"ޗެނަލް 13"އާ ދެކޮޅަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް އާއި އެ ކޮމިޝަނުގެ ފަރާތުން ހުށަހަޅާފައިވާ އަބުރުގެ 7 މައްސަލައެއް ޖަވާބު ދާރީވަން އެ ސްޓޭޝަނަށް ބްރޯޑްކާސްޓިން ކޮމިޝަނުން އަންގައިފިއެވެ.

އެނގިފައިވާ ގޮތުގައި ޗެނަލް 13އާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަތަކަށް ޖަވާބުދާރީވުމަށް އަންގާފައިވަނީ މިމަހުގެ 28 ވަނަ ދުވަހުގެ ކުރިންނެވެ.

ބްރޯޑްކޮމް އަށް ހުށަހެޅި އަބުރުގެ ހަތް މައްސަލައިގެ ތެރެއިން ހަ މައްސަލަ ހުށަހެޅުއްވީ އީސީގެ ރައީސް ޝަރީފްއެވެ. އަނެއް މައްސަލަ ހުށަހެޅީ އިލެކްޝަންސް ކޮމިޝަނުގެ ފަރާތުންނެވެ.

ޝަރީފް ހުށަހެޅުއްވި ހަ މައްސަލައަކީ ރިޔާސީ އިންތިހާބުގެ ނަތީޖާ އިއުލާނުކުރުމާ ގުޅިގެން، އިންތިހާބުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް ބުނެ ޕީޕީއެމް އޮފީސް ކުރިމަތީގައި ކޮންމެ ރެއަކު ކުރަމުންދާ މުޒާހަރާތަކުގައި އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންނަށް ނިސްބަތްކޮށް، ހާއްސަކޮށް ޝަރީފްއަށް ނިސްބަތްކޮށް ރިޔާސީ އިންތިހާބު އޮޅުވާލާފައިވާ ކަމަށާއި އަދި "ވަގަށް" ގޮވަމުންދާ މަންޒަރާއި އަޑު ހިމެނޭ ކޮންޓެންޓް "ޗެނަލް 13" އިން ބްރޯޑްކާސްޓްކޮށް، އޭނާގެ އަބުރަށް އަރައިގަނެފައި ވާތީ ހުށަހަޅާފައިވާ މައްސަލަތަކެކެވެ.

އަނެއް މައްސަލައަކީ އިލެކްޝަންސް ކޮމިޝަނުގެ ހަތަރު މެމްބަރަކު ފިލައިގެން އުޅޭ ކަމަށް ތުހުމަތުކުރެވޭ ކަމަށް ބުނެ "ޗެނަލް 13" އިން މިހާރު ދައްކަމުންދާ މަންޒަރުތަކުގައި ޓީވީ ކަނަކަށް އެ މެމްބަރުންގެ ފޮޓޯ ދައްކަމުންދާ މައްސަލައެވެ.

ރިޔާސީ އިންތިޚާބުގެ ނަތީޖާ އަށް އަސަރު ކުރާވަރުގެ ކަމެއް ހިނގާފައި ނެތް ކަމަށް ތަކުރާރުކޮށް ޝަރީފް ވިދާޅުވަމުންދާއިރު ވެރިކަން ކުރާ ޕީޕީއެމްގެ ފަރާތުން ވަނީ ރިޔާސީ އިންތިޚާބު ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައެވެ. އެ މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައިވާއިރު ދެން އޮންނާނީ ހުކުމް އިއްވުމެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަބްދުﷲ

    ޕީޕީއެމުން މިދުވަސްވަރު ފާސްކުރައްވާ ޤަރާރުތަކަކީ، ޕީޕީއެމުގެ ޙަޤީޤީ ބުރުސޫރަ ދައްކުވައިދޭ ޤަރާރު ތަކަކަށްވާއިރު، ޝަރުޢީ އަދި ޤާނޫނީ އެއްވެސް ހަމައެއްނެތި އެހާދަށު ދަރަޖައިގެ ވިޔާނުދާ ހަޑިމުޑުދާރު ޢަމަލުތައް ޕީޕީއެމުގެ ފަރާތުން ކުރައްވާއިރު އީސީ ހިމޭނުން އެ އޮތީ ސީދާ އީސީއަށް ރައްދުދެއްވާތީ ބަދުނާމުން ސަލާމަތް ވުމަށް ކަމަށް ބެލޭނެއެވެ. އެހެންނަމަވެސް، ސިޔާސީ ޕާޓީގެ ދަފުތަރުގައި އީސީގައި ރެޖިސްޓްރީ ކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއް ފާލުންނެއްޓި، ހަމަގެއްލި، ހިތުހުރިހައި ގޮތަކަށް އުޅެންދިމާކޮށްފިނަމަ، އެވަގުތަކު އަޅަންޖެހޭ ޤާނޫނީ ފިޔަވަޅު އަޅައި ހަމަމަގަށް އަޅުވައި ހެދުމަކީ، އީސީ ޒިންމާއެކެވެ. އެހެންނަމަވެސް، އަދިވެސް އީސީގެ ފަރާތުން އަދާކުރަންޖެހޭ ޤާނޫނީ ޒިންމާ އަދާކުރުމުގެ މައްޗަށް އީސީއަކުން އެއްވެސް ކަމެއް ކުރައްވާތަނެއް ނުފެނެއެވެ. މިއީ ވަރަށްދެރަ ކަމެކެވެ.

  2. ކެޔޮޅު

    ރާއްޖެ ޓީވީ ނަމަ މިހާރު ޖޫރިމަނާ ކުރިސްކަންނޭންގެ