ހުޅުމާލޭގެ ފޭސް 2 ގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ބިނާ ކުރާ ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ހޮވިފައިވާ ފަރާތްތަކުގެ އަތުން ހައުސިންގ މިނިސްޓްރީގެ ނަމުގައި ފައިސާ ހޯދަމުން އަންނަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި، އެއީ މިނިސްޓްރީން ކުރަމުން އަންނަކެމެއް ނޫންކަމަށް އެ މިނިސްޓްރީން މިއަދު ވިދާޅުވެއްޖެއެވެ.

ހައުސިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ، ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ހޮވިފައިވާ ފަރާތްތަކުގެ އަތުން ފައިސާ ހޯދުމުގެ ނަމުގައި އެ މިނިސްޓްރީން ނުގުޅާނެ ކަމަށެވެ. އަދި އެމިނިސްޓްރީން ފްލެޓްތަކާއި ގުޅުން ހުރި ފައިސާތައް ހޯދާނީ، އެ ފްލެޓްތައް ލިބުނު ފަރާތްތަކަށް، ފްލެޓްތައް ލިބުނުކަމުގެ ރަސްމީ ލިއުން ހަވާލުކޮށް، އަދި ދެފަރަތާތުގެ ދެމެދުގައި ވެވޭ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހުގައި ކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވިއެވެ.

އަދި އެ މިނިސްޓްރީން އެ ފްލެޓްތަކަށް ހޮވުނު މީހުންގެ އަތުން ފައިސާ ބަލައިގަތުމުގެ އެއްވެސް ކަމެއް މިވަގުތު ކުރަމުން ނުދާކަމަށްވެސް ވިދާޅުވިއެވެ.

ހައުސިންގ މިނިސްޓްރީން ވިދާޅުވީ، އެ މިނިސްޓްރީގެ ނަމުގައި އޮޅުވާލައިގެން ބައެއް މީހުންގެ އަތުން ފައިސާ ހޯދުމުގައި ކުރަމުން އަންނަ އެ މަސައްކަތަކީ ވަރަށް ޒިންމާދާރު ކުޑަކަމެއް ކަމަށެވެ. އަދި ރައްޔިތުން އެފަދަ ކަންކަމުގައި ސަމާލުވެ ތިބުމަށް ހައުސިންގ މިނިސްޓްރީން ވަނީ ނަސޭހަތްތެރިވެފައެވެ.