އިންތިހާބީ މައްސަލަތަކުގައި ސިއްރު ހެކި ބަލައިނުގަތުމަކީ އިންތިހާބީ ނިޒާމަށް ލިބުނު ކުރިއެރުމެއް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ފާއިޒު ހުސެއިން ވިދާޅުވެއްޖެއެވެ.

ފާއިޒު މިހެން ވިދާޅުވެފައިވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ބާތިލުކުރުމަށް ރައީސް އަބްދުﷲ ޔާމީން ހުށަހެޅުއްވި މައްސަލައިގައި ސިއްރު ތިން ހެކިންގެ ހެކިބަސް ނުނަގަން މިއަދު ސުޕްރީމް ކޯޓުން ނިންމެވުމާ ގުޅިގެންނެވެ.

ފޭސްބުކްގައި ފާއިޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންތިހާބީ މައްސަލަތަކުގައި ސިއްރު ހެކި ބަލައިނުގަތުމަކީ ރާއްޖޭގެއިލެކްޓޯރަލް ޖުޑީޝަލް ސިސްޓަމަށް ލިބިގެންދާނެ ކުރިއެރުމެއް ކަމަށެވެ. އަދި މިއީ އިންތިހާބީ މައްސަލަތަކާ މެދު އިތުބާރު ބޮޑުވެގެންދާނެ ކަމެއް ކަމަށްވެސް ފާއިޒު ވިދާޅުވިއެވެ.

މީގެކުރިން 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު ސުޕްރީމް ކޯޓުން ބާތިލް ކުރިއިރު އުއްތަމަ ފަނޑިޔާރަކަށް ހުންނެވީ ފާއިޒު ކަމަށްވާއިރު އެ މައްސަލައިގައި އެހެން ފަނޑިޔާރުންނާއި ފާއިޒުގެ ރަޔުއު ތަފާތުވިއެވެ.

އެ މައްސަލައަށް އިޝާރަތް ކުރައްވަމުން ފާއިޒު ވިދާޅުވީ އެ އިންތިޚާބު ބާތިލްނުކުރެވޭނެ ކަމަށް އޭނާ ބެލި ކަންކަމުގެ ތެރެއިން އެއް ކަމަކީ އިންތިޚާބީ މައްސަލަތަކުގައި ސިއްރު ހެކީގެ މައްޗަށް އިންތިޚާބެއް ބާތިލް ކުރެވިދާނެ ކަމަށް ނުދެކުން ކަމަށެވެ. އަދި އިސްލާމް ދީން ވެސް ބާރު އަޅަނީ ސިއްރު ހެކި ބަލައިނުގަތުމަށް ކަމަށް ފާއިޒު ވިދާޅުވިއެވެ.

އިންތިހާބު ބާތިލުކުރުމުގެ މައްސަލައިގައި ރައީސް ޔާމީންގެ ވަކީލުން ސިއްރު ހެކިންގެ ގޮތުގައި ހުށަހަޅަން ނިންމި ފަރާތްތަކަކީ އިންތިޚާބު އޮޅުވާލުމަށްޓަކައި ބޭނުންކުރިކަމަށް ބުނާ އަނގޮޓިތައް، އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ ބެލުމުގެ ދަށުން، ރާއްޖެ އެތެރެކުރި ކަމާއި، އެ އަނގޮޓީތައް ބޭނުންކުރުމަށް އެކި ތަންތަނަށް ފޮނުވިކަން ސާބިތު ކުރުމަށް ހުށަހަޅާފައިވާ ހެކިންނެވެ.

އެ އަނގޮޓިތަކުގެ ފޮޓޯއާއި، އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުން އެ އަނގޮޓި އަޅައިގެން ހަރަކާތްތެރިވާ މަންޒަރު ދައްކުވައިވައިދޭ ސާފު ފޮޓޯތަކެއްވެސް އިއްޔެގެ ޝަރީއަތުގެ މަޖިލީހުގައި ރައީސް ޔާމީންގެ ވަކީލުން ވަނީ ހުށަހަޅާފައެވެ.

މި މައްސަލައިގައި ސިއްރު ހެކިންގެ ހެކިބަސް ނުނަގަން ނިންމައި، ފަހުބަސް އިއްވައި، މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައިވާއިރު، ދެން އޮންނާނީ ހުކުމް އިއްވުމެވެ. ނަމަވެސް ހުކުމް އިއްވާ އަޑުއެހުން ބާއްވާނެ ދުވަހެއް ސުޕްރީމް ކޯޓުން އަދި ހާމަކުރައްވާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޢަފްލާ

    ކަލޭވެސް އެއްލާލީމަ ބުނާނީ ތިހެން

  2. ޢަބްދުﷲ

    ސިއްރިޔާތުގައި މީހާކު އެއްޗެއް ބުނިކަމުގައިވިޔަ އެފަދަ ވިޔާނުދާ ތާކުންތާކުނުޖެހޭ ބުނުމެއްގެ މައްޗަށް ނުވަތަ އެއީ ކާކު ކޮން ކަމެއްގެ މައްޗަށް ދޭ ކޮން ހެކިބަހެއްކަން ރަނގަޅަށް ވޒަންކުރަން ނޭނގޭގޮތުގައި ހެކިބަސް އަދާނުކުރެވޭނެ އެއްވެސް ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނޯންނާނެއެވެ. އެހެންނަމަވެސް، މިރާއްޖޭގައި އެއްވެސް ޝަރުޢީ އަދި ޤާނޫނީ ހަމައެއްނެތި ޔަޢުނީ، ޙާދިޘާ ހިނގަން މެދުވެރިވެފައިވާ ސަބަބުތަކާއި ޙާދިޘާ ހިނގާފައިވާ ގޮތަކާއި ޙާދިޘާގެ ނަތީޖާ ތަފްޞީލީ ގޮތެއްގައި ރަނގަޅަށް ކިޔައިދީ ބުނެދޭން ޢުޒުރުވެރިވާ ފަދަ ޙާލަތެއްގައި އިވުނުވާހައެއް އިވުނުގޮތަކަށް ދުލުކުރިން ސިއްރު ސިއްރުން ބުނެލުމުން އެއީ ސިއްރު ހެކިބަހެއް ކަމަށް ބަލައިގަނެ، ބާޠިލުގޮތުގައި، ނަހީގެ މަގުގައި، އެއަށް ކޯޓްތަކުން ޢަމަލުކޮށްފައި އެބަހުއްޓެވެ.

  3. ޢަބްދުﷲ

    ސިއްރިޔާތުގައި މީހާކު އެއްޗެއް ބުނިކަމުގައިވިޔަސް އެފަދަ ވިޔާނުދާ ތާކުންތާކުނުޖެހޭ ބުނުމެއްގެ މައްޗަށް ނުވަތަ އެއީ ކާކު ކޮން ކަމެއްގެ މައްޗަށް ދޭ ކޮން ހެކިބަހެއްކަން ރަނގަޅަށް ވޒަންކުރަން ނޭނގޭގޮތުގައި ހެކިބަސް އަދާކުރެވޭނެ އެއްވެސް ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނޯންނާނެއެވެ. އެހެންނަމަވެސް، މިރާއްޖޭގައި އެއްވެސް ޝަރުޢީ އަދި ޤާނޫނީ ހަމައެއްނެތި ޔަޢުނީ، ޙާދިޘާ ހިނގަން މެދުވެރިވެފައިވާ ސަބަބުތަކާއި ޙާދިޘާ ހިނގާފައިވާ ގޮތަކާއި ޙާދިޘާގެ ނަތީޖާ ތަފްޞީލީ ގޮތެއްގައި ރަނގަޅަށް ކިޔައިދީ ބުނެދޭން ޢުޒުރުވެރިވާ ފަދަ ޙާލަތެއްގައި އިވުނުވާހައެއް އިވުނުގޮތަކަށް ދުލުކުރިން ސިއްރު ސިއްރުން ބުނެލުމުން އެއީ ސިއްރު ހެކިބަހެއް ކަމަށް ބަލައިގަނެ، ބާޠިލުގޮތުގައި، ނަހީގެ މަގުގައި، ކޯޓްތަކުން ޢަމަލުކޮށްފައި އެބަހުއްޓެވެ.