަށް ހަރުދަނާ ކުރުމާއި ގުޅޭގޮތުން ބައިވެރިންނަށް މައުލޫމާތު ހިއްޞާ ކުރެވިފައިވާނެކަމަށް ނޭޝަނަލް ޑްރަގް އެޖެންސީގެ ހުޅުމާލެ ހާފަވޭ ހައުސްގެ މުހައްމަދު ފިޒްނީ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު