ރާއްޖޭގައި ޒަމާނީ ނޫސްވެރިކަން މިނިވަންކަމާއެކު އޮތުމަކީ ކުރިއްސުރެ ދެކެވަޑައިގަންނަވަމުން އައި ހުވަފެނެއް ކަމަށް އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.

އިބޫ މިއަދު ރާއްޖެ ޓީވީ އަށް ވަޑައިގެން އެ ސްޓޭޝަންގެ މުވައްޒަފުންނާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، މިނިވަން ނޫސްވެރި ކަމަކަށް ފުރުސަތު އޮތުމަކީ އުއްމީދު ކުރައްވަމުން އައި ކަމެއް ކަމަށެވެ.

"ނޫސްވެރިމުގެ ތެރޭގައި ކޮންމެވެސް ވަރަކަށް އުޅެވިފައި ހުރީމާ އަދި ވަރަށް ބިރުވެރި ދުވަސްވަރެއްގައި އޭގެ ތެރޭގައި އުޅެވިފައި ހުރީމާ އޭގެ ނުރައްކާ އަޅުގަނޑަށް އިހުސާސް ކުރެވޭ،" އިބޫ ވިދާޅުވި އެވެ.

އަދި އާ ގާނޫނުއަސާސީންގެ ތެރެއިން ނޫސްވެރިކަމަށް މިނިވަންކަން ލިބުނު ކަމަށާއި ނަމަވެސް އޭގެ ފަހުން އަނެއްކާ ވެސް ނޫސްވެރިކަން މިވަނީ އިހުނަށްވުރެ ބޮޑު ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިފައި ކަމަށް އިބޫ ވިދާޅުވި އެވެ.

މިނިވަން ނޫސްވެރި ކަމަކަށް ފުރުސަތު ދެއްވުމަކީ އިބޫގެ ރިޔާސީ އިންތިޚާބުގެ ވައުދުތަކުގެ ތެރެއިން ވައުދެކެވެ. އަދި ނޫސްވެރިންނާއި މީޑިއާތަކަށް ތުރާލަކަށްވެފައިވާ އަބުރުގެ ގާނޫނު އުވާލާނެ ކަމަށް އެއިރު އިބޫ ވިދާޅުވިއެވެ.

ރާއްޖޭގައި މިނިވަން ނޫސްވެރިކަމެއް އޮތުމަކީ ކުރިންސުރެއް ދެކެމުން އަންނަ ފޮނި ހުވަފެނެއްކަމަށް އިބޫ ވިދާޅުވެފައިވާއިރު އިބޫ އަކީ ނޫސްވެރިކަމާއި ވަރަށް ދޯޅު ބޭފުޅެކެވެ. އެގޮތުން އިބޫ ވަނީ ދައުލަތުގެ މީޑީއާ ޓީވީއެމްގައި 1984 އިން 1989 އަކަށް ވަޒީފާ އަދާކުރައްވާފައެވެ. އަދި އެދުވަސްވަރު ޓީވީއެމްގެ ޕްރޮޑިޔުސަރކަންވެސް އިބޫ ވަނީ ކުރައްވާފައެވެ.

އަދި ރައީސް މައުމޫންގެ ޒައާމަތުގައި 1990 ވަނަ އަހަރު ދެއްވި ނޫސްވެރިކަމުގެ މިނިވަންކަމުގެ ތެރޭގައި ނެރުނު "ސަންގް"ގައި ވެސް އިބޫވަނީ އަމަލީ ގޮތުން ނޫސްވެރިކަން ކުރައްވާފައެވެ. އަދި އޭގެ ފަހުން، 2005 ގައި، ރާއްޖޭގައި މިނިވަން ނޫސްވެރިކަމެއް ފެށުނު އިރު ނެރުނު ނޫސް "މިނިވަން"ގެ އެއް ހިއްސާދަރަކީ ވެސް އިބޫ އެވެ.

