އިންޑިއާގެ ދެކުނުން އަދި ރާއްޖޭގެ އިރުން މިހާރު އިންޑިއާ ކަނޑު ހިމެނޭ ސަރަޙައްދުގައި އުފެދިފައިވާ ކޮޅިގަނޑުގެ ބާރު، ކުރިއަށްއޮތް 48 ގަޑިއިރު ތެރޭގައި އިތުރަށް ގަދަވާނެ ކަމަށް ކެރެލާގެ ސްޓޭޓް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެސްޑީއެމްއޭ) އިން ބުނެފިއެވެ.

މިކަން ހާމަކޮށް އެ އިދާރާއިން ބުނެފައި ވަނީ، މި ސަރަޙައްދުގައި ދައުރުވާ ލޯޕްރެޝަރ ޓްރަފެއްގެ ސަބަބުން، ކުރިއަށްއޮތް ވަގުތުތަކުގައި ކޮޅިގަނޑުގެ ބާރު އިތުރަށް ގަދަވެ މޫސުން ވަރަށް ބޮޑަށް ގޯސްވާނެ ކަމަށް ބެލެވޭ ކަމަށެވެ.

އެގޮތުން މި ކޮޅިގަނޑުގެ އަސަރު އެންމެ ބޮޑަށް ކުރާނީ އިންޑިއާގެ ޓެމިލްނާޑޫ އާއި އަވައްޓެރި ލަންކާގެ އައްސޭރީގެ ހިސާބުތަކަށް ކަމަށާއި، މި ސަރަޙައްދުތަކަށް އާދަޔާއި ޚިލާފަށް ވައިގަދަވެ، ކަނޑު ގަދަވާނެ ކަމަށެވެ.

މިކަމާއި ގުޅިގެން އިންޑިއާގެ މީޓިއޮލޮޖިކަލް ޑިޕާޓްމަންޓް (އައިއެމްޑީ) އިން ބުނެފައި ވަނީ، ކުރިއަށް އޮތް ތިން ދުވަހުގައި ޓެމިލްނާޑޫގެ ދެކުނުންނާއި ކޮމޮރިން އަދި ރާއްޖޭގެ ބައެއް ސަރަޙައްދުތަކަށްވެސް ވައި ބާރުވާނެ ކަމަށެވެ. އަދި މި ވަގުތުތަކުގައި މި ސަރަޙައްދުގައި އުފެދިފައިވަ ލޯ ޕްރެޝަރގެ ބާރު އިތުރުވެ، ކޮޅިގަނޑު ހުޅަނގަށް މިސްރާބު ޖަހާނެ ކަމަށާއި ބައެއް ސަރަޙައްދުތަކަށް ގަޑިއަކު 50 ކިލޯމީޓަރަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް އައިއެމްޑީން ބުނެއެވެ.

ކެރެލާގެ ސްޓޭޓް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވަނީ، މޫސުން އާދަޔާއި ޚިލާފަށް ގޯސްވާނެ ކަމަށްޓަކައި ކުރިއަށް އޮތް 36 ގަޑިއިރު މި ސަރަޙައްދުގެ ކަނޑުތަކަށް މަސްވެރިކަމަށް ނުނިކުތުމަށްވެސް އިލްތިމާސްކޮށްފައެވެ.

އިންޑިއާ ކަނޑުގެ ސަރަޙައްދުގައި ކޮޅިގަނޑެއް އުފެދެމުންދާއިރު، ރާއްޖޭގެ ބައެއް ސަރަޙައްދުތަކަށްވެސް މޫސުން ވަނީ ގޯސްވެފައެވެ. އަދި ބައެއް ސަރަޙައްދުތަކަށް ވައިޓް އެލާޓްވެސް ވަނީ ނެރެފައެވެ.

ރާއްޖޭގެ މޫސުމާއި ބެހޭ އިދާރާ އިން މިއަދު ނެރުނު ބަޔާނެއްގައި މިކަމާއި ގުޅިގެން ވިދާޅުވެފައި ވަނީ، ކުރިއަށް އޮތް 48 ގަޑިއިރު ތެރޭގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ބައެއް އަތޮޅުތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވިއެވެ.

މި ސަބަބަށްޓަކައި އާއްމުކޮށް ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ރާއްޖެ ހިމެނޭ ސަރަޙައްދުގައި ދާދިފަހުންވެސް މިފަދަ ކޮޅިގަނޑެއް އުފެދި ތޫފާނަކަށް ބަދަލުވެފައިވެއެވެ. "އޯޗީ"ގެ ނަމުން ނަން ދެވުނު އެ ތޫފާނުގައި އިންޑިއާ އާއި ލަންކާގެ އިތުރުން ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ވެސް ބޮޑެތި ގެއްލުން ލިބިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު