ރިޔާސީ އިންތިޚާބު ބާތިލް ކުރަން ސުޕްރީމް ކޯޓަށް ރައީސް ޔާމީން ހުށަހެޅުއްވި މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން ނިންމާލައިފިއެވެ.

ދެންމެ ނިންމާލި އަޑުއެހުމުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ ދެން އޮންނާނީ މައްސަލައިގެ ޙުކުމް އިއްވުން ކަމަށެވެ. ނަމަވެސް ޙުކުމް އިއްވާނެ ދުވަހެއް އިއުލާނެއް ނުކުރެއެވެ.

މި މައްސަލައިގައި ބޭއްވި ތިންވަނަ އަޑުއެހުން މިއަދު ހެނދުނު ފައްޓަވަމުން ސްޕްރީމް ކޯޓުގެ ބެންޗުން ވަނީ މައްސަލައިގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވި ސިއްރު ހެކިން ބަލައި ނުގަތުމަށް ނިންމަވާފައެވެ.
އެގޮތަށް ނިންމެވިކަން އިއުލާން ކުރައްވާ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ، "މިމައްސަލައިގައި ސިއްރުން ހެކިބަސް ނަގަން ޖެހޭ ފަދަ ހާލަތެއް އޮތް ކަމަށް ނުފެންނަ ކަމަށް ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައި ވާތީ ސިއްރު ހެކިބަސް ބަލައިނުގަންނަން ނިންމައިފިން." ކަމަށެވެ.

ސިއްރު ހެކިންގެ ހެކިބަސް ނުނަގަން ނިންމެވިކަން ރިޔާސަތުން އިއްވުމަށްފަހު ދެން ފުރުޞަތު ދެއްވީ ދައުވާ އުފުލި ރައީސް ޔާމީންގެ ވަކީލުންނާއި، ދައުވާ ރައްދުވާ އިލެކްޝަންސް ކޮމިޝަނުގެ ވަކީލުން އަދި މި ދުސްތޫރީ މައްސަލައަށް ތަދައްހުލްވެފައިވާ އެމްޑީޕީ، ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ އަދި ކުރީގެ ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމްގެ ވަކީލުންނަށް ފަހުބަސް ވިދާޅުވުމަށެވެ. މި ފުރުޞަތުގައި ހުރިހާ ފަރާތަކުންވެސް ވާހަކަފުޅު ދައްކަވާފައިވެއެވެ.

ފަހު ބަސް އިއްވުމަށް ދެއްވި ފުރުޞަތުގައި ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އައްބާސް ޝަރީފް ވިދާޅުވީ، މައްސަލައިގައި މައިގަނޑުގޮތެއްގައި ދައްކަންހުރި ވާހަކަތައް މީގެ ކުރިން ބާއްވާފައިވާ ދިގު އަޑުއެހުންތަކުގައި ދައްކާ ނިންމަވާފައިވާ ކަމަށާއި، ރިޔާސީ އިންތިޚާބުގެ ކަންކަން އިލެކްޝަންސް ކޮމިޝަނުން ކޮމިޝަނުން ކުރިއަށް ގެންގޮސްފައިވަނީ ރައްޔިތުންގެ ސިއްރު ވޯޓަކުން ދިވެހިންގެ ވެރިޔަކު އައްޔަން ކުރުމަށް ދީފައިވާ ހައްޤަށް އުނިކަން އަންނަގޮތަށް، އިންސާފުން އެއްކިބާވެގެން ކަމަށެވެ.

