ރައްޔިތުންގެ މަޖިލީހުގެ މާލޭގެ ދާއިރާތަކުގެ ކަންތަކުގައި އިލެކްޝަންސް ކޮމިޝަނުން ޢަމަލުކޮށްފައިވާގޮތުންވެސް ދޭހަވެގެންދަނީ އިލެކްޝަންސް ކޮމިޝަން ވަކި ފަރާތަކަށް ޖެހިފައިވާކަން ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ މެންބަރު މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ މެންބަރު، އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ޕީޕީއެމްގެ ކައުންސިލް މެންބަރު މުޙައްމަދު ޝަކީލް ވިދާޅުވީ، ސިޔާސީ ޕާޓީތަކާ މަޝްވަރާކުރުމުގެ ބަދަލުގައި އެމްޑީޕީގެ މެޖޯރިޓީ އޮންނަ ގޮތަށް މިހާރުގެ މަޖިލިސް މެންބަރުންގެ މަޝްވަރާއާއެކު، މާލޭ މަޖިލިސް ދާއިރާތައް ކަނޑައަޅަން އީލެކްޝަންސް ކޮމިޝަނުން ކުރާ މަސައްކަތުންވެސް އިލެކްޝަންސް ކޮމިޝަން ވަކި ފަރާތަކަށް ޖެހިފައިވާކަން ހާމަވާ ކަމަށެވެ.

ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރުމުގެ ބަދަލުގައި މިހާރު މަޖިލިސް މެންބަރުންގެ ގޮތުގައި ތިއްބެވި ފަރާތްތަކާ އީސީން މަޝްވަރާ ކުރެއްވުމުން ޕީޕީއެމްގެ އިސް ފަރާތްތަކުގެ ފާޑުކިޔުން އީސީއަށް އަމާޒުވެފައިވާއިރު، އިލެކްޝަން ކޮމިޝަނުން ވިދާޅުވެފައިވަނީ މިކަމުގައި ގޮތެއް ނިންމަވާނީ ސިޔާސީ ޕާޓީތަކުން ދެއްވާ ލަފަޔަށް ބެލުމަށްފަހު ކަމަށެވެ.

އީސީން އަމަލުކުރެއްވި ގޮތަށް ފާޑުވިދާޅުވެ ޝަކީލް ކުރެއްވި ޓްވީޓްގައި އިތުރަށް ފާހަގަކޮށްފައިވަނީ އީސީން އަމަލުކުރެއްވި ގޮތުން މަޖިލިސް އިންތިޚާބަށް އަލަށް ކުރިމަތިލާ ފަރާތްތަކުގެ ހައްޤަށް އުނިކަން އަންނަކަކެވެ. ޝަކީލް މިގޮތަށް ވިދާޅުވިނަމަވެސް އީސީން ވަނީ މިމަހުގެ ކުރީކޮޅު ސިޔާސީ ޕާޓީތަކާއި ބައްދަލުކޮށް އިންތިޚާބާއި ގުޅޭގޮތުން ޚިޔާލު ހޯދުމުގެ ފުރުސަތު ހުޅުވާލާފައެވެ.

"ކޮބައިތޯ އަލަށް ކުރިމަތިލާ މީހުންގެ ހައްޤުތައް؟" ޝަކީލް ސުވާލު އުފައްދަވާފައިވެއެވެ.

ޝަކީލް މިކަމަށް ފާޑުވިދާޅުވިއިރު، މާލޭގެ ދާއިރާތައް ކަނޑައެޅުމާ ގުޅޭ ގޮތުން ޚިޔާލު ހޯދަން އެ ކޮމިޝަނުން މިއަދު ވަނީ މަޖިލީހުގައި މާލެ ތަމްސީލް ކުރައްވާ ބައެއް މެމްބަރުންނާ އެކު މިއަދު ބައްދަލުވުމެއް ވެސް ބާއްވަވައިފަ އެވެ. އެ ބައްދަލުވުމުގައި އިދިކޮޅު ގިނަ މެމްބަރުންތަކެއް ބައިވެރިވެވަޑައިގެންނެވިއިރު، ވެރިކަން ކުރާ ޕީޕީއެމްގެ މެމްބަރުންގެ ތެރެއިން ބައިވެރިވެވަޑައިގަތީ މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު އެކަންޏެވެ.

މަޖިލިސް އިންތިހާބު އަންނަ މާރޗު މަހުގެ ފަހުކޮޅު ބާއްވަން ތައްޔާރުވަމުންދާކަން މިއަދު އީސީން ހާމަކޮށްފައިވާއިރު، މިހާރުގެ ރައްޔިތުންގެ މަޖިލީހުގައި ތިއްބަވަނީ 85 މެންބަރުންނެވެ. އަދި މިހާރު ދާއިރާތައް ހުރިގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ބައެއް ދާއިރާތަކުގެ ގިނަ އަދަދެއްގެ ރައްޔިތުން ހިތްހަމަ ނުޖެހޭ ދާއިރާތައްވެސް އެބަހުއްޓެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނުރަބޯ

    އީސީ އިން އެ ހިންގި ނުބައިކަން ބޮޑު ޖަރީމާ ހިންގުމުގައި ވަކިއަތަކަށް ބުރަވެފައި ތިބީ ވަކިވަރަކަށްނޫނެވެ. މި އަރައިގަނެވެނީ އެއްމެމީހެއްގެ ނުވަތަ ދެމީހެއްގެ ޙައްގަށް ނޫންކަމާ ނުވަދިހަ އެތައްހާސް މީހުންގެ ނުވަތަ އެއަށްވުރެވެސް ގިނަބައެއްގެ ޙައްގު ތަކަށްކަންވެސް ނޭނގުނެވެ. އެކަމު ގައި އެމީހުންތިބީ ސޭކު އިއްލަބެ ބުނާހެން “ބިރުފަހަނައަޅާ”ގޮއްސައެވެ.

  2. ޢަބްދުﷲ

    ދެލިފުހެވޭ ޤަލަމަކާއި ފާހަގަދުވާ އަގޮޓިއަކާއި ސިފަބަދަލުކުރާ ކަރުދާހެއްގެ މައްޗަށް ވާހަކަދެކެވޭއިރު، ތިޔައީ ހުރިހާ ހަމައަކުން ބަލާއިރުގައިވެސް ސާބިތުކޮށްދެވޭނެ ކަންކަމެއްނޫނެވެ. ޔަޢުނީ، ޣާއިބުގައިވާ ކަންކަމެވެ. އެހެނީ، ދެލިފުހެވުނު ކަމަށް ބުނިކަމުގައިވިޔަސް އެކަން ސާބިތުކޮށް ނުދެވުނެވެ. ފާހަގަ ދުވިކަމަށް ބުނިކަމުގައިވިޔަސް އެކަން ސާބިތުކޮށް ނުދެވުނެވެ. އުފެއްދުމުގައި ބޭނުންކޮށްފައިވާ ކެމިކަލްގެ ސަބަބުން ސިފަބަދަލުކުރާ ވޯޓްކަރުދާހެއް ބޭނުންކޮށްފައިވާ ކަމަށް ބުނިކަމުގައިވިޔަސް އެކަން ސާބިތުކޮށް ނުދެވުނެވެ.

    • Abdul Latheef

      އެކަން ސާބިތު ކޮށްދެވޭނީ ތަޙުގީގު ކޮށްގެންނެވެ. ނަމަވެސް މަތީ ކޯޓުން އެފުރުޞަތު ގެއްލުވާލީމަ ދެން އެކަން އެގޭނީ ވަރަށް ދުވަހުންނެވެ.