ދިވެހިރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބުތަކުގައި ބޭނުންކުރާ ވޯޓް ކަރުދާހަކީ "މިނިވަން، މުސްތަޤިއްލު" ޗާޕްހާނާއަކުން ޕްރިންޓް ކޮށްފައިވާ ވޯޓް ކަރުދާހަށްވުން ލާޒިމު ނޫންކަމަށް އެމްޑީޕީ، އަދާލަތު ޕާޓީ، ޖުމްހޫރީ ޕާޓީ އަދި ކުރީގެ ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމްގެ ޤާނޫނީ ވަކީލުންގެ ޓީމުން ވިދާޅުވެއްޖެއެވެ.

ކޯލިޝަންގެ ޤާނޫނީ ޓީމުގެ ފަރާތުން ހިސާން ހުސައިން މިހެން ވިދާޅުވެފައިވަނީ ނިމިދިޔަ ރިޔާސީ އިންތީޚާބު ބާތިލު ކޮށްދިނުމަށްއެދި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ ދުސްތޫރީ މައްސަލައަށް ތަދައްހުލްވެވަޑައިގެން، އެ މައްސަލައިގެ ޝަރީއަތުގެ ފަހުބަސް ވިދާޅުވުމަށް ދެއްވި ފުރުޞަތުގައެވެ.

ހިސާން ވިދާޅުވީ، ވޯޓް ކަރުދާސް ޗާޕްކުރަނީ މިނިވަން، މުސްތަޤިއްލު ކުންފުންޏަކަށް ވާން ޖެހޭކަމަށް ބުނާ އެއްޗެއް ޤާނޫނެއް އަދި ގަވާއިދެއްވެސް ދިވެހިރާއްޖޭގައި ނެތް ކަމަށެވެ. އެހެންކަމުން ކޮންމެހެން ވޯޓް ކަރުދާސް ޗާޕްކުރާ ކުންފުނީގެ ބޯޑުގައި ތިއްބަވަނީ ކޮން ބައެއްތޯ ބަލަންވެސް ނުޖެހޭނެ ކަމަށެވެ.

ހިސާން މިހެން ވިދާޅުވެފައިވަނީ، ރިޔާސީ އިންތިޚާބުގެ ވޯޓް ކަރުދާސް ޗާޕް ކޮށްފައިވާ "އެމް-7" ގެ ބޯޑުގެ ނިންމުމެއް ވޯޓް ކަރުދާސް ޗާޕް ކުރުމާ ގުޅޭގޮތުން އޮތްތޯ ސްޕްރީމް ކޯޓުން ބަލައިދިނުމަށް އެދި ރައީސް ޔާމީންގެ ޤާނޫނީ ޓީމުން އެދިފައިވާތީ، އެކަމަށް ފާޑުވިދާޅުވަމުންނެވެ.

ހިސާން މިހެން ވިދާޅުވެފައިވާއިރު، ވޯޓް ކަރުދާސް ޗާޕް ކުރުމާއި، އެ ކަރުދާސް ރައްކާތެރިކޮށް ބެލެހެއްޓުމުގައި އިލެކްޝަންސް ކޮމިޝަނުން އަމަލުކޮށްފައިވާ ގޮތާއިމެދު ރައީސް ޔާމީން ވަނީ ސުވާލު އުފައްދާފައެވެ.

އިތުރަށް ހިސާން ވިދާޅުވީ ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް ފެށެނީވެސް އަދި ނިމެނީވެސް ރައްޔިތުންގެ ކިބައިން ކަމަށާއި، މި މައްސަލައަކީ ރިޔާސީ އިންތީޚާބުން ބަލިވުމުން ލިބުނު "މޮޅިވެރިކަމާއި، ވޭނާއި، އާޚުން" ރައީސް ޔާމީން ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ.

މި މައްސަލަ ސާބިތުކުރުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ކޯޓަށް ހުށަހެޅި ސިއްރު ހެކިންގެ ހެކިބަސް ނުނަގަން ސްޕްރީމް ކޯޓުން މިއަދު ނިންމަވާފައިވާއިރު، މައްސަލައިގެ ހުރިހާ އަޑުއެހުމެއް ވަނީ ނިންމާލާފައެވެ. ނަމަވެސް މައްސަލައިގެ ހުކުމް އިއްވާނެ ވަކި ދުވަހެއް މިހާތަނަށް ހާމަކުރައްވާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ރައްޔިތުން

    އެހެނާ... އެކަމު އެހެންކިޔާގެން ހަޅޭއްވެސް ލެވި ތިމީހުން

  2. ަައަހްމަދު

    ކަމަނާ ކަމަނާމިއަދުތިޔަވިދާޅުވާބަސް އަދިބަދަލުވާދުވަސް އަނާނެ މިއަދުކަންތައްތައް މިވަމުންދާގޮތްރަށްޔިތުންބަލަންމިތިބީ ﷲގެހެޔޮރަހުމަތުން މިކަންކަމުގެ ހަގީގަތް މާލަސްތަކެއްނުވެ ފެންނާނެ ކަމަނާމިއަދު ތިޔަފޮރުވަން މަސައްކަތްކުރާކަންތައްތައް ކަމާނަށް އަދިކުރިމަތިވާނެ އިންތިޒާރުކޮށްލަށްވާ

  3. ޝަރީފް

    މިނިވަން ތަނަކަށް ވާން ޖެހޭނެ.!!

  4. ހުސޭނުބޭ

    މި މީހުންގެ ކޮޅަށް ބޮޑުކޮށް އޮތުމުން އެއީ މައްސަލައެއްނޫން! ވޯޓުން ވައްކަންކުރުމަކީވެސް މައްލައެއްނޫން! އެކަމަކު އަނެއް ކޮޅަށް ވޯތު އޮތްނަމަ އެއީ ގަޔަށްބޮލަށް އަރާގަންވަރުގެ މައްސަލައެއް!....ހަމަ ޖަންގަލީ ޤާނޫނު!

  5. އުދުހޭމުޞައްލަ

    ތިކަން އެނގުނީހީ ވޯޓު ކަރުދާސްތައް ސަރުކާރު ނިސްބަތްވާ ތަނަކުން ޗާޕްކޮށް ގެން މެދުވެރި ވި މައްސަލައެއްނަމަ، އެއިރުން ތިބައިގަނޑު ކިޔާނީ އެހެންލަވައެއް ތޯއްޗެއް؟ ގާނޫނަކުން ބަޔާން ކޮށްފަ ނެތަސް ކޯލިޝަން ހަދައިގެން އުޅޭ މީހެއްގެ ޙިއްސާއޮންނަ ތަނަކުން ވޯޓުކަރުދާސް ޗާޕްކުރި ކުރުމަކީ ކަނޑައެޅިގެން ވޯޓަށް މަކަރު ހެދުމުގެ ފުރުޞަތު އޮންނާނެ ކަމެއް ކަމުގައި އަހަރުމެން ގަބޫލު ކުރަނީ!