މި ފުރުޞަތުގައި އައްބާސް ވިދާޅުވީ، ވޯޓް ކަރުދާސް ޗާޕް ކުރުމަށް "އެމް-7" އަށް ދީފައިވަނީ ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ މަޤްޞަދުގައި ކަމަށާއި، އެ ޗާޕްހާނާއަކީ އިދިކޮޅު ކޯލިޝަންގެ އެއް ބައިވެރިޔާ ޤާސިމް އިބްރާޙީމްގެ މެޖޯރިޓީ ހިއްސާ އޮންނަ ތަނަކަށްވާއިރު އެކަން ހިނގާފައިވާގޮތް އިތުރަށް ބަލަންޖެހޭ ކަމަށެވެ. އަދި ވަކިން ހާއްޞަކޮށް ވޭތުވެދިޔަ ލޯކަލް ކައުންސިލް އިންތިޚާބު ފިޔަވާ އެހެން ހުރިހާ އިންތިޚާބެއްގެ ވޯޓް ކަރުދާސް ޗާޕްކޮށްފައިވާ ނޮވެލްޓީއަށް ސެކިއުރިޓީ ލެވެލްއަށް 2 މާރކްސް ދިނުމަށްފަހު، އެމް-7 އަށް 20 މާރކްސް ދެވުނު ގޮތްވެސް ސްޕްރީމް ކޯޓުން ބަލައިދެއްވުމަށް އެދިލެއްވިއެވެ.

ވޯޓް ކަރުދާސް ޕްރިންޓް ކުރުމުގެ އިތުރުން ވޯޓް ކަރުދާސް ރައްކާތެރިކޮށް ބެހެއްޓުމަށްޓަކައި އަމަލުކޮށްފައިވާ ގޮތާމެދުވެސް އައްބާސް ވަނީ ސުވާލު އުފައްދާފައެވެ. އެގޮތުން ވޯޓް ކަރުދާސް ރައްކާކޮށްފައި ބަހައްޓާފައިވާ ރައްކާތެރި ކޮޓަރީގެ ސީސީޓީވީ ފުޓޭޖް ލައިވްކޮށް ސްކްރީނުން ފުލުހުން ބަލާފައި ނުވުމާއި، އެތަނަށް ވަނުމުގެ ހުއްދެ ނެތް ތިން މީހަކު ވަނުމުގެ އިތުރުން އިލެކްޝަންސް ކޮމިޝަނުގެ ބައެއް މެންބަރުން އެތަނަށް ވަނީ ކޮން ބޭނުމަކުކަން އެނގެން ނެތްކަން ރައީސް ޔާމީންގެ ވަކީލުން ފާހަގަކުރެއްވިއެވެ.

މާލޭގައި ޤާއިމުކޮށްފައިވާ ނޭޝަނަލް އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯ ވޯޓް އެކަށީގެންވާ ގޮތަށް މަސައްކަތް ކުރުމުގެ ފުރުޞަތު ހަނިކޮށްފައިވާ މައްސަލަވެސް ރައީސް ޔާމީންގެ ވަކީލުން ތަކުރާރުކޮށް މިއަދުވެސް ފާހަގަކުރެއްވިއެވެ. އެގޮތުން ވޯޓް ލީ ދުވަހުގެ ކުރީ ދުވަހުގެ ރެއިން ފެށިގެން ވޯޓް ލީ ދުވަހުގެ މެންދުރުފަހާ ހަމައަށް އެ ބިއުރޯގެ މަސައްކަތް ހުއްޓިފައިވާކަން ފާހަގަކޮށްފައިވެއެވެ. އަދި އިލެކްޝަންސް ކޮމިޝަނުގެ ލަފާގެ މަތިން ނޫން ގޮތަކަށް އެ ބިއުރޯއަށް ނިންމުންތައް ނުނިންމޭގޮތަށް އެންގުންފަދަ ކަންކަމާ ގުޅިގެން މިނިވަން ޝަކުވާގެ ނިޒާމަށް ހުރަސް އެޅިފައިވާ ކަމަށްވެސް އައްބާސް ވިދާޅުވިއެވެ.

