އެޕަލް ކުންފުނިން ނެރުނު އެންމެ ފަހުގެ ފޯންތަކުގެ ތެރޭގައި ހިމެނޭ އައިފޯން "އެކްސްއެސް" އަދި "އެކްސްއެސް މެކްސް" ރާއްޖެއަށް ތައާރަފްކޮށްފިއެވެ.

މިއަދު މެންދުރު ފަހު ދިރާގު ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން އައިފޯން އެކްސް އެސް އަދި އެކްސްއެސް މެކްސް ރާއްޖެއަށް ތައާރަފްކޮށްފައެވެ. އެ ރަސްމިއްޔާތުގެ ތެރެއިން ދިރާގު މެދުވެރިކޮށް އައިފޯން އެކްސް އެސް އަދި އެކްސްއެސް މެކްސްއަށް ޕްރި އޯޑަރު ކުރި ފަރާތްތަކަށް ވަނީ ފޯނުތައް ހަވާލުކޮށްފައެވެ.

ދިރާގުގެ ޑިވައިސް މެނޭޖަރ އަހުމަދު އިޝާން ވިދާޅުވީ، ދިރާގު މެދުވެރިކޮށް ފަހުގެ އައިފޯންތަކަށް ޕްރިއޯޑަރު ކުރި ފަރާތްތަކުގެ ތެރެއިން މާލެ އާއި ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް މިއަދު 14:30 އިން ފެށިގެން އިރުއޮއްސި 6:00 އާއި ހަމައަށް ފޯންތައް ލިބޭނެ އިންތިޒާމް ދިރާގު ހެޑް އޮފީހުގައި ހަމަޖެހިފައިވާކަމަށެވެ.

ފަހުގެ އައިފޯނުތައް ތަޢާރަފްކުރުމަށް ދިރާގުން ބޭއްވި ހަފްލާ - ވަގުތު އިމޭޖަސް: މުޙައްމަދު ޖިމީ

އަދި މިއަދު ވަޑައިނުގަނެވޭ ފަރާތްތަކަށް މާދަމާވެސް ކަސްޓަމަރ ސެންޓަރ މެދުވެރިކޮށް ލިބޭނެ ކަމަށް އިޝާން ވިދާޅުވިއެވެ. އަދި ކުރިއަށްއޮތްތަނުގައި ދިރާގުގެ އޮފީސްތައް ގާއިމްކޮށްފައިވާ ތަންތަނުން ފޯން ލިބޭނެ އިންތިޒާމް ކުރިއަށް އޮތް ހަފްތާއެއްހާ ދުވަސް ތެރޭގައި ހަމަޖެހިގެންދާނެކަމަށްވެސް އިޝާން ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ޕްރިއޯޑަރު ހުޅުވާލިތާ ގާތްގަނޑަށް 24 ގަޑިއިރުގެ ތެރޭގައި ޕްރިއޯޑަރ ސްޓޮކް ވަނީ ހުސްވެފައި". އިޝާން ވިދާޅުވިއެވެ.

އަދި ވަރަށް އަވަހަށް ކަސްޓަމަރުން ބޭނުންވާ ފޯންތައް ގެނެސްދޭނެކަމަށް ދިރާގުން ފާހަގަކުރިއިރު، އަންނަ ހަފްތާ ތެރޭގައި އެ ފޯންތައް ގަތުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.

ފަހުގެ އައިފޯނުތައް ތަޢާރަފްކުރުމަށް ދިރާގުން ބޭއްވި ހަފްލާ - ވަގުތު އިމޭޖަސް: މުޙައްމަދު ޖިމީ

ދިރާގުން އެޕަލްގެ އެންމެ ފަހުގެ ފޯންތައް ޕްރީއޯޑަރު ކުރުމަށް ހުޅުވާލީ މިމަހު 12 ވަނަ ދުވަހުއެވެ. އަދި މިހާރު ހުރިހާ ފޯނެއް ވިކި ހުސްވެފައިވާ ކަމަށް ދިރާގުން ވަނީ ބުނެފައެވެ. ދިރާގުން ޕްރިއޯޑަރ ކުރުން ހުޅުވާލީ، ވަގުތުން ފައިސާ ދައްކައިގެން ފޯން ނަގަން ބޭނުންވާ ފަރާތްތަކަށާއި، އިންސްޓޯލްމެންޓަށް ފައިސާ ދައްކައިގެން ފޯން ނަންގަވަން ބޭނުންވާ ފަރާތްތަކަށެވެ. އިންސްޓޯލްމެންޓަށް ފޯނު ނެގޭނީ ދިރާގުން ޕޯސްޓް ޕެއިޑް ޕެކޭޖްތައް ގެންގުޅޭ ކަސްޓަމަރުންނަށެެވެ. އަދި ދިރާގުން ފޯން ނަގާ ފަރާތްތަކަށް ފަސް ޖީބީގެ ޑާޓަ ހަ މަސް ވަންދެން ހިލޭ ލިބޭނެއެވެ.

އެޕަލް އިން މިފަހަރު ނެރެފައި ވަނީ ކުރީގެ އައިފޯންތަކަށްވުރެ މާ ވަރުގަދަ ފޯންތަކެކެވެ. އެގޮތުން މިފަހަރު ނެރުނު ފޯންތައް ކުރީގެ އައިފޯނުތަކަށްވުރެ ދެގުނަ ސްޕީޑު އަވަސްވާނެއެވެ. އަދި ފޯނުތަކުގައި ހިމަނާފައިވާ ފޭޝަލް ރިކޮގްނިޝަން ފީޗާ އާއި އެކު މިފޯނު ވެގެން ދާނީ މިފަދަ އެންމެ ފުރިހަމަ ފީޗާ ހިމަނާފައިވާ ސްމާޓް ފޯނަށެވެ. "ޓްރޫ ޑެޕްތު" ކެމެރާ އާއި އެކު އާ އައިފޯންގެ ސަލާމަތީ ފިޔަވަޅު ވަނީ ވަރުގަދަ ކުރެވިފައެވެ.