ޅ. ހިންނަވަރު ފިހާރައަކުން ވަގަށް ނަގާފައިވާ ފައިސާތަކެއްގެ ތެރެއިން ބައެއް ފައިސާތައް ހޯދައި، ވައްކަންކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

ހިންނަވަރު ފިހާރައެއްގެ ފުރާޅުން ޓިނުނައްޓައިގެން ފިހާރައަށްވަދެ، އެފިހާރައިގެ ކައުންޓަރު ވަތްގަނޑުގެ ތަޅު ހަލާކުކޮށްލައިގެން -/18000ރ އަށްވުރެ ގިނަޢަދަދެއްގެ ފައިސާތަކެއް ވަގަށް ނަގާފައިވާ ކަމަށް ބުނެ މި މަހުގެ 11ވަނަ ދުވަހުގެ ރޭ 19:45 ހާއިރު ހިންނަވަރު ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު މައްސަލައަކާއި ގުޅިގެން ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ވިދާޅުވީ މި މަހުގެ 11 ވަނަ ދުވަހުގެ ރޭ ހިންނަވަރު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި، ކޯޓު ޢަމުރެއްގެދަށުން މިމީހާ ހައްޔަރުކޮށް މިމީހާވަގަށް ނަގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ފައިސާގެ ތެރެއިން -/15610ރ، ހިންނަވަރު ޕެޓްރޯލް ޝެޑްކައިރީ ގޮނޑުދޮށުގައި ރައްކާކޮށްފައި ހުއްޓާ ހޯދާފައިވާ ކަމަށެވެ.

މިމައްސަލައިގައި ހައްޔަރު ކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ޅ.ހިންނަވަރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއްވަނީ ދީފައެވެ.

މިމައްސަލަ ހިންނަވަރު ޕޮލިސް ސްޓޭޝަނުން ދަނީ ތަޙްޤީގުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނާނު

    ޢަދިވެސް ބުނާތި ފުލުހުން ކުރާކަމަކީ ކޮބައިހޭ

  2. ޕީޖޭ

    ޝުކުރިއްޔާ ޕޮލިސް? ރައްރަށު ފިހާރައަކުގައި ލިބޭ މިންވަރަކުން ނަމަވެސް ކެމެރާ ހަރުކުރެވޭތޯ ބެލުން ވ މުހިންމު ކަމެއް..

  3. ބޮސއ

    ތިމީހާދޫކޮށްލަން މަޖިލިސް އަށްގަރާރެއް ހުށައަޅާ