އެއްވެސް ސިޔާސީ ޕާޓީއެއް އުވާލުމުގެ މަސައްކަތް ކުރަމުން ނުދާ ކަމަށް، އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

ރޭ ސަންގު ޓީވީގައި ވާހަކަ ދައްކަވަމުން އެ ކޮމިޝަންގެ ތަރުޖަމާނު އަދި މެންބަރު އަހުމަދު އަކުރަމް ވިދާޅުވީ މިހާރު ވެސް އަދި ވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި ވެސް އެއްވެސް ސިޔާސީ ޕާޓީއެއް އުވާލުމާ މެދު ކޮމިޝަންގައި މަޝްވަރާ ކޮށްފައި ނުވާނެ ކަމަށާއި، ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ނޫން ގޮތަށް އެއްވެސް ޕާޓީއެއް އުވާ ނުލާނެ ކަމަށެވެ.

"ގާނޫނުގައި ބުނާގޮތުން ފިޔަވައި އެއްވެސް ގޮތަކަށް ސިޔާސީ ޕާޓީއެއް އުވައެއް ނުލެވޭނެ، ރައްޔިތުންގެ މެދުގައި ހަލަބޮލިކަން އުފައްދައި، ގައުމުގެ މަސްލަހަތު ނަގާލުމަށްޓަކައި ގައުމުގެ ޒިންމާދާރު މަގާމުތަކުގައި ތިއްބެވި ބޭފުޅުން މިފަދަ ގޮތަކަށް މަސައްކަތް ނުކުރެއްވުމަށް އަޅުގަނޑުމެން ވަރަށް ބޮޑަށް އިލްތިމާސްކުރަން" އޭނާ ވިދާޅުވިއެވެ.

އަކްރަމް މިހެން ވިދާޅުވީ ވެރިކަން ކުރާ ޕީޕީއެމް އުވާލުމަށް މަޝްވަރާ ކުރަމުންދާ ކަމަށް ތުހުމަތުކޮށް، ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި އެ ޕާޓީގެ ކައުންސިލް މެންބަރު އަހުމަދު ސިއްދީގު ޓްވީޓެއް ކުރެއްވުމާ ގުޅިގެންނެވެ.

ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ، އަހުމަދު ސިއްދީޤު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އީސީ ތެރޭގައި ޕީޕީއެމް އުވާލުމުގެ މަޝްވަރާ ކުރަމުންދާކަމުގެ ޚަބަރު ލިބިފައިވާއިރު، ދިވެހި ރައްޔިތުންގެ ތެރެއިން އެ ޕާޓީއާއި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް ތާއީދުކުރައްވާ ފަރާތްތަކުން އީސީ އާއި ދެކޮޅަށް އަޑު އުފުލައި، ޤާނޫނު އަސާސީގެ 27 ވަނަ މާއްދާގެ ބޭނުން ފުރިހަމައަށް ހިފަން ޖެހޭނެ ކަމަށެވެ.

އަހުމަދު ސިއްދީޤު ރޭ ކުރެއްވި އިތުރު ޓްވީޓެއްގައި ވަނީ، އީސީން ކުރާ ކަމަކުން ޤައުމުގެ ހަމަޖެހުން ގެއްލޭނަމަ އެކަންކަމުގެ ނަތީޖާގެ ޒިންމާ އުފުއްލަވަން ޖެހިވަޑައިގަންނަވާނެ ކަން ހަނދުމަފުޅުކޮށް އަރުވާކަމަށް ވިދާޅުވެފައެވެ. އަދި އީސީގެ މެމްބަރުންގެ ނާޤާބިލުކަން ދަނީ ހާމަވަމުން ކަމަށް އޭނާ ވިދާޅުވިއެވެ.

"އީސީގެ މެމްބަރުން އަމިއްލައަށް އިސްތިއުފާ ނުދެއްވާ މިހާރު ތިއްބެވުމަކީ ލަދުވެތި ކަމެއް،" އަހުމަދު ސިއްދީޤުގެ ޓްވީޓުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަބްދުﷲ

    އީސީއަކީ، ސިޔާސީ ޕާޓީތައް އުވާލުމުގެ އެއްވެސް ބާރުވެރިކަމެއް ލިބިގެންވާ ފަރާތެއްނޫނެވެ. ޔަޢުނީ، އެކަން ކުރެވޭނީ ކަމާބެހޭ ޤާނޫނުތައް ނިޔާކުރާ ގޮތުގެމަތިން މަތީމަރްޙަލާގެ ކޯޓަކުންނެވެ. މިރާއްޖޭގެ ރައްޔިތުންނަކީ، އެހާފަހަތުގައި އުޅެންޖެހޭނެ ބައެއްނޫނެވެ.