ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާހުގައި ޖެހި ފާހަގަތައް އަމިއްލަ އަށް ބަދަލުވި ކަމަށް ބައެއް މީހުން ބުނާތީ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ލިބިފައިވާ ވޯޓަކީ ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގެންނެވި ވޯޓު ކަމަށް ކަނޑައަޅައިދޭން އެދި ހައި ކޯޓަށް ހުށަހެޅި މައްސަލަ ބާތިލް ކޮށްދިނުމަށް މައްސަލަ ހުށަހެޅި ޤާނޫނީ ވަކީލް އެދިއްޖެއެވެ.

އެމައްސަލަ ހައިކޯޓަށް ހުށަހެޅި ޤާނޫނީ ވަކީލް އަބްދުﷲ މާނިއު ހުސައިން ހައިކޯޓުގެ އިސް ފަނޑިޔާރު ސުޖާއު އުސްމާނަށް މިއަދު ފޮނުއްވި ސިޓީއެއްގައި ވަނީ އޭނާ ހުށަހެޅި މައްސަލަ ބާތިލް ކޮށްދިނުމަށް އެދޭކަމަށެވެ.

މާނިއު މިއަދު ހައިކޯޓަށް ހުށަހެޅި ސިޓީގައި ވިދާޅުވެފައި ވަނީ މައްސަލަ ބާތިލް ކުރަން ހުށަހެޅި އެއް ސަބަބަކީ ވޯޓް ކަރުދާހުގައި ޖަހާ ފާހަގަ ކަރުދާސް މަތީ ހަރަކާތްތެރިވެ އުޅޭކަމަށް ދެހަވާ މޭރުމަކުން ރައީސްގެ ތަރުޖަމާން ދައްކަވާފައިވާ ވާހަކަފުޅަކީ އިލްމީގޮތުން ސާބިތުހިފޭ ވާހަކަފުޅެއް ނޫންކަމަށް އެދާއިރާގެ އިލްމީ ބޭފުޅުން އޭނާ އަށް މައޫލޫމާތު ދެއްވާފައި ވާތީއެވެ.

ދެވަނަ ސަބަބަކީ "ކެންޑިޑޭޓް ނަމްބަރު އެކަކާ ދިމާގައި ޖަހާ ފާހަގަ ދޭކާ ހަމައަށް ވެއްޓޭ މަންޒަރު ފެންނަ ހިނދު އެކަމާ އަންތަރީސްވެ އެހިނދުންހިނދަށް އިލެކްޝަންސްގެ އޮފިޝަލުންގެ ސަމާލުކަމަށް އެކަން ގެންނާނެކަމާއި އަދި ހަމަ އެކަރުދާހުގައި ޖެހި ފާހަގަ އެހާލުގައި އޮއްވައި އިލެކްޝަންސްގެ އޮފިޝަލުންނަށް ދަންނަވައިގެން ވިޔަސް އެކަކާ ދިމާގައި ފާހަގަ ހަރުލައްވަން މަސައްކަތް ނުކޮށް ވޯޓް ފޮއްޓަށް އެކަރުދާސްކޮޅު ވައްޓައި ނުލާނެކަމީ އިންސާނީ ތޮބީއަތުގެ ސިފަތަކަށް ނަޒަރު ކުރާއިރު ކަން ހިނގާނެ މަގުކަމަށް ގަބޫލު ކުރެވުނަސް ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާން ވިދާޅުވާ "ވާހަކައިގައި" މިފަދައިން ކަން ހިނގާފައިވާ ކަމަށް އޭނަ ވިދާޅުވެފައި ނުވާތީ އާއި އަދި މިފަދަ ރިޕޯޓެއް ވޯޓްލީ ދުވަހު އިލެކްޝަންސްގެ އޮފިޝަލުންނަށް ލިބިފައި ނުވާކަން އިލެކްޝަންސް ކޮމިޝަންގެ އިސް ބޭފުޅަކު އަޅުގަނޑަށް ޔަގީން ކޮށްދެއްވާފައި ވާތީ" އެވެ.

ތިން ވަނަ ކަމެއްގެ ގޮތުގައި ސިޓީގައި ވަނީ ރައީސްގެ ތަރުޖަމާން ދައްކަވާފައިވާ ވާހަކަފުޅަކީ ބުހުތާނު ދޮގުކަން އެއްވެސް ޝައްކެތް ނެތި ކަށަވަރުވާތީ އެރޯމަރުދޮގުގެ މައްޗަށް ލެނބިގެން އިންތިޚާބީ ޝަކުވާގެ މައްސަލައެއް ކޯޓަށް ހުށަހެޅުނު ކަމަށްޓަކައި ހިތާމަކުރާ ހާލު، ޝަކުވާ ހުށަހެޅި ފޯމް ވަގުތުން ވަގުތަށް ބާތިލްކޮށްދެއްވުން އެދޭ ކަމަށެވެ.

އިބޫގެ ވޯޓްތައް ރައީސް ޔާމީނަށް ހޯދައިދޭން މާނިއު ހައިކޯޓަށް މައްސަލަ ހުށަހެޅުމުން ވަރަށް ގިނަ މީހުން ދަނީ އެކަމަށް ޖޯކް ޖަހަމުންނެވެ. މާނިއު އުޅުއްވަނީ މީހުންގެ ސަމާލުކަން ހޯދަ މަޝްހޫރު ވާން ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

މާނިއު ހައިކޯޓަށް ހުށަހެޅި މައްސަލަ ބާތިލް ކޮށްދޭން އޭނާ އެދުނު މައްސަލަ އާއި ގުޅޭ ގޮތުން ހައިކޯޓުގެ ބަހެއް ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. މޮޑްރިޗް

    މީ ހާދަ ބޯހަމަނުޖެހޭ ވަކީލެކޭ ދޯ؟ މީނައަށް ލިބިފައިވާ ވަކީލުކަމުގެ ސަނަދަކީ ޞައްޙައެއްޗެއްތޯ ޔަޤީންކޮށް ކަށަވަރުކުރަންޖެހޭނެ ކަމުގައި ދެކެން.

  2. ކާފަ

    މާނު އަކީ މީހުންނަށް ޖެއްސުން ކުރުމާ މަލާމާތްކުރުމުގެ ރޮގުން ވަކީލުކަން ކިޔަވައިގެން ހުރި މީހެއްކަން ނޭނގެ.

  3. ސީތަލަ ހަންނާނު

    ތަރުޖަމާނު ހިނދުކޮޅުގަ ތޯއްޗެ، ޑޮކްޓަރައް ދައްކާލަންފެނޭ، ރޯބުހުތާނު ދޮގުހަދާތި، މީގެ ކުރިން ކޮއްފަ ވާ ތަރުޖަމާތަކާ ދޭތެރޭ މިހާރު ސައްކު، އަވަހައް އިސްތިއުފާދެއްވަން ފެނޭ،

  4. ޙަހަ

    މޮޔަގެރި ބަލި ޖެހިފައި މާނިއު

  5. މޮޔަ

    އަދިވެސް ތަނެތް އޮތިއްޔާބޯމަހާތި ބުރޯ

  6. ޙަސަން

    ތީ ގާނޫނީ ވަކީލަކާ މެދު ސުވާލުއުފެދޭ.ތީ ހަމަ ރަނގަޅައްވެސް ބީތާވެފަހުރި ވަކީލެއް.

  7. Anonymous

    ޢެއީ މާނިއުގެ ޕީއާރ ސްޓަންޓެއް!

  8. އަހްމަދު ޢަލީ

    އެއީ މާނިއުގެ ޕީއާރ ސްޓަންޓެއް. އެމްޑީޕީގެ ރީނދޫ ލޭ ހިނގާ މީހަކު ޔާމީން ވެރިކަމަށް ގެނެވޭތޯއެއް ނޫޅޭނެ!

  9. ދޮގެއްތަ މިބުނީ؟

    ތީ ތި ވަކީލު ބޭފުޅުންގެ ކޮލިޓީއަކީ. ދެން މަ ހޭން ހެދީމަވެސް ގޯސްވާނީ މަ. ވަކީލު ހެދިގެން އުޅޭ ކޮންމެ މީހަކު ދެފަރާތުން ލާރި ކައިގެން ގަންނަ ގަނޑު ނުދަންނަނީ ކާކު؟ ތިހެން ތިބޭ ހުރިހާ ވަގުން އިސްލާހުވި ދުވަހަކުން މެނުވީ ހާސް ފަހަރު ވެރިކަން ބަދަލު ވިޔަސް ވާނެ ކަމެއް ހަމަ ހަރާން.

  10. ާއަހްމަދު

    އެއީ މާނިއުގެ ޕީއާރ ސްޓަންޓެއް. އެމްޑީޕީގެ ރީނދޫ ލޭ ހިނގާ މީހަކު ޔާމީން ވެރިކަމަށް ގެނެވޭތޯއެއް ނޫޅޭނެ!