ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ އާއި ވާދަކުރައްވާ ކުރި ހޯއްދެވި އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް، އިބްރާހީމް މުޙައްމަދު ސޯލިހު (އިބޫ) ވެރިކަމުގެ ހުވާ ކުރެއްވިހާ އަވަހަކަށް، ޖަލު ޙުކުމރެއް ތަފްފީޒު ކުރައްވަމުންދާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ބޭސް ފަރުވާގެ ހައްޤު ލިބިގެންދާނެ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން ވަކިކޮށްފައިވާ މުޙައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި މިކަމާއި ގުޅޭގޮތުން ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރުކަން ކުރެއްވި މުސްތަފާ ވިދާޅުވީ، އަދީބަށްވެސް ބޭސްފަރުވާ ކުރުމުގެ ހައްޤު ލިބެންވާނެ ކަމަށާއި އިންސާނަކަށްވީތީ އިންސާނީ ހައްޤު ލިބެންވާނެ ކަމަށެވެ. އަދި އެއީ ރައީސް ޔާމީނަށް ނިގުޅައިގަނެވޭނެ ހައްޤެއް ނޫން ކަމަށް މުސްތަފާ ވިދާޅުވެފައި ވެއެވެ.

"އަދީބަށްބެސް ބޭސްފަރުވާ ކުރުމުގެ ހައްޤު ލިބެންވާނެ، އިންސާނަކަށް ވީތީ ލިބެންވާ ހައްޤު ލިބެންވާނެ! އެއީ ރައީސް ޔާމީނަށް ނިގުޅައިގަނެވޭނެ ހައްޤެއް ނޫން..! އިބްރާހީމް މުޙައްމަދު ސޯލިހު ޤާނޫނީ ހުވައި ކުރިހާ އަވަހަކަށް އަދީބަށް އެ ހައްޤު ލިބިގެންދާނެ އުންމީދު އާއި އެކު އުފާކުރައްވާ..!" މުސްތަފާގެ ޓްވީޓުގައި ވެއެވެ.

ރައީސް ޔާމީން އާއި އެމަނިކުފާނުގެ އަނބިކަނބަލުންނާއި ބައެއް ވަޒީރުން ދަތުރުކުރެއްވި ރިޔާސީ ލޯންޗް "ފިނިފެންމާ" ގައި އެއްޗެއް ގޮއްވާލި މައްސަލައިގައި އަދީބު ހައްޔަރު ކުރީ 2015 ވަނަ އަހަރުގެ އޮކްޓޯބަރ 24 ވަނަ ދުވަހު އެވެ. އަދީބު ހައްޔަރު ކުރީ ޗައިނާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅަކަށް ފަހު ސިންގަޕޫރަށް ވެސް ވަޑައިގެން އެގައުމުގައި މަޑުކުރައްވާ، އެނބުރި ރާއްޖެ ވަޑައިގެންނެވި ތަނުންނެވެ.

އަދީބު ހައްޔަރު ކުރެވުނީ ރައީސް ޔާމީން އަވަހާރަކޮށްލަން ރިޔާސީ ލޯންޗްގައި ދިން ހަމަލާ އާއި ގުޅިގެން ކަމަށް ވީނަމަވެސް އޭނާގެ މައްޗަށް އޭރުވެސް ތުހުމަތު ކުރެވެމުން ދިޔަ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ހުއްޓެވެ. އަދީބު ހައްޔަރުކޮށް ތަޙްޤީޤު ކުރުމުން އޭނާ އިސްވެ ހުންނަވައިގެން އެމްއެމްޕީއާރްސީން ދައުލަތުގެ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގާފައިވާ ކަމުގެ ތުހުމަތު ވަނީ ކުރެވިފައެވެ.

ހިޔާނާތުގެ ބައެއް މައްސަލަތަކުގައި އަދީބުގެ މައްޗަށް މިހާރުވެސް ޙުކުމް އިއްވާފައިވާއިރު އޭނާގެ މައްޗަށް ދައުލަތުން ދައުވާ ކުރާ ތިރީހަކަށް މައްސަލައިގެ ޝަރީޢަތް އަދިވެސް ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަދެއެވެ. އޭގެތެރޭގައި ކޮރަޕްޝަންގެ މައްސަލަތަކުގެ އިތުރުން ސްނައިޕަރަކު ގެނެސްގެން ރައީސް ޔާމީން އަވަހާރަކޮށްލަން މަސައްކަތް ކުރުމާއި ސިފައިން ގެއިން ހަތިޔާރު ވަގަށްނެގި މައްސަލައެއް ވެސް ހިމެނެއެވެ.

ނަމަވެސް އަދީބުގެ ވެސް ތާއީދާއި އެކު އިބްރާހިމް މުހައްމަދު ސޯލިހް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާފައި ވާތީ އަދީބާއި އަދީބުގެ އާއިލާ އަދި ސަޕޯޓަރުން އުއްމީދު ކުރަނީ އަދީބު ވަރަށް އަވަހަށް މިނިވަން ވާނެ ކަމަށެވެ.