މީގެ އިތުރުން ދެލި ފުހެވޭ ގަލަމާއި، ވޯޓް ކަރުދާހުގައި ކެމިކަލެއް ބޭނުންކޮށްފައި ހުރުމުގެ އިތުރުން 23 ސެޕްޓެމްބަރ ގައި ލީ ވޯޓަކީ ޤާނޫނު އަސާސީގެ 108 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ ސިއްރު ވޯޓަކަށް ނުވާކަމަށް ރައީސް ޔާމީންގެ ވަކީލުން ފާހަގަކުރެއްވިއެވެ. އެގޮތުން ބަލާއިރު، ވޯޓް ލާ ބޫތް ފަރުމާ ކޮށްފައިވާ ގޮތާއި، ބަހައްޓާފައިވާ ގޮތުން ވޯޓްގެ ސިއްރުކަން ގެއްލިފައިވާކަމަށް އައްބާސް ވިދާޅުވިއެވެ.

މީގެ އިތުރުން ޔޫވީ ލައިޓުން ފެންނަނީ އެންމެ ސެކިއުރިޓީ ފީޗަރއެއްކަން އެނގުނީވެސް އިއްޔެގެ ޝަރީއަތުން ކަމަށާއި، ޔޫވީ ލައިޓުން ބަލާ ޗެކް ކޮށްފައި ނުވާކަމުގެ އެތައް ޝަކުވާއެއް ހުށަހެޅިފައިވާކަމަށް ޔާމީންގެ ވަކީލުން ފާހަގަކުރެއްވިއެވެ. އަދި ވޯޓުލުމަށްފަހު ވޯޓް ކަރުދާސްތައް މާލެ ގެނައިއިރު ބައެއް ސެކިއުރިޓީ އުރަތައް ކެނޑިފައި ހުރިކަން މިއަދުވެސް ތަކުރާރުކުރެއްވިއެވެ. އަދި ވޯޓް ލާ ސަރަހައްދަށް މަނާތަކެތި ވައްދާފައިވާކަމަށް އީސީންވެސް އިއުތިރާފް ވެފައިވާ ކަމަށާއި، ބޭނުންވަނީ އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އަޅަން ނޫން ކަމަށާއި، ބޭނުންވަނީ ގެއްލިގެންދިޔަ އިންތިޚާބީ ހައްޤުވެސް ލިބިގެން ދިއުމަށްކަމަށް އައްބާސް ވިދާޅުވިއެވެ.

މި މައްސަލައިގައި އިތުރަށް ރައީސް ޔާމީންގެ ވަކީލުން އެދިލެއްވީ 13 ކަމެއް ސްޕްރީމް ކޯޓުގެ ބެލުމުގެ ދަށުން ބަލައިދިނުމަށެވެ. އޭގެ ތެރޭގައި ވޯޓް ކަރުދާސް ޗާޕް ކުރުމާއި، ބެލެހެއްޓުމާއި، ފާހަގައިގެ އިތުރުން ވޯޓް ލީ ގަލަމާ ގުޅޭ މައްސަލަތައްވެސް ހިމެނެއެވެ. ރައީސް ޔާމީންގެ ވަކީލް އައްބާސް ޝަރީފް ވިދާޅުވީ، ތަހްޤީގު ކުރުމަށް ހުށަހަޅާފައިވާފަދަ އެއްވެސް ކަމެއް ހިނގާފައިވޭތޯ ބެލުމަށްފަހު ނޫނީ މި މައްސަލައިގައި ހުކުމަކާ ހަމައަށް ވާސިލް ނުވުން އެދިލައްވާ ކަމަށެވެ. އަދި ވީ އެންމެ އަވަސް ފުރުޞަތެއްގައި މި މައްސަލަ ބައްލަވައި، ނިހާއީ ހުކުމެއް އިއްވައިދެއްވުމަށްވެސް އެދިލެއްވިއެވެ.

