އެވިޑް ކޮލެޖުން ރާއްޖޭގެ އަތޮޅު ތެރެއަށް ދެމުންގެންދާ ތައުލީމުގެ ކަންކަން ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން، މަޝްވަރާ ބައްދަލުވުމެއް މިއަދު ފަށައިފިއެވެ.

އެވިޑް ކޮލެޖުން ރާއްޖޭގެ ހަތަރު އަތޮޅެއްގައި ކެމްޕަސްތައް ދަނީ ހިންގަމުންނެވެ. އަދި އަށް ރަށެއްގައި އައުޓްރީޗް ސެންޓަރުތަކެއް ވަނީ ގާއިމްކޮށްފައެވެ. މިއަދު އެވިޑް ކޮލެޖުގައި މި ފެށި ވޯކްޝޮޕްގައި އެ ކެމްޕަސްތަކާއި، އައުޓްރީޗް ސެންޓަރުތަކުގެ ކޯޑިނޭޓަރުން ވަނީ ބައިވެރިވެފައެވެ. ކުރިއަަށްއޮތް ދެ ދުވަހު ކުރިއަށްގެންދާ ވޯކްޝޮޕްގައި އެ ކޮލެޖުގެ އެކި ޑިޕާޓްމެންޓްތަކުގައި މަސައްކަތް ކުރާ އިސްވެރިން އެ ކޯޑިނޭޓަރުންނަށް، މިހާރު އެ ކޮލެޖުގައި ކަންކަން ބައްޓަންވެފައިވާ ގޮތް ކިޔާދޭނެއެވެ.

ރާއްޖޭގެ އަތޮޅު ތެރެއަށް ދެމުންގެންދާ ތައުލީމްގެ ފެންވަރު ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން އެވިޑް ކޮލެޖުން ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން - ވަގުތު އިމޭޖަސް: މުޙައްމަދު ޖިމީ

އެ ވޯކްޝޮޕް ފެއްޓެވުމުގެ ގޮތުން ބޭއްވި ކުޑަ ހަފްލާގައި ވާހަކަދައްކަވަމުން ކޮލެޖުގެ ޗެއާމަން އަބްދުﷲ މުސްތާގް ރަޝާދު ވިދާޅުވީ، މި ވޯކްޝޮޕުގައި ދެ ފަރާތުގެ މެދުގައި މައުލޫމާތު ބަދަލުކޮށް ވަރަށް ޓްރާންސްޕޭރެންޓްކޮށް ވާހަކަދައްކައިގެން ކަންކަން ރަނގަޅު ކުރުމާއި ގުޅޭ މަޝްވަރާތައް ކުރިއަށްގެންދެވޭނެ ކަަމަށެވެ.

"ތިބޭފުޅުންގެ ރަށުގައި ހުރިކަންކަން ތިބޭފުޅުންނަށޭ އެންމެ ބޮޑަށް އެނގިވަޑައިގަންނަވާނީ. އެހެންވީމަ އެހެން ހުރި ކަންކަން ތިބޭފުޅުން ބޮޑަށް ހިއްސާކޮށްލާ ކަންކަން ކުރިއަށްގެންދިއުން އެދެން". މުސްތާގް ވިދާޅުވިއެވެ.

އެވިޑް ކޮލެޖުގެ ޗެއާމަން އަބްދުﷲ މުސްތާގް ރަޝާދު - ވަގުތު އިމޭޖަސް: މުޙައްމަދު ޖިމީ

