އެވިޑް ކޮލެޖުން ރާއްޖޭގެ އަތޮޅުތަކުގައި ދެމުންގެންދާ ތައުލީމުގެ ކަންކަން ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން، އިއްޔެ ފެށި މަޝްވަރާ ބައްދަލުވުން މިރޭ ނިންމާލައިފިއެވެ.

އެވިޑް ކޮލެޖުން ރާއްޖޭގެ ހަތަރު އަތޮޅެއްގައި ކެމްޕަސްތައް ދަނީ ހިންގަމުންނެވެ. އަދި އަށް ރަށެއްގައި އައުޓްރީޗް ސެންޓަރުތަކެއް ވަނީ ގާއިމްކޮށްފައެވެ. މިއަދު އެވިޑް ކޮލެޖުގައި ފެށި ވޯކްޝޮޕްގައި އެ ކެމްޕަސްތަކާއި، އައުޓްރީޗް ސެންޓަރުތަކުގެ ކޯޑިނޭޓަރުން ވަނީ ބައިވެރިވެފައެވެ. ދެ ދުވަހު ނިޔަލަށް ކުރިއަށް ގެންދިޔަ ވޯކްޝޮޕްގައި އެ ކޮލެޖުގެ އެކި ޑިޕާޓްމެންޓްތަކުގައި މަސައްކަތް ކުރާ އިސްވެރިނާއި ކޯޑިނޭޓަރުންނަށް، މިހާރު އެ ކޮލެޖުގައި ކަންކަން ބައްޓަންވެފައިވާ ގޮތް ކިޔާދީފައިވެއެވެ.

އެވިޑް ކޮލެޖުން ބޭއްވި ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތު – ވަގުތު އިމޭޖްސް: މުހައްމަދު ޖިމީ
އެވިޑް ކޮލެޖުން ބޭއްވި ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތު – ވަގުތު އިމޭޖްސް: މުހައްމަދު ޖިމީ

ވޯކްޝޮޕްނިންމުމުގެ ގޮތުން ބޭއްވި ކުޑަ ހަފްލާގައި ވާހަކަދައްކަވަމުން ކޮލެޖުގެ ޗެއާމަން އަބްދުﷲ މުސްތާގް ރަޝާދު ވިދާޅުވީ، މި ވޯކްޝޮޕުގައި ދެ ފަރާތުގެ މެދުގައި މުހިންމު މައުލޫމާތުތަކެއް ބަދަލުކުރެވިފައިވާ ކަމަށެވެ. އަދި ކޯޑިނޭޓަރުންނާއި ކޮލެޖުގެ މެނޭޖުމެންޓާއި ގާތުން މަސައްކަތް ކުރަން ޖެހޭ ކަމަށާއި ބޭނުން ކޮންމެ ވަގުތެއްގައި ކޯޑިނޭޓަރުންނަށް މަޝްވަރާކުރުމާއި ހިޔާލުބަދަލު ކުރުމުގެ މަގު ފަހިވެފައިވާ ކަމަށްވެސް މުސްތާޤް ވިދާޅުވިއެވެ،

"އަޅުގަނޑުމެންގެ އުންމީދެއް އެއީ މިފަދަ މަސައްކަތު ބައްދަލުވުންތަށް ގިނައިން ބޭއްވުން. އަޅުގަނޑުމެން ބޭނުންވޭ ތިބޭފުޅުންނާއި އޮންނަ ގުޅުން އިތުރަށް ވަރުގަދަ ކުރަން. އަޅުގަނޑު ޝުކުރު އަދާކުރަން ތިބޭފުޅުން ތި ކޮށްދޭ ހިތުމަތަށް. ހަޤީގަތުގައި ތިބޭފުޅުން ހިދުމަތް ތިކޮށްދެނީ މި ކޮލެޖަށް" މުސްތާޤް ވިދާޅުވިއެވެ.

އެވިޑް ކޮލެޖުން ބޭއްވި ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތު – ވަގުތު އިމޭޖްސް: މުހައްމަދު ޖިމީ
އެވިޑް ކޮލެޖުން ބޭއްވި ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތު – ވަގުތު އިމޭޖްސް: މުހައްމަދު ޖިމީ

އަތޮޅު ތެރޭގައި ހިންގާ އެވިޑް ކޮލެޖުގެ ކެމްޕަސްތަކާއި، އައުޓްރީޗް ސެންޓަރުތައް ހިންގަން ތިބި ފަރާތަކަށް ހާއްސަކޮށްގެން މަސައްކަތު ބައްދަލުވުމެއް އެވިޑް ކޮލެޖުން ބޭއްވުމުގެ މައިގަނޑު މަގުސަދަކީ އެ ކޮލެޖުގެ އެކަޑަމިކް ޕޮލިސީތަކާއި، ފައިނޭންސް ޕޮލިސީތަކާއި، ކޮލެޖުގެ ހިންގާ ގަވާއިދުތަކާއި، އެމްކިއުއޭގެ އުސޫލުތަކާއި ގުޅޭ މައުލޫމާތުތައް އެ ފަރާތްތަކަށް ފޯރުކޮށްދީ ކުރިމަތިވާ މައްސަލަތަކާއި މެދު މަޝްވަރާކޮށް ހިޔާލު ބަދަލުކުރުމެވެ.

އަދި މަސައްކަތު ބައްދަލުވުން ނިންމުމަށް މިރޭ ބޭއްވި ހަފްލާގައި ވަނީ މަސައްކަތު ބައްދަލުވުމުގެ ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކުރައްވާފައެވެ.

އެވިޑް ކޮލެޖުން ބޭއްވި ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތު – ވަގުތު އިމޭޖްސް: މުހައްމަދު ޖިމީ
އެވިޑް ކޮލެޖުން ބޭއްވި ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތު – ވަގުތު އިމޭޖްސް: މުހައްމަދު ޖިމީ

އެވިޑް ކޮލެޖުގެ ވައިސް ރެކްޓަރ ޑރ.ރަޝީދު މީގެ ކުރިން "ވަގުތަށް" ދެއްވި އިންޓަވިޔުއެއްގައި ވިދާޅުވީ ކުރިއަށް އޮތްތަނުގައި ކޮންމެ އަހަރަކުވެސް ހުރިހާ ކޯޑިނޭޓަރުން އެއްތަނަކުން ބައްދަލުކުރެވޭނެ ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ. އޭގެ އިތުރުން މިހާރު މަހަކު އެއްފަހަރު ނުވަތަ ދެފަހަރު ހުރިހާ ކޯޑިނޭޓަރުންނާއެކު ވީޑިއޯ ކޮންފަރެންސް ކުރިއަށްގެންދާކަން ރަޝީދު ފާހަގަކުރެއްވިއެވެ.

އެވިޑް ކޮލެޖުގެ ކެމްޕަސްތަކެއް އަތޮޅު ތެރޭގައިވެސް ހިންގަމުންދާއިރު، މި ކެމްޕަސްތައް ހިންގަމުން ދަނީ ގދ.ތިނަދޫ. އައްޑޫ ސިޓީ ހިތަދޫ، ލ.ފޮނަދޫ ހިމެނެއެވެ. އަދި އެ ކޮލެޖުގެ އައުޓް ރީޗް ސެންޓަރުތައް އަށް ރަށެއްގައި ދަނީ ހިންގަމުންނެވެ. އަދި ދ.ކުޑަހުވަދޫގައި އެކޮލެޖުގެ ކެމްޕަސް އެއް ހުޅުވުމަށް އުންމީދު ކުރާ ކަމަށް ކޮލެޖުގެ ޗާންސެލަރ ވަނީ ވިދާޅުވެފައެވެ.