ދިގު މުއްދަތަކަށް ޖަލަށް ލާފައިވާ އަދީބަށް ނުރައްކާތެރި ސިއްހީ ހާލަތުތަކެއް ކުރިމަތިވެ ނުރައްކާތެރި ބައްޔެއް ލޮލަށް ޖެހިފައިވާ ކަމަށް އަދީބުގެ އާއިލާއާއި ގާނޫނީ ވަކީލުން އަންނަނީ ބުނަމުންނެވެ. އެގޮތުން އަދީބު އެތެރެ ހަށީގައި ސިސްޓެއް އުފެދިފައިވާ ކަމަށާއި އަދި ކިޑުނީގައި ހިލަ އުފެދުމުގެ އިތުރުން ނުރައްކާތެރި ބައްޔެއް ކަމަށްވާ ގްލޮކޮމާ އަދީބުގެ ލޮލަށް ޖެހިފައިވާ ކަމަށް ޑޮކްޓަރުންނައި ހަވާލާދީ އާއިލާއިން އަންނަނީ ބުނަމުންނެވެ.

އަދީބު ރާއްޖެއިން ބޭރަށް ގެންދިއުމުގެ ހުއްދައަކަށް ވެސް އާއިލާއިން ކުރިން ވަނީ އެދިފައެވެ. ދާދިފަހުންވެސް އަދީބު ވަނީ މާލެއަށް ގެނެސް ޑޮކްޓަރަށް ދައްކާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޜަށުމީހާ

    ބަލަ ކަލޭކިހިނެއް ވެގެންތަ ތި ތެޅެނި ރާއްޖޭގެ ޖަލުތަކުގަ ތިބި ހުރިހާއެއްމެން އަވަހަށް ބޭސްކުރަން މިނިވަންކުރޭ އޭރުން ދެންވާގޮތް ބަލަން އަހަރެމެން ތިބޭނަން ދެންވެސް ކަލޭމެން ދުވާނި އާމާކުޅޭއޭކިޔާފަ ތިގައުމަށް ހެޔޮއެދޭބައެްނޫން ތި ގައުމަށް ގައްދާރުވާ ހާއިނުން

  2. އިލްކްސަ

    ހާދަ އަދީބޭދޯ؟ އެހެންނު ވާނީ އަދީބުކައިރިއަށްދާ ކޮންމެ ދުވަހަކު ހަދިޔާ ލިބެމުން ދިޔައިމަ އެހަނދާންތައް ނުފިލާނެތާ. އެއީ ކޮރަޕްޝަނެއް އަނިޔާއެއް ނޫން.

  3. ރހހ

    ތީ އެންމެނައްވެސް އެންގޭ ބޮޑުސިއްރެއް. އަދީބު އަތުން ލިބުން އެއްޗެހި ގިނަވީމަ ވަގުންތައް ތިހާވަރެއް އަރައިގެން ތިއުޅެނީ. ލުތުފީ ގެއްލުވާލިގޮތައް އަދީބު ފަރާތުން ފައިދާލިބުން މީހުން ޢޭނަ ރާއްޖޭންބޭރައް ފޮނުވާ ގެއްލުވާލެނެ،

  4. ވަހިއްޓޭ

    އަދީބު ބޭނުންވާ ޑޮކްޓަރުން މާލެ ގެނޭ. ޢެކަމު އޭނަ ބެޗިޔަދީގެން ނުވާނެ.މމޕރސ ގެ ލާރި ގަނޑު ހޯދަންޖެހޭނެ

  5. ބޮލި މުލައް

    ތ. ޢަތޮޅުގެ ސިޔާސީ ޑީލަރުން ވޯޓު އޮޅުވާލީ

  6. ނޫގަލަން

    ސާބަސް މުސްތަފާބޭ! އަވަހަށް އަދީބު ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފޮނުވާލާ! އެއަށްފަހު އެއީ ތިޔަ ހެޔޮވެރިކަމުގަ ނިމުމުގެ ސިއްކަ ޖެހުނީކަމުގަ ބަލާ!... ވަރަށް ވާހަކަ...

  7. ޢަބްދުﷲ

    ބޭސްފަރުވާގެ ފުރުޞަތަކީ، ފިލައިގެން ދިޔުމަށް ލިބިދެވޭ ފުރުޞަތެއް ކަމަށް ބެލޭތީ، ބަލިމީހާއަށް އެފުރުޞަތު ލިބިދެއްވުމަށް ފަސްޖެހެމުން ދާތަންފެނެއެވެ. އެހެންނަމަވެސް، ބޭސްފަރުވާގެ ފުރުޞަތަކީ، ނުދީ ހިފެހެއްޓޭނެ ފުރުޞަތެއްނޫނެވެ. ބަލިވީމާ، ބޭސްކުރުމާއި މަރުވީމާ ވަޅުލުމާއި މިކަންކަން ކުރަންޖެހޭނެއެވެ.