އދ. ގެ ރެޒިޓެންޑް ކޯޑިނޭޓަރ ޝޯކޯ ނޯޑާ އާއި ޓްރާންސިޝަން ކޮމިޓީގެ ޗެއަރމަން އަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ޝާހިދު ވަނީ ޓްރާންސްސިޝަން ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައި ޓްރާންސްސިޝަން ކޮމިޓީތަކުން ހޯދާފައިވާ ކުރިއެރުންތައް ފާހަގަކުރައްވާފައެވެ.

އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އާއި ވެސް އދ. ގެ ރެޒިޓެންޑް ކޯޑިނޭޓަރ މީގެ ކުރިން ވަނީ ބައްދަލުކުރައްވާފައެވެ.

ވެރިކަން ބަދަލު ކުރުމުގެ މަރުހަލާއާއި ގުޅޭގޮތުން ޝާހިދު ވިދާޅުވީ، ވެރިކަން ބަދަލުވާ މަރުޚަލާގެ ކަންކަން ސަރުކާރުގެ މުއައްސަސާތަކާއި ގުޅިގެން ވަރަށް އޮމާންކަމާއެކު ކުރިއަށްދާ ކަމަށާއި، މަޢުލޫމާތު ބަދަލުކުރުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށެވެ.

ޝާހިދު ވިދާޅުވެފައި ވަނީ ވެރިކަން ބަދަލުކުރުމަށް އެކުލަވާލާފައިވާ 13 ކޮމިޓީ އިން ދައުލަތުގެ 67 އަދަދެއްގެ އިދާރާތަކާ ބައްދަލުކޮށްފައިވާ ކަމަށެވެ. އެ ކޮމިޓީތަކުގައި 418 ބޭފުޅަކު ތިއްބަވައެވެ. ޝާހިދު ވިދާޅުވީ ކޮމެޓީގެ ހުރިހާ ބޭފުޅުންވެސް މަސައްކަތް ކުރައްވަނީ، އެއްވެސް އުޖޫރައަކާ ނުލައި ވޮލަންޓިއަރުންގެ ގޮތުގައި ކަމަށެވެ.

23 ސެޕްޓެމްބަރ ގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި، އިބްރާހީމް މުޙައްމަދު ޞާލިޚު ވެރިކަމުގެ ހުވާ ކުރެއްވުމަށް ހަމަޖެހިފައިވަނީ އާއްމުކޮށް ރައްޔިތުންނަށް ހުޅުވާލެވިގެން ގަލޮޅު ދަނޑުގައި ބާއްވާ ރަސްމީ އިހްތިފާލުގައި އަންނަ ނޮވެމްބަރ މަހުގެ 17 ވަނަ ދުވަހުއެވެ.

އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރައީސް ކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ގަލޮޅު ރަސްމީ ދަނޑުގައި ބާއްވަން ނިންމާފައިވާއިރު މިރަސްމިއްޔާތުގައި ބޭރުގެ ޤައުމު ތަކުގެ މަތީ ފަރާތްތަކަށްވެސް ދަޢުވަތު އަރުވާނެ ކަމަށް އެމްޑީޕީއިން ވަނީ ވިދާޅުވެފައެވެ.

ރިޔާސީ އިންތިހާބު އިބޫ ކާމިޔާބުކުރެއްވީ ވޯޓުލީ މީހުންގެ 58.4 އިންސައްތަ ހޯދައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަބްދުﷲ

    ޓްރާންސިޝަން ކޮމިޓީގެ ފަރާތުން ކުރައްވާ އެއްވެސްކަމެއް ހުއްޓުވުމަށް ނުވަތަ ފަސްކުރުމަށް ސުޕުރީމު ކޯޓުން އަމުރު ކުރައްވާފައި ނުވާނަމަ، ޓްރާންސިޝަން ކޮމިޓީގެ ފަރާތުން ކުރައްވާ އެންމެހައި ކަންތައްތައް ބަރާބަރަށް ކުރިއަށްދާނެއެވެ. އެހެނީ، ޔާމީނުގެ ފަރާތުން ކޮށްފައިވާ ދަޢުވާގައި އެފަދަކަމަކަށް އެދިފައިނުވާކަން ފާހަގަކުރެވެއެވެ.