ރާއްޖޭގެ އެންމެ ބޮޑު ކޮލެޖު ކަމަށްވާ ވިލާ ކޮލެޖުން އަންނަ އަހަރުގެ ޖެނުއަރީ މަހު ފަށަން ހަމަޖެހިފައިވާ 99 ކޯހަކަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

އެ ކޮލެޖުން އަންނަ އަހަރު ޖެނުއަރީ މަސް ތެރޭގައި ފަށަން ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި، އިންފޮމޭޝަން ޓެކްނޮލޮޖީ، ކޮމްޕިއުޓާ ސައިންސް، ބިޒްނަސް މެނޭޖްމެންޓް، ޓީޗިންގ، ޝަރީއާ އަދި ލޯގެ ނާސިންގ، ހިއުމަން ރިސޯސް، ހިމެނެއެވެ. އެ ކޯސްތަކުގެ ތެރޭގައި ހިމެނެނީ ވިލާ ކޮލެޖުގެ އަމިއްލަ ކޯސްތަކާއި އިނގިރޭސިވިލާތުގެ ވެސްޓް އޮފް އިންގްލޭންޑުގެ ކޯސްތަކެވެ.

އެ ކޮލެޖްގެ އަންނަ އަހަރު ފަށާ ކޯސްތަކުގައި ބައިވަރިވުމަށް އެޕްލިކޭޝަން ހުށަހެޅުމަށް މިއަދުން ފެށިގެން ހުޅުވާލާފައިވާއިރު، އެ ކޮލެޖުގައި އަންނަ އަހަރު ފަށާ ޑިގްރީ އާއި މާސްޓާޒް އަދި ޕްރޮފެޝަނަލް ޕްރޮގްރާމްތަކަށް އަންނަ ޑިސެމްބަރު 27 ވަނަ ދުވަހާ ހަމައަށް ކުރިމަތިލެވޭނެއެވެ. އަދި ސެޓްފިކެޓް ލެވެލް 2 އަދި ސެޓްފިކެޓް ލެވެލް ތިނަކާއި ފައުންޑޭޝަންގެ ޕްރޮގްރާމްތަކަށް ޖެނުއަރީ 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިމަތިލެވޭނެއެވެ.

ވިލާ ކޮލެޖުގެ ވައިސް ރެކްޓާ ޑރ. އަލީ ނަޖީބު ވިދާޅުވީ، ވިލާ ކޮލެޖުން ހިންގާ ކޯސްތަކަށް ކޮންމެ ތަނެއްގައި ހުރި ކަމުގައި ވިއަސް، އޮންލައިންކޮށް ކޯސްތަކަށް ކުރިމަތިލެވޭނެ ކަމަށެވެ. އަދި ކޯހަށް ފައިސާ ދެއްކުމުގެ ފުރުސަތު ވެސް އޮންލައިންކޮށް ހަމަޖައްސާފައިވާ ކަމަށްވެސް ނަޖީބު ވިދާޅުވިއެވެ.

"ދިވެހި ރާއްޖޭގައި އޮންލައިންކޮށް އެޕްލައިކުރެވި، ޕޭ ކުރެވޭ ހަމައެކަނި އިންސްޓިޓިއުޓް މިއީ". ނަޖީބު ވިދާޅުވިއެވެ.

އެ ކޮލެޖުގެ މާލޭގެ މައި ކެމްޕަހާއި، އަތޮޅުތަކުގައި ހުންނަ އެ ކޮލެޖްގެ ކެމްޕަސްތަކުގައި ގިނަ އަދަދެއްގެ ދަރިވަރުން މިހާރު ދަނީ ކިޔަވަމުންނެވެ.

ނަޖީބު ވިދާޅުވީ، އެ ކޮލެޖުގެ ކެމްޕަސްތަކުގައި މިފަހަރުވެސް ކޯސްތައް ކުރިއަށްދާނެ ކަަމަށެވެ. އަދި އައްޑޫގައި އޭސީސީއޭގެ ކްނޮކެލް ކޯސް އަލަށް ހިންގުމަށް ގަސްތު ކުރާކަމަށް ނަޖީބު ވިދާޅުވިއެވެ.