ވޯޓު އޮޅުވާލި ކަމަށް ދިރާގުގެ ޗެއާމަން މުހައްމަދު އަޝްމަލީއަށް ތުހުމަތުތަކެއްކޮށް ޓްވީޓެއް ކުރެއްވުނީ އޮޅިގެން ކަމަށް ބުނެ ވެލިދޫ ދާއިރާގެ މެމްބަރު ޔާމީން ރަޝީދު ކުރެއްވި ޓްވީޓް ޑިލީޓް ކުރައްވައިފިއެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން މެންބަރު ޔާމީން ވިދާޅުވީ އަޝްމަލީއަށް އެކަހަލަ ތުހުމަތެއް ނުކުރައްވާނެ ކަމަށާއި އެ ޓްވީޓް ކުރެވުނީ އޮޅިގެން ކަމަށާއި އެޓްވީޓް ޑިލީޓް ކުރެއްވީ އަޝްމަލީއަށް ތުހުމަތުކޮށް ވާހަކަތަކެއް ލިޔެފައި ހުރިކަން އެނގުމުން ކަމަށެވެ.

"މި ކަންވީ ގޮތަކީ މީސް މީޑިއާގައި ދައުރުވި ފޮޓޯތަކެއް ޓްވީޓް ކުރަން އުޅުމުގެ ތެރޭގައި ގޯސް ފޮޓޯއެއް އެފޮޓޯތަކުގެ ތެރެއަށް ލެވިފަ އިނީ. އެއީ އަޅުގަނޑު ގަސްތުގަ ތުހުމަތެއް އަޅުވަން ކުރި ކަމެއް ނޫން. އަޝްމަލީ އަށް އެކަހަލަ ތުހުމަތެއް ނުކުރަން" ޔާމީން ވިދާޅުވިއެވެ.

މި ސުވާލުތަކަށް ޖަވާބު ހޯދޭނެ ކަމަށް ބުނެ ޔާމީން ކުރައްވާފައިވާ ޓްވީޓެއްގެ ތެރޭގައި އިން ފޮޓޯއެއްގައި ވަނީ ވޯޓް އޮޅުވާލުމަށްފަހު އަޝްމަލީ ރާއްޖެ ދޫކޮށް ފިލާފައިވާ ކަމަށެވެ. އަދި ވޯޓް އޮޅުވާލުމުގައި އިސްކޮށް އުޅުނީ އިލެކްޝަނުގެ ރައީސް އަހްމަދު ޝަރީފާއި އަޝްމަލީ ކަމަށެވެ.

މެންބަރު ޔާމީން މިހެން ވިދާޅުވިއިރު ރިޔާސީ އިންތިހާބުގެ ކުރިން އިދިކޮޅު ފަރާތްތަކުން ދިޔައީ އިންތިހާބު އޮޅުވާކުމަށް ދިވެހި ދައުލަތުގެ އިލެކްޓްރޯނިކް ވިއުގަ ބަލަހައްޓަމުން ގެންދާ އޮފީސް، ނެޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ އާ ހަވާލުވެ ހުންނެވި އެންމެ އިސްވެރިޔާ މުހައްމަދު އަޝްމަލީ އަށް ބޮޑެތި ތުހުމަތުތަކެއް ކުރަމުންނެވެ. އެގޮތުން އިލެކްޝަން ކޮމިޝަނުގެ ސާވާއާއި އަޝްމަލީ ކުޅެމުންދާ ކަމުގެ ތުހުމަތުވެސް އިދިކޮޅު ފަރާތްތަކުން ކޮށްފައިވެއެވެ.

އިންތިހާބުގައި ވޯޓް އޮޅުވާލި ކަމަށް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންގެ މައްޗަށް ބޮޑެތި ތުހުމަތު ތަކެއް ކުރެވޭއިރު ރިޔާސީ އިންތިޚާބު ބާތިލުކުރަން ރައީސް ޔާމީން ސްޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި އެމަނިކުފާނުގެ ފަރާތުން ހުށަހުއްވި ސިއްރު ހެކިންގެ ހެކިބަސް ނަގަންޖެހޭފަދަ ހާލަތެއް މެދުވެފައި ނުވާކަމަށްބުނެ ސިއްރު ހެކިންގެ ހެކިބަސް ނުނަގަން ނިންމައި، މައްސަލައިގެ އަޑުއެހުންތއް ނިންމާލާފައިވާއިރު، ހުކުމް އިއްވާނެ ވަކި ދުވަހެއް އެ ކޯޓުން ވިދާޅެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފާތުން

    މި ބީތާއިންނަށް ކުރެވޭ ނުކުރެވޭ ކަމެއްވެސް ނޭންގޭ! ކެވުނު އެއްޗެއް ކެވިފަ އޮތްލެއް ބޮޑުކަމުން ތެޅޭވައްތަރު! ހަޖަމުކޮށްލާ!

  2. ސަޢީދު

    އަސްތާ..!! ހަމަ ހޭގައި ނެތި ކުރެއްވި ޓުވީޓެކޯ؟؟؟ ބިރުބޮޑު... އަވަހަށް ޓެސްޓް ކުރަންފެނޭ.. އޮޅިގެންވެސް ކުރެވޭ ކަންތައް ދެރައެއްނޫން ދޯ..