"ވަގުތު"އަށް ދެއްވި އިންޓަވިއުއެއްގައި އެވިޑް ކޮލެޖުގެ ވައިސް ރެކްޓަރ ޑރ. އަބްދުﷲ ރަޝީދު އަހުމަދު ވިދާޅުވީ، މި ސެޝަންތަކުގެ މައިގަނޑު މަގްސަދަކީ އެވިޑް ކޮލެޖުގެ ފަރާތުން، އަތޮޅު ތެރޭގައި ހިންގާ އެ ކޮލެޖުގެ ކެމްޕަސްތަކާއި، އައިޓްރީޗް ސެންޓަރުތައް ހިންގަން ތިބި ފަރާތަކަށް އެ ކޮލެޖުގެ އެކަޑަމިކް ޕޮލިސީތަކާއި، ފައިނޭންސް ޕޮލިސީތަކާއި، ކޮލެޖުގެ ހިންގާ ގަވާއިދުތަކާއި، އެމްކިއުއޭގެ އުސޫލުތަކާއި ގުޅޭ މައުލޫމާތުތައް އެ ފަރާތްތަކަށް ފޯރުކޮށްދިނުން ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވޭ އަތޮޅު ތެރޭގައި މި ހިންގާ ޕްރޮގްރާމްތަކަކީ މާލޭގެވެސް އަޅުގަނޑުމެން މި ހިންގާ ގޮތަށް އެ ފެންވަރުގައި ހިންގާ ކޯސްތަކަކަށް ވާން. އެހެންވީމަ އަޅުގަނޑުމެން ކޯޑިނޭޓަރސްއަށް ވަރަށް ރަނގަޅަށް އިނގެން ޖެހޭ ކިިހިނެއްތޯ އަޅުގަނޑުމެންގެ ޕްރޮސެސްތަކާއި، ޕޮލިސީތަކާއި، ޕްރޮސީޖާ އާ މި ހުންނަނީ" ޑރ. ރަޝީދު ވިދާޅުވިއެވެ.

އެވިޑް ކޮލެޖުގެ ވައިސް ރެކްޓަރ ޑރ. އަބްދުﷲ ރަޝީދު އަހުމަދު - ވަގުތު އިމޭޖަސް: މުޙައްމަދު ޖިމީ

ޑރ. ރަޝީދު ވިދާޅުވީ، މި ވޯކްޝޮޕްގެ ތެރެއިން މިހާރު ދިމާވާ ދަތިތަކާއި ގުޅޭގޮތުން ވާހަކަދެކެވި އެ ކަންކަން ހައްލުކުރެވިގެންދާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާތައް ކުރިއަށްދާނެ ކަމަށެވެ. އަދި އެވިޑް ކޮލެޖުން ފަށާފައިވާ ގޫގުލް ކްލާސް ރުމާއި ގުޅޭ މައުލޫމާތުތައް އަތޮޅު ތެރޭގައި ކިޔަވާ ދަރިވަރުންނަށް އަހުލުވެރި ކުރުވުމާއި، ގުޅޭގޮތުންވެސް ކޯޑިނޭޓަރުންނާއި މަޝްވަރާތައް ކުރިއަށްދާނެއެވެ.

"އަޅުގަނޑުމެންގެ މި ވޯކްޝޮޕްގެ ބޭނުމަކީ އެ ކޮލެޖުން ދޭ ތައުލީމުގެ ފެންވަރު މަތި ކުރުމާއި، ކޮލެޖުގެ އުސޫލުތަކާއި ގަވާއިދުތަކާއި، ކޮލެޖުގައި ކިޔަވަދޭ ފެންވަރަށް އަޅުގަނޑުމެންގެ އަތޮޅު ތެރޭގައިވެސް ކުރިއަށްގެންދިއުން". ޑރ. ރަޝީދު ވިދާޅުވިއެވެ.

އެވިޑް ކޮލެޖުގެ ވައިސް ރެކްޓަރ ޑރ. އަބްދުﷲ ރަޝީދު އަހުމަދު - ވަގުތު އިމޭޖަސް: މުޙައްމަދު ޖިމީ

ޑރ. ރަޝީދު އިތުރަށް ވިދާޅުވީ، ކުރިއަށް އޮތްތަނުގައި ކޮންމެ އަހަރަކުވެސް ހުރިހާ ކޯޑިނޭޓަރުން އެއްތަނަކުން ބައްދަލުކުރެވޭނެ ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ. އޭގެ އިތުރުން މިހާރު މަހަކު އެއްފަހަރު ނުވަތަ ދެފަހަރު ހުރިހާ ކޯޑިނޭޓަރުންނާއެކު ވީޑިއޯ ކޮންފަރެންސް ކުރިއަށްގެންދާކަން ރަޝީދު ފާހަގަކުރެއްވިއެވެ.

އެވިޑް ކޮލެޖުގެ ކެމްޕަސްތަކެއް އަތޮޅު ތެރޭގައިވެސް ހިންގަމުންދާއިރު، މި ކެމްޕަސްތައް ހިންގަމުން ދަނީ ގދ. ތިނަދޫ. އައްޑޫ ސިޓީ ހިތަދޫ، ލ. ފޮނަދޫ ހިމެނެއެވެ. އަދި އެ ކޮލެޖުގެ އައުޓް ރީޗް ސެންޓަރުތައް އަށް ރަށެއްގައި ދަނީ ހިންގަމުންނެވެ.