ފަހު ބަސް ބުނުމަށް ދެއްވި ފުރުޞަތުގައި އިލެކްޝަންސް ކޮމިޝަނުގެ ވަކީލް، ހުސައިން ޝަމީމް ވިދާޅުވީ، ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓަކީ "ޓްރިއަލް ކޯޓެއް" ނޫން ކަމަށާއި، މި މައްސަލައިގައި ރައީސް ޔާމީންގެ ފަރާތްޕުޅުން އުފައްދާފައިވަނީ "އިޙްތިމާލް" ތަކެއް ކަމަށެވެ. ޝަމީމް ވިދާޅުވީ އިޙްތިމާލްތަކަކީ ޔަޤީން ނުވާކަންކަން ކަމަށާއި، އެފަދަ އިޙްތިމާލެއް އޮތްނަމަ އެކަން ރައީސް ޔާމީން ސާބިތުކޮށްދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.

ފަހުބަސް ވިދާޅުވަމުންވެސް އީސީގެ ވަކީލް ޝަމީމް ވިދާޅުވީ، ވޯޓް ކަރުދާހުގައި ކެމިކަލްއެއް ހާކާފައިވާކަމުގެ އެއްވެސް ޝަކުވާއެއް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅިފައި ނެތް ކަމަށާއި، ވޯޓް ކަރުދާސް ޗާޕް ކޮށްފައިވަނީ ރައީސް ޔާމީންގެ ފިނޭންސް މިނިސްޓަރު ހުއްދަ ދެއްވައިގެން މާލިއްޔަތު ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

ކޮމްޕްލެއިންޓްސް ބިއުރޯގެ ޝަކުވާ ކުރައްވަނީ އެކަން ހިނގާގޮތް ރަނގަޅަށް އެނިވަޑައި ނުގަންނަވާތީ ކަމަށާއި، ނޭޝަނަލް އިލެކްޝަން ކޮމްޕްލެއިންޓްސް ބިއުރޯ ހުއްޓުނަސް ވޯޓްލާ މަރުކަޒުގެ ވެރިޔާއަށާއި، ރަށު ފޯކަލް ޕޮއިންޓަށް އަދި އަތޮޅު ކޮމްޕްލެއިންޓްސް ބިއުރޯއަށްވެސް މައްސަލަ ހުށަހެޅޭނެ ކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި ކޮމްޕްލެއިންޓްސް ބިއުރޯއަކީ ކޮޕީ ނަގާތަނެއް ނޫން ކަމަށާއި، ފެކްސް އިން މައްސަލަ ބަލައި ނުގަންނާނެކަމަށް ނަމަވެސް އީމެއިލްއިން މައްސަލަ ބަލައިގަންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ކޮމްޕްލެއިންޓްސް ބިއުރޯ މަސައްކަތް ނުކުރާކަމަށް ބުނާ ބުނުމަކީ ހަޤީޤަތާ ޚިލާފު ވާހަކައެއް ކަމަށްވެސް އީސީން ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ، އިންތީޚާބުގެ 90 އިންސައްތަ މީހުންގެ ވޯޓުގެ ސިއްރުކަން ގެއްލިފައިވާކަމަށް ރައީސް ޔާމީން ވިދާޅުވި ނަމަވެސް، 0.03 އިންސައްތަ މީހުންވެސް އެފަދަ މައްސަލަ ހުށަހަޅުއްވާފައި ނުވުމުން ދޭހަވަނީ އެއީ ހަޤީގަތެއް ނެތް ވާހަކައެއްކަން ކަމަށެވެ. އަދި މީގެ ކުރިން އެހެން ނުބުނެ މިއަދު އެހެން ބުނުމުން ޤަބޫލު ނުކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ. އަދި ސެކިއުރިޓީ އުރަ ތިނެއް ކެނޑިފައި ނުހުންނާނެކަމަށް އީސީން ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވައި ޝަމީމް ވިދާޅުވީ، އިންތިޚާބުތަކާބެހޭ ޢާއްމު ޤާނޫނުގެ 59 ވަނަ މާއްދާއިން ބަންދުކޮށްފައި ހުންނަން ޖެހޭނީ ވޯޓް ކަރުދާސް އެކަނި ކަމަށެވެ.

