ވަރަށް އާދައިގެ ގޮތަކަށް ކިޔަވައިދޭން ފެށި ރާއްޖޭގެ މަޝްހޫރު އެއް ޕްރައިވެޓް ކޮލެޖަށް 11 އަހަރު ފުރުން ރޭ ފާހަގަ ކޮށްފިއެވެ.

ވިލާކޮލެޖް އަހަރީ ދުވަސް ފާހަގަ ކުރުމަށް ރޭ ވިލާ ކޮލެޖްގައި ބޭއްވި ރަސްމިޔާތުގައި ވިލާ ކޮލެޖްގެ ދަރިވަރުންނާއި އެ ކޮލެޖްގެ އެކި ފަންތީގެ ވެރިންނާއި ލެކްޗަރާއިން ވަނީ ބައިވެރިވެޑައިގެންފައެވެ.

ރޭ ބެއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ވިލާ ކޮލެޖްގެ ރެކްޓަރ ޑރ.އަޙްމަދު އަންވަރު ވިދާޅުވީ ވިލާ ކޮލެޖް އަށް 11 އަހަރު ފުރޭއިރު ވިލާ ކޮލެޖް އަކީ ބޮޑު އާއިލާއެއް ކަމަށާއި މިއަދު މި އާއިލާގެ ކޮންމެ މެންބަރަކުވެސް ފަހުރުވެރިވާނެ ކަމަަށެވެ.

ވިލާ ކޮލެޖްގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ހަފްތާ – ވަގުތު އިމޭޖްސް: މުހައްމަދު ޖިމި
ވިލާ ކޮލެޖްގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ހަފްތާ – ވަގުތު އިމޭޖްސް: މުހައްމަދު ޖިމި

"ވިލާކޮލެޖްގެ ބައެއް ސްޓާފުނަކީ މި ކޮލެޖް ފެށުނީސުރެން މިތާގައި މަސައްކަތް ކުރާ ސްޓާފުން, ވިލާ ކޮލެޖްގެ ސްޓާފުންނަކީ އެކަކު އަނެކަކަށް އެހީވާ ވަރަަަށް އެކުވެރިބައެއް" ޑރ.އަންވަރު ވިދާޅުވިއެވެ.

ރޭ ބޭއްވި ރަސްމިޔާތުގައި ވަނީ ވިލާ ކޮލެޖްގެ "ރީސާޖް އެންޑް ގްރާންޑް" ސްކޯމް އިފްތިތާހުކޮއްފައެވެ. މި ސްކީމް އިފްތިތާހު ކޮށްދެއްވީ ވިލާ ކޮލެޖްގެ ޑީންސް ރިޕްރެޒެންޓޭޓިވް ޑރ.އަހުމަދު ޝާހިދު އެވެ.

ރޭ ވަނީ ވިލާ ކޮލެޖްގެ އަހަރީ ރިޕޯޓް ވެސް ނެރެފައެވެ. އަދި އެމްޕްލޯއީ އޮފް ދަ މަންތު އަދި އެމްޕްލޯއީ އޮފް ދަ އިޔަރ ގެ މަގާމަށް ނޯމިނޭޓްވި ފަރާތްތަކަށް ވަނީ ރޭގެ ރަސްމިޔާތުގައި ހަނދަނީ ލިޔުން ދީފައެވެ. މީގެ އިތުރުން އިތުރުން ވިލާ ކޮލެޖްގެ ސްޓޫޑެންޓް ކޮމިޓީން އިންތިޒާމުކޮށްގެން ހިންގި އެކި ހަރަކާތްތަކުން ވަނަ ވަނަ އަށް ދިޔަ ފަރާތްތަކަށް ވަނީ އިނާމު ދީފައެވެ.

ބައިވެރިންނަށް ޝުކުރު ދަންނަވަމުން ވިލާ ކޮލެޖުގެ ވައިސް ރެކްޓާ ޑރ.އަލީ ނަޖީބު ވިދާޅުވީ މި ފާހަގަ ކުރަނީ ވިލާ ކޮލެޖްގެ ހަޔާތުން އިތުރު އަހަރެއް ފުރިގެން ދާ ދުވަސް ކަމަށެވެ.

" ވިލާ ކޮލެޖް ވީލާ ކޮލެޖެއްގެ ގޮތުގައި ޔުނިވާސިޓީ އަކާއި ދިމާލަށް މިސްރާބް ޖަހާފައިވާއިރުގައި, ކޮންމެހެންވެސް ހުރުން ލާޒިމު ކަންތަށްތަށް ފުރިހަމަވެގެން ދާތަން މިރޭ ފެނިގެން ހިނގައްޖެ, މިރޭ އިނާމު ހާސިލް ކުރެއްވި ހުރިހާ ފަރާތްތަކަށް އަޅުގަނޑު މަރުހަބާ ދަންނަވަން" ޑރ.އަލީ ނަޖީބް ވިދާޅުވިއެވެ.

ވިލާ ކޮލެޖްގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ހަފްތާ – ވަގުތު އިމޭޖްސް: މުހައްމަދު ޖިމި
ވިލާ ކޮލެޖްގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ހަފްތާ – ވަގުތު އިމޭޖްސް: މުހައްމަދު ޖިމި

ވިލާ ކޮލެޖްގެ ޗެއާމަނަކީ މަޝްހޫރު ވިޔަފާރިވެރިއާ ގާސިމް އިބްރާހިމް އެވެ. ވިލާ ކޮލެޖު ޔުނިވާސިޓީއަށް ބަދަލުކުރުމުގެ އަމާޒުގައި އެ ކޮލެޖުގެ އިސްވެރިން މިހާރު އަންނަނީ މަސައްކަތް ކުރައްވަމުންނެވެ. މީގެ 11 އަހަރު ކުރިން 2007 ވަނަ އަހަރު ވިލާ ކޮލެޖު ހުޅުވާފައިވަނީ 60 ދަރިވަރުންނާ އެކުގަ އެވެ. މިހާރު ރާއްޖޭގެ 14 އަތޮޅެއްގައި ވިލާ ކޮލެޖްގެ ކެމްޕަސްތަކާއި ލާނިން ސެންޓަރުތައް ގާއިމްކޮށްފައިވެ އެވެ.

މިހާރު އެކޮލެޖުގައި 3000 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުން އަންނަ އިރު މިހާތަނަށް 5000 އަށްވުރެ ގިނަ ދަރިވަރުން ޑިގްރީ ފެންވަރަށް ވަނި ގްރެޖްއޭޓް ވެފަ އެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ މާކެޓް ޑިކްޓޭޓްކޮށް ނުވަތަ ހަވީރާއި ރޭގަނޑަށް ކިޔަވައިދޭ ގޮތަށް އަދި ބްލޮކް މޮޑަލްއަށް ކިޔަވައިދޭން ފެށީވެސް ވިލާ ކޮލެޖުގަ އެވެ. ވިލާ ކޮލެޖް އެންމެ ފުރަތަމަ ހިންގާފައިވަނީ އިންސްޓިޓިއުޓުތަކެއްގެ ގޮތުގަ އެވެ.