ވ.އަތޮޅުގައި ފަރުމަސްވެރިކަން ކުރުމަށްފަހު މާލެއަށް ދަތުރުކުރި "މަގުލަސް" ނަމަކަށް ކިޔާ ދޯންޏެއް މާލެ އަތޮޅު ފުށިދިއްގަރުފަޅުގެ އިރުމަތީ ފަރާތު ފަރަށް އަރައި، އޭގައި ހުރި ބައެއް ސާމާނު އޮޔާދާތީ އެ ސަރަހައްދުން ދަތުރުކުރައްވާ ދަތުރުވެރިން ސަމާލުވުމަށް އެމްއެންޑީއެފް އިން އިލްތިމާސް ކުރައްވައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ފަރަށް އެރުމުގެ ހާދިސާގެ މި މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ ރޭ ދަންވަރު 01:23 ހާއިރުއެވެ.

ފަރުމަސްވެރިކަން ކުރާ، 80 ފޫޓް ހުންނަ މި ދޯނި، ފަރަށް އެރުމާ ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑަންގެ ޑައިވަރުންގެ ޓީމެއް ކޯސްޓްގާޑުގެ ލޯންޗުގައި ގޮސް، މިހާރު އެ ސަރަޙައްދުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.

މިހާދިސާ ހިނގިއިރު، އެ ދޯނީގައި 5 މީހުން ތިބިއިރު، އޭގެ ތެރޭގައި ދިވެއްސަކާއި 4 ބިދޭސީން ހިމެނެއެވެ. މި އެންމެންގެ ހާލު ވެސް ރަނގަޅެވެ.

މި ދޯނި ފުންކުރުމުގެ މަސައްކަތް ދޯނީގެ ވެރިފަރާތާއި އެމްއެންޑީއެފް ކޯސްޓްގާޑުން ގުޅިގެން މިހާރު ދަނީ ކުރަމުން ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބަގަލާ

    އަދިވެސް ބައްގާޅިން ގެންގުޅޭ

  2. ޑިމޮކްރަޓިސްޓް

    ގިނަފަހަރަށް ކައްޕިއަކަށް ހުންނާނީ ދިވެއްސެއް.. އެހެންވެ 1 ދިވެއްސެއް އެއަންނަނީ.. ދެން ކޮބާ ބަންގާޅީންގެ މައްސަލަޔަކީ..