ޔޫވީ ލައިޓް ގިނަ ތަންތަނުގައި ބޭނުންކޮށްފައި ނުވުމުން ހުށަހަޅާފައިވާ މައްސަލަތަކުގެ ރައްދުގައި އީސީން ވިދާޅުވީ، އެގޮތަށް ޓެސްޓު ކުރުމަކީ ވޯޓް ކަރުދާސް ކޮޅަކާމެދު ސުވާލު އުފެދިއްޖެ ޚާލަތެއްގައި އެކަނި ކުރަން އޮންނަ ކަމެއް ކަމަށެވެ. އަދި ވޯޓްލާ މަރުކަޒަށް ވެއްދުން މަނާތަކެތި ވެއްދުމުން އެކަންކަން ކުރި ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށާއި، އެއީ އިންތިޚާބު ބާތިލްކުރަންޖެހޭ ސަބަބެއް ނޫންކަމަށް ޝަމީމް ވިދާޅުވިއެވެ.

އީސީގެ މެންބަރުންނާ ގުޅުވައިގެން ދައްކާ ވާހަކަތަކަށް ރައްދުވެއްވައި އީސީގެ ވަކީލް ޝަމީމް ވިދާޅުވީ، ކޮމިޝަނުގެ މެންބަރަކު ކުރައްވާ ކަމަކުން އެކަމުގެ ޒިންމާ ކޮމިޝަނުން ނަންގަވަން ނުޖެހޭނެ ކަމަށާއި، އެފަދަ ނިންމުމުން 2018 މާރިޗު 27 ވަނަ ދުވަހު ސްޕްރީމް ކޯޓުން ނިންމަވާފައިވާ ކަމަށެވެ.

ފަހުބަސް އިއްވަވަމުން އެމްޑީޕީ، ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ އަދި ކުރީގެ ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމްގެ ވަކީލުންގެ ޓީމުން ހިސާން ހުސައިން ވިދާޅުވީ، ރައީސް ޔާމީންގެ ފަރާތްޕުޅުން މި މައްސަލަ ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވަނީ އިންތިޚާބީ މައްސަލަތައް ހުށަހަޅާއިރު ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަކާ ނުލާ ކަމަށެވެ. އަދި މައްސަލައިގައި ބުނާ މައިގަނޑު ކަންކަން ސާބިތު ކޮށްދެވޭ ވަރުގެ އެއްވެސް ހެއްކެއް، ގަރީނާއެއް ހުށަހަޅާފައި ނުވާކަމަށާއި، މި މައްސަލަ އެހެންކަމުން މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

ހިސާން ވިދާޅުވީ، ޤާނޫނު އަސާސީން ލިބިދީފައިވާ ހައްޤެއް ނިގުޅައިގެންފައިވާކަން މި ދައުވާފައި ބަޔާންކޮށްދެވިފައި ނުވާ ކަމަށާއި، އެފަދަ ކަންކަން ސާބިތު ކުރުމުގެ ޒިންމާ ފުރުޅާލަން މަސައްކަތް ކުރައްވާކަން ފާހަގަވާ ކަމަށެވެ. އަދި އެގޮތަށް ކަންކަން ފުރުޅާލެވޭނެ އިސްތިސްނާ ޚާލަތެއް ނެތް ކަމަށްވެސް ހިސާން ވިދާޅުވިއެވެ. އަދި މައްސަލައިގައި ބުނާ ކަންކަން ސާބިތު ކުރުމަށް ހެއްކާއި ގަރީނާ ހުށަހަޅަންޖެހޭނެ ކަމަށާއި، އެކަން ކޮށްފައި ނުވާކަމަށް ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ ރިޔާސީ އިންތިޚާބެއްގެ އިންސާފުވެރިކަމާއި، މިނިވަންކަން އަދި ނަޒާހަތްތެރިކަން ކަނޑައަޅާނެ މިންގަނޑު 2013 ވަނަ އަހަރުގެ ސްޕްރީމް ކޯޓުގެ 42 ނަންބަރު ގަޒިއްޔާއިން ކަނޑައަޅާފައިވާ ކަމަށާއި، 23 ސެޕް ގެ އިންތިޚާބު އެ މިންގަނޑުތަކަށް ފެތޭ ކަމަށެވެ.

އިތުރަށް ހިސާން ވިދާޅުވީ ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް ފެށެނީވެސް އަދި ނިމެނީވެސް ރައްޔިތުންގެ ކިބައިން ކަމަށާއި، މި މައްސަލައަކީ ރިޔާސީ އިންތީޚާބުން ބަލިވުމުން ލިބުނު "މޮޅިވެރިކަމާއި، ވޭނާއި، އާޚުން" ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ.

މި މައްސަލަ ސާބިތުކުރުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ކޯޓަށް ހުށަހެޅި ސިއްރު ހެކިންގެ ހެކިބަސް ނުނަގަން ސްޕްރީމް ކޯޓުން މިއަދު ނިންމަވާފައިވާއިރު، މައްސަލައިގެ ހުރިހާ އަޑުއެހުމެއް ވަނީ ނިންމާލާފައެވެ. ނަމަވެސް މައްސަލައިގެ ހުކުމް އިއްވާނެ ވަކި ދުވަހެއް މިހާތަނަށް ހާމަކުރައްވާފައެއް ނުވެއެވެ.

(ތަފްސީލް އަންނަނީ)

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހަނާ

    މިރޭ އެކެއް ޖަހާއިރު ދޯ

  2. ޔާމިން

    ވަރައްސާފް އިންތިހާބްބާތިލް 7ދުވަސްތެރޭގާއަލުންބޭއްވުމައްއިލެއްޝަންކޮމިޝަންއައްގަން

    • ނާމީ

      އިންތިޙާބު ބާތިލްކުރަާކަށް ނުޖެހޭ..

  3. ޢަބްދުﷲ

    މައްސަލައެއް ބަލައި ތަޙްޤީޤު ކުރުމުގެ މައްޗަށް ބާރު އެޅުމުގެ ގޮތުން ތަޙްޤީޤީ އިދާރާއާއި އަދި ސަލާމަތީ ބާރުތަކަށް ސުޕުރީމު ކޯޓް މެދުވެރިކޮށް، ޙުކުމެއް، ނުވަތަ އަމުރެއް ނެރެދެއްވުމަށް ރައީސުލްޖުމުހޫރިއްޔާގެ ފަރާތްޕުޅުން އެދެމުންދަނީ، އެއްވެސް ޝަރުޢީ އަދި ޤާނޫނީ ހަމައެއްނެތި ކަމަށްވާއިރު، ޔަޢުނީ، ތަޙްޤީޤީ އިދާރާއާއި އަދި ސަލާމަތީ ބާރުތައް ކޮންޓްރޯލް ކުރެއްވުމުގެ އެންމެހައި ބާރުތަކާއި އިޚްތިޔާރުތައް އޮންނަނީ، ރައީސުލްޖުމުހޫރިއްޔާގެ އަތްޕުޅުގައި ކަމަށްވާއިރު، މިކުރެވެނީ ކޮންކަމެއްތޯއާއި އަދި މިދެކެވެނީ، ކޮންވާހަކައެއްތޯ ލިޔާމީހާގެ މޮޔަ ސިކުނޑީގައި ވަރަށްބޮޑަށް ސުވާލުއުފެދެއެވެ. ކިޔާމީހާ މިކަމާބެހޭގޮތުން ބުނަނީ ކީކޭތޯއެވެ؟