މީގެކުރިން ޖެންޑަރ މިނިސްޓްރީން ކުރިއަށް ގެންދިޔަ ސައިން ލެންގުއޭޖް ކޯހެއްގެ ތެރެއިން

މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީ އިން އާންމު ޙިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށާއި ސިއްޚީ ޚިދުމަތްތެރިންނަށް އަމާޒުކޮށްގެން ބޭއްވި ބޭސިކް ސައިން ލޭންގުއޭޖް ކޯސް ނިންމި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.

މިކަމަށްޓަކައި މިއަދު ހަވީރު މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ސެންޓްރަލް އެޑްމިނިސްޓްރޭޝަން އޮޑިޓޯރިއަމްގައި ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައި ބައިވެރިންނަށް ސެޓްފިކެޓްތަށް ހަވާލުކޮށްދެއްވީ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ އައިޝަތު ޝާހީން އާއި ޖެންޑަރ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ލީޝާ މުޙައްމަދު އިތުރުން ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ މަރިޔަމް ޖަބީން އެވެ.

މި ރަސްމިއްޔާތުގައި ބައިވެރިންނާ މުޙާތަބުކޮށް ވާހަކަދައްކަވަމުން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ސްޓޭޓް މިނިސްޓަރ ޑރ މަރިޔަމް ޖަބީން ވިދާޅުވީ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކަށްވެސް ޝާމިލު ކުރުމުގެ މުޙިއްމުކަން އިޙްސާސް ކުރެވެނީ ކަމަކުން މަހުރޫމް ވުމުން ކަމަށާއި އަޅުގަނޑުމެންނަށް އަންދާޒާ ކުރެވޭ ވަރަށް ވުރެ އަޑުއިވުމާއި ވާހަކަ ދެއްކުމުގެ ނުކުޅެދުންތެރިކަން ހުރި ކުދިން މި މުޖުތަމައުގައި ޢާއްމު ކަމަށެވެ.

ނަމަވެސް އެފަރާތްތަކަށް އަސާސީ ބޭނުންތަކުން ފެށިގެން ޢާއްމު ޚިދުމަތެއް ހޯދުމަށް ދިމާވާ ގޮންޖެހުންތަކާއި ދޭތެރޭގައި އަޅުގަނޑުމެންނަށް އެކަށީގެންވާ ގޮތެއްގައި ވިސްނާ ލެވިފައި ނުވާ ކަމަށް ޖަބީން ވިދާޅުވިއެވެ.

"މިފަރާތް ތަކަށްވެސް ހަމަހަމަ ފުރުސަތުތަކާއި ހަމަހަމަ ހައްގުތަށް ހޯދައި ދިނުމަކީ އަޅުގަނޑުމެން އެންމެންގެ ވެސް ވާޖިބެއް. އަދި އެފަރާތްތަކާއި މުއާމަލާތް ކުރެވޭނެ ގޮތެއް ނެތުމަކީ ނުވަތަ ނޭންގުމަކީ އެފަރާތްތަކާ މެދު ވެވޭ ވަރަށްވެސް ބޮޑު އިޙްމާލެއް. އަދި ޢާއްމު ހިދުމަތް ދޭ ފަރާތެއްގެ ހައިސިއްޔަތުން މުޢާމަލާތް ކުރަން އެނގުމަކީ ކޮންމެ މީހަކަށްވެސް އެނގެން ޖެހޭ ކަމެއް" ސްޓޭޓް މިނިސްޓަރ މަރިޔަން ޖަބީން ވިދާޅުވިއެވެ.

ސްޓޭޓް މިނިސްޓަރގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ މިފަދަ  ކޯހެއް މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީ އިން ކުރިޔަށް ގެންދިޔުމުގެ ބޭނުމަކީ މި މުޖުތަމައުގެ ވަރަށް ބޮޑު އަސާސީ ބޭނުމެއް ފުއްދުމަށް އެހީތެރިވުމުގެ ހެޔޮ ނިޔަތުގައި ކުރިޔަށްގެންދާ ޓްރެއިނިންގ ޕްރޮގްރާމް ތަކެއް ކަމަށެވެ.

މި ރަސްމިއްޔާތުގައި ކޯހުގެ ބައިވެރިއެއްގެ ހައިސިއްޔަތުން ވާހަކަދައްކަމުން ފުލުހުންގެ ފަރާތުން ކޯހުގައި ބައިވެރިވި ޗީފް އިންސްޕެކްޓަރ އޮފް ފޮލިސް އިސްމިއާ ޒާހިރު ވިދާޅުވީ މިފަދަ ކޯހެއް ޖެންޑާ މިނިސްޓްރީގެ ފަރާތުން ހިންގެވުމަކީ ނުހަނު އުފާކުރާކަމެއް ކަމަށާއި މި ކޯހުގެ އެޑްވާންސް ކޯހެއްވެސް ކުރިޔަށް ގެންދަވާނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އަދި ކޯހުގެ ހުރިހާ ބައިވެރިން މިހިސާބުން އެބަސް ހަނދާން ނައްތާނުލާ އާއްމު ދިރިއުޅުމުގައިވެސް މި ބަސް ބޭނުން ކުރަން ޖެހޭ ކަމަށެވެ. އަދި މުޅިން އާ ކަންތައްތަކެއް މި ކޯހުގެ ތެރެއިން ދަސްވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު