މިދިޔަ މަހުގެ 23 ވަނަ ދުވަހު ވޯޓުލުން ކުރިއަށް ގެންދިޔަ ރިޔާސީ އިންތިހާބު ބާތިލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައިގެ ފަހު އަޑުއެހުން މާދަމާ ހެނދުނަށް ސްޕްރީމް ކޯޓުން ތާވަލުކޮށްފިއެވެ.

މި މައްސަލައިގައި ފުރަތަމަ އަޑުއެހުން އިއްޔެ ބާއްވާފައިވާއިރު، މިއަދު ބާއްވާފައިވަނީ މައްސަލައިގެ ދެވަނަ އަޑުއެހުމެވެ. ކޮންމެ ދުވަހަކުވެސް ފަސް ގަޑިއެއްހާއިރަށް ދެމިގެންދާ ދިގު އަޑުއެހުންތަކެއް ބާއްވާފައިވާއިރު، މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުންވެސް މާދަމާ ހެނދުނު އަޑުއެހުމެއް ބާއްވާނެކަން އުއްތަމަ ފަނޑިޔާރު އިޢުލާން ކުރެއްވިއެވެ.

މާދަމާގެ އަޑުއެހުން ހެނދުނު 10:00 އަށް ތާވަލުކޮށް މިހާރު ސްޕްރީމް ކޯޓުގެ ތާވަލުގައި ހިމަނާފައިވާއިރު، މިއަދުގެ އަޑުއެހުން ނިންމަވާލައްވަނުން އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ، މާދަމާގެ އަޑުއެހުމުގައި މައްސަލައިގައި ފަހު ބަސް ބުނުމުގެ ފުރުޞަތު ދައުވާ ކުރާ ރައީސް ޔާމީނަށާއި، ދައުވާ ލިބޭ އިލެކްޝަންސް ކޮމިޝަނަށާއި، މައްސަލައަށް ތަދައްހުލް ވެފައިވާ ފަރާތްތަކަށް އަރުއްވާނެ ކަމަށެވެ.

އެހެންކަމުން މާދަމާގެ އަޑުއެހުމަކީ މި މައްސަލައިގެ ފަހު އަޑުއެހުން ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ. ނަމަވެސް މައްސަލަ ހުށަހަޅުއްވަމުން ރައީސް ޔާމީން ހުށަހަޅުއްވާފައިވާ އިޖުރާއީ ކަންކަމަށް މިހާތަނަށް ވަކި ގޮތެއް ކޯޓުން ނިންމަވާފައެއް ނުވެއެވެ.

މިއަދު މެންދުރަށް ޝަރީއަތް މެދުކަނޑާލައްވަމުން ސްޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެކަންކަމަށް މެންދުރުފަހު ގޮތެއް ނިންމަވާނެ ކަމަށެވެ. ނަމަވެސް އެކަންކަމަށް ގޮތެއް ނުނިނަމަވައި ހަވީރު އަޑުއެހުން ނިންމަވާލައްވަމުން ވިދާޅުވީ އެކަންކަމަށް ގޮތެއް ނިންމަވާނީ މާދަމާ ހެނދުނު ކަމަށެވެ.

މައްސަލައިގެ އަޑުއެހުމެއް މާދަމާ ހެނދުނަށް ތާވަލުކުރިއިރު، މިއަދުގެ އަޑުއެހުމުގައި މި މައްސަލައާ ގުޅޭގޮތުން ވަރަށް ބޮޑެތި ބަހުސްތަކެއް ކުރެވިފައިވެއެވެ. އެގޮތުން މި މައްސަލައަކީ ސްޕްރީމް ކޯޓަށް ނުބެލޭނެކަމަށް އިދިކޮޅު ފަރާތްތަކާއި، އިލެކްޝަންސް ކޮމިޝަނުން ބުނަމުން ދިޔަ ނަމަވެސް މި މައްސަލަ އެ ކޯޓަށް ބެލޭނެކަމަށް ވަނީ ކަނޑައަޅުއްވާފައެވެ. މާދަމާގެ އަޑުއެހުން ހެނދުނު 10:00 އަށް ތާވަލުކޮށްފައިވާއިރު އަޑުއެހުމަށް ވަންނަން ބޭނުންވާ ފަރާތްތަކުގެ ނަން ނޯޓް ކުރާނެ ވަކި ގަޑިއެއް އަދި އިއުލާން ކުރައްވާފައެއް ނުވެއެވެ. ނަމަވެސް މިއަދު ހެނދުނަށް ތާވަލުކުރި އަޑުއެހުމުގެ ނަން ނޯޓް ކުރުން ހެނދުނު 08:30 އިން 09:45 އަށް ކުރިއަށް ގެންގޮސްފައިވުމުން ބެލެވޭ ގޮތުގައި މާދަމާވެސް އަމަލުކުރައްވާނޭ މި އުޞޫލުންނެވެ.

ރިޔާސީ އިންތިޚާބާ ގުޅިގެން ރައީސް ޔާމީން ހުށަހަޅުއްވާފައިވާ ދުސްތޫރީ މައްސަލައިގައި އިންތިޚާބާ ގުޅުންހުރި މުހިންމު ކަންތައްތަކެއް ފާހަގަކުރައްވާފައިވާއިރު، މި މައްސަލައިގެ ހުކުމަށް މުޅި ދިވެހި ޤައުމު ދަނީ އިންތިޒާރު ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ގޔފގ

  ކިހާ ދެރަ ކަމެއްމީ ދެން..

 2. Anonymous

  އިންޝާ ﷲ ވޯޓް ވަގުން ތައް ފަޅާ އަރާ ރައީސް ޔާމީން ހޮވޭނީ.

 3. ވަހީދު

  ބާތިލު ކުރުމުން އެއްވެސް ބައެއްގެ ހައްގެއް ނުގެއްލޭނެ. ބާތިލު ނުކޮށްފިނަމަ ހައްގު ގެއްލޭނެ.

 4. ފިރާ

  މިސަރުކާރު އަދިވެސް ބޭނުންވަނީ ރައިޔަތުންގެ ތާއިދެއް ނެއްކަން މުޅި ދުނިޔެ އަށް އަންގަން މީ ޅަދުގަންނަން ޖެހޭކަމެއް

 5. ޢަބްދުﷲ

  ދަޢުވާ ބަލައި ދިނުމަށް ބާރުއެޅުމަކީ، ޢަދުލުއިންޞާފު ހޯދައި ލިބިގަތުމަށް އެދުމެވެ. އެކަމަކު، ދަޢުވާ ބަލައި ދިނުމަށް ދެކޮޅު ހެދުމަކީ، ޢަދުލުއިންޞަފަށް ހުރަސްއެޅުމެވެ. އެހެނީ ދަޢުވާ ބަލައި ދިނުމުން ލިބޭ ޙައްޤަކީ، ތުހުމަތުން ބަރީއަވުމުގެ ޙައްޤެވެ.

 6. މަ ވޯޓާ

  ބާޠިލުކުރުން އެންމެ ރަނގަޅުގޮތަކީ... އެއިރުން އެއްވެސް ބައެއްގެ ޙައްޤެއް ނުގެއްލޭނެ