އިބޫ މިއަދު ރާއްޖެ ޓީވީގެ މުވައްޒަފުންނާއި ބައްދަލުކުރައްވާ ވިދާޅުވީ އެއީ އެންމެ ބޮޑެތި ގޮންޖެހުންތަށް ކުރިމަތިވާ މީޑިއާ ކަމަށާއި އެއީ އެމަނިކުފާނުވެސް އަދި ރާއްޖޭގެވެސް އެންމެ މަގުބޫލު މީޑިއާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަން

    ނޫސްވެރިންގެ މިނިވަން ކަމަކީ ހަގީގަތް އޮޅޭގޮތައް މައުލޫމާތު ފެތުރުން ހެއްޔެވެ؟ އެހެން ވެއްޖެއްޔާ އިބޫއަށް ހަމަ ސާބަސް. ދައްޖާލު ފާޅުވަން ކައިރި ވެއްޖެ. އެސޮރުގެ ނިތަކުރީގައި ލިޔެވިފައި އޮންނާނެ ކާފިރު. ނަމަވެސް ތިޔަބައި މީހުން ބުނާނެ އެތަން ނުފެންނަ ކަމަށް. މިއީ ރާއްޖެޓީވީގެ ނޫސްވެރިކަމަކީ. އަދިވެސް އެއްފަހަރު އިބޫއަށް ސާބަސް ދަންނަވަން.

  2. ޔޫތުމިނިސްޓަރީކާލި ހަސަންޓޭ

    ރައްޖޭގެ ފިތުނަ ފަސާދަ އުފައްދުމައް މަސައްކަތްކުރަމުން އަންނަނީ ރާއްޖެޓީވީ. މިއީ ހަގީގަތް ދޮގު ހެދުމާ މީހުންގެ އަބުރު ކަތިލުމާ ފިތުނަ ފަސާދަ އުފެއްދުމައް 1 ވަނަ. ދުނުޔޭގެ ފަހުގެ އަލާމާތް ތަކުގެ ތެރޭގައި ދައްޖާލު ފާޅުވެ މީސްތަކުންގެ މެދުގައި ފިތުންފަސާދަ އުފައްދާނެ . ދެން ދުނިޔެއަކައް އަލަކަުން ދައްޖާލެއް ފާޅު.ނުވާހާ ވަރައް ދައްޖާލުގެ ރޯަލު ރާއްޖެޓީވީން އަންނަނީ ކުޅެމުން.

  3. ގާސިމު

    އަދި އެއްފަހަރު ވީޓީވީއައް ގާ އުކާ އަލިފާން ރޯކޮއްލީމާ. ޙެޔޮ މިނިވަންނޫސްވެެރިކަމެއް ކުރެވޭނީ.

  4. ރަސީދު

    މޮލުވާހަކަ ދައްކާފަ މުސް ކުލިއަނައް ދޭ 5000 ރ ކަޑަލާ

  5. އާންމު އާދުމީ

    އެއްވެސް ޒިންމާދާރު ކަމެއް ލަދެއް ޙަޔާތެއްނެތް ނޫސްވެރިކަމަކީ މިނިވަން ނޫސްވެރިކަމެއް ނޫން! އެއީ ހުޅަނގުގެ ޚުރާފާތްތަށް ބީއްސާލާ މައިދޮރާށި. އެހެންވީމަ 'ލިބަރަލް' ކިޔާ ކޮންމެ މީހަކު މިކަންކަމަށް ތާޢީދުކުރާނެ. މީސްމީހުންގެ އަބުރު ކަތިލުމާ ދޮގު ޚަބަރު ފަތުރައިގެން ބޭނުންވާ ބައްޓަމަށް މުޖުތަމަޢު ފޭރާންކުރުމަކީ އެމީހުންގެ މަޤްސަދު.

  6. އަޅުވެރިޔާ

    ތިބާއީ ތިބާގެ މުޅި ހަށިގަނޑު ހިމެނޭ ގޮތަށް އަޅެއްކަން ހަނދާން ކުރާށެވެ! މީހާ މަގު ފުރެދުމަށް އެންމެފަހިވާ އެކައްޗަކީ ތިބާގެ ދުލެވެ.
    ދުލުން ބުނާބަސްވެސް އަތުންލިޔާ ލިޔުންވެސް ބޭނުންހާ ގޮތަކަށް އެނބުރުމުގެ ޙައްޤެއް އިންސާނާއަށް ލިބިގެންނުވާކަން ހަނދާންކުރާށެވެ!