ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަން ވައްޓާލަން ކުރެވުނު މަސައްކަތުން، ވެރިކަން ޙިމާޔަތްކުރުމުގައި އެހީތެރިވެވުނީތީ އުފާކުރާކަމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކުރީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު، އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

މިގޮތަށް ވިދާޅުވެ އަލްހާން މިއަދު ކުރެއްވި ޓްވީޓެއްގައި އޭނާ ވިދާޅުވީ، ރައީސް ޔާމީނަކީ މަލްޓި ޕާޓީ ނިޒާމުގައި ރިޔާސީ ދައުރެއް ފުރިހަމަކުރެއްވުނު ފުރަތަމަ ރައީސް ކަމުގައެވެ. އަދި ރައީސް ޔާމީނުގެ ވެރިކަމަކީ ދިވެހި ރައްޔިތުންގެ މެޖޯރިޓީ ވޯޓުން ޤާއިމްކުރެވުނު ވެރިކަމަކަށް ވާއިރު، އެ ވެރިކަން ޙިމާޔަތްކުރުމަށް ރައީސް އާއި އެކު މަސައްކަތް ކުރެއްވިކަން އަލްހާން ވަނީ ފާހަގަކޮށްފައެވެ.

"ރައީސް ޔާމީނަކީ މަލްޓި ޕާޓީ ނިޒާމުގައި ރިޔާސީ ދައުރެއް ފުރިހަމަ ކުރެއްވުނު ފުރަތަމަ ރައީސް. އަޅުގަނޑު އުފާކުރަނީ ދިވެހިންގެ މެޖޯރިޓީ ވޯޓުން ޤާއިމްކުރި ވެރިކަން ވައްޓާލަން ކުރެއްވުނު މަސައްކަތްތަކުން ވެރިކަން ހިމާޔަތްކުރުމުގައި އަޅުގަނޑަށް ދިވެހިންގެ ރައީސަށް އެހީތެރި ވެވުނީތީ!" ރައީސް އަބްދުﷲ ޔާމީންގެ ފޮޓޯފުޅަކާއި އެކު އަލްހާން ކުރެއްވި ޓްވީޓުގައި ވެއެވެ.

އަލްހާން މިގޮތަށް ވިދާޅުވިއިރު، އޭނާ ވެރިކަންކުރާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ގުޅިވަޑައިގަތީ ނިމިދިޔަ ރިޔާސީ އިންތިޚާބަށް ކުރެވުނު ކެމްޕޭނުގެ ތެރެއިންނެވެ. ނަމަވެސް އިންތިޚާބަށްފަހު އޭނާ ވަނީ "ރައްޔިތުންގެ ޚިދުމަތުގައި އެންމެ ރަނގަޅަށް މަސައްކަތްކުރުމަށް" އެ ޕާޓީން ވަކިވެވަޑައިގެންފައެވެ.

ރައީސް ޔާމީންގެ ވެރިކަން ޙިމާޔަތްކުރުމުގައި މަސައްކަތް ކުރެވުނީތީ އުފާކުރާކަމަށް އަލްހާން މިއަދު ވިދާޅުވިއިރު، ރިޔާސީ އިންތިޚާބުގެ ވޯޓުލުމުގައި އިދިކޮޅު ކެންޑިޑޭޓް ރައީސް ޔާމީންގެ މައްޗަށް ކުރި ހޯއްދެވުމުން އޭނާ ވިދާޅުވެފައި ވަނީ ކުރީގެ ރައީސް ނަޝީދު އިސްތިއުފާ ދެއްވި ހިސާބުން، ރައީސް ކަމުގެ މަޤާމަށް އިބޫ އައުމަކީ އޭނާ ދެކެމުން އައި ހުވަފެނެއް ކަމުގައެވެ. ނަމަވެސް އިންތިޚާބުގެ ކުރިން ބޭއްވި ޕީޕީއެމްގެ ފަހު ކެމްޕޭން ޖަލްސާގައި އޭނާ ވަނީ އިބޫ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

އަލްހާން ޕީޕީއެމްއަށް ސޮއިކުރައްވާފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހުގެ ރޭގައެވެ. އޭނާ ސިޔާސީ ދާއިރާއިން އެންމެ ފުރަތަމަ ފެނިގެން ދިޔައީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފެއްދެވި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އިންނެވެ. އެއަށްފަހު އެމްޑީޕީއާއި ގުޅިވަޑައިގެން އެ ޕާޓީގެ އިސް ސަފުގައި އުޅުއްވަނިކޮށް އޭނާ ވަނީ ޕާޓީން ވަކިކޮށްފައެވެ. އަލްހާން އެމްޑީޕީން ވަކިކުރީ އެޕާޓީއަށް ގެއްލުންވާ ގޮތަށާއި އެ ޕާޓީގެ މަސްލަހަތު ގެއްލޭ ގޮތަށް އަމަލުކުރާ ކަމަށް ބުނެ އެމްޑީޕީގެ ގައުމީ މަޖިލީހުގެ 50 މެމްބަރަކު ސޮއިކޮށް މައްސަލަ ހުށަހެޅުމުންނެވެ. އޭރު އޭނާ ހުންނެވީ އެޕާޓީގެ ނައިބު ރައީސަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ވާނުވާ

    ބައްޔެއް! ޝަހާދެއް މިބުނީ.

  2. ނޫރީ

    ބަލަ އަލްހާނޫ! ސިޔާސީ ގޮތުން އަލްހާނަކީ އެއްވެސް އަގެއް ހުރި މީހެއް ނޫންކަން މުޅި މި ދިވެހި ޤައުމުވެސް ދަނޭ. ދެން ކޮން ހާ މޮޅު ވާހަކައެއް ތި ދައްކަނީ. ހައިރާން ވެއްޖެ.

  3. ޙެހެ

    މީ އެެއްވެސް އެގެއްހުރި މީހެއްނޫން..