ސިފައިންނަކީ ސިޔާސީ ކަންކަމާއި ދުރުހެލި ވާން ޖެހޭ ބައެއް ކަމަށާއި ރިޔާސީ އިންތިޚާބަށް ފަހު ވެސް އެއްވެސް ވަރަކަށް ސިޔާސީ ކަމެއް ސިފައިންގެ ތެރެއިން ނުފެންނަ ކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އާދަމް ޝަރީފް މިހެން ވިދާޅުވީ ސިފައިންގެ ކަޅުތުއްކަލާ ކޮށީގެ ތެރެއަށް ސިޔާސީ ލިޔުންތަކެއް އަޅާފައިވާ ކަމަށް މީސް މީޑިއާގައި ވާހަކަދެކެވެމުން ދަނިކޮށް ރޭ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މިނިސްޓަރު ވިދާޅުވީ "ދިވެހި ސިފައިންނަކީ ޤާނޫނު އަސާސީ އާއި ސިފައިންގެ ޤާނޫނުން ލާޒިމް ކުރާ ޒިންމާތަކެއް އުފުލަން ޖެހޭ ބައެއް. ސިޔާސީ ކަންކަމާއި ދުރުހެލި އަދި ދުރުހެލި ވާން ޖެހޭ ބައެއް. ރިޔާސީ އިންތިޚާބަށް ފަހު ވެސް މިރެއާއި ހަމައަށް އެއްވެސް ވަރަކަށް ސިޔާސީ ކަމެއް ސިފައިންގެ ތެރެއިން ނުފެނޭ." ކަމަށެވެ.

ކަޅުތުއްކަލާ ކޮށީގެ ތެރެއަށް ލިޔުންތަކެއް އެޅިކަމަށް ބުނާ ޚަބަރާއި ގުޅިގެން އެމްއެންޑީއެފް އިން އަދި އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

މީގެ ކުރިން ވެސް ސިފައިންގެ މަރުކަޒުތަކުގެ ތެރެއިން ބައެއް މަރުކަޒުތަކަށް ބައެއް ފަހަރު މިފަދަ ލިޔުންތައް އަޅާފައި ވެއެވެ. އެފަދަ މައްސަލަތަކުގައި ބައެއް ސިފައިން، ސިފައިންގެ ވަޒީފާ އިން ވަކިކޮށްފައި ވެސް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ބޭފުޅާ ސިޔާސީކަމެއް ނެތްކަން އިގޭނީ ކަމަކާއި ޖެހުނީމަ، މީގެކުރިން އެގުނުތަ އީސީ އަކީ ކޮރަޕްޓްވެފައިވާ ތަނެއްކަން، އެމުސްތަގިއްލު މިނިވަން ކޮމިޝަންގެ އެއްމެ އިސް ބޭފުޅުންނަކީ ރިޝްވަތު ފައިސާތަކަށް ވިކިގެން އެކޮމިޝަނުން ހިންގާނެ އެއްމެމުހިއްމުކަން ކަމަށްވާ ރިޔާސީ އިންތިކާބުގައި ޚިޔާނާތްތެރި ޖަރީމާއެއް ހިންގާލާނެ ބައެއްކަން ތިބޭފުޅުން އެއްމެ ފަހަރަކުވެސް ޚިޔާލަޢްވެސް ގެނެވުނު ކަމެއްތަ މިއީ.