ސުޕްރީމް ކޯޓު ކައިރި – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ރިޔާސީ އިންތިޚާބު ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ޙުކުމް އިއްވަން މިއަދު ބާއްވާ އަޑުއެހުމަށް ވަނުމަށް ގިނަ ބަޔަކު ކިއު ހަދައިފިއެވެ.

ޙުކުމް އިއްވުމަށް ބާއްވާ ޝަރީޢަތުގެ އަޑުއެހުން ތާވަލް ކޮށްފައި ވަނީ މިއަދު މެންދުރު ފަހު 13:00 އަށެވެ. ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އިން މައުލޫމާތު ދެއްވާ ގޮތުގައި މިއަދު ސުޕްރީމް ކޯޓުގައި އޮންނަ އަޑުއެހުމަށް ވަންނަން ބޭނުންފުޅުވާ ބޭފުޅުންގެ ނަން ނޯޓް ކުރުން ކުރިއަށް ދާނީ 10:30 އިން 12:30 އަށެވެ.

ސުޕްރީމް ކޯޓުގައި އޮންނަ އަޑުއެހުންތަކަށް ކޮންމެ ދުވަހަކު ވެސް ފަންސާހަކަށް މީހުން ވައްދާއިރު ކޮންމެ ދުވަހަކު ވެސް އެތައް ގަޑިއިރެއް ކުރިން ޝަރީޢަތައް ވަންނަން ކިއު ހަދައެވެ. ބައެއް ދުވަސް ދުވަހު ކިއު ހަދައިގެން ތިބި މީހުންގެ ތެރޭގައި ހަމަޖެހުން އުފެދި ފުލުހުންނާއި ސިފައިން އެމީހުން ކޮންޓްރޯލް ކޮށްފައި ވެސް ވެއެވެ.

ރިޔާސީ އިންތިޚާބު ބާތިލް ކުރަން ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި މައިގަނޑު 13 ކަމަކަށް އެދިފައި ވެއެވެ. އެހުރިހާ ކަމަކާއި މެދު މިއަދު ސުޕްރީމް ކޯޓުން ގޮތެއް ނިންމާނެއެވެ.

އިންތިޚާބު ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ސިއްރުން ހެކިބަސް ނަގައިދިނުމަށް ރައީސް ޔާމީންގެ ފަރާތުން އެދުނު ނަމަވެސް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައި ވަނީ މިމައްސަލައިގައި ސިއްރުން ހެކިބަސް ނަގަން ޖެހޭ ހާލަތެއް ނެތް ކަމަށެވެ. ނަމަވެސް ޤާނޫނީ ވަކީލުން ވިދާޅުވާ ގޮތުގައި ސިއްރުން ހެކިބަސް ނުނެގުމަކީ މައްސަލަ ވަކި ގޮތަކަށް ނިމިގެން ހިނގައިދާނެ ކަމަށް ބުނުމުގެ ފުރުސަތު އޮތް ކަމެއް ނޫނެވެ. ޝަރީޢަތުގެ މަޖިލީހުގައި ވަކީލުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު ކޮންމެ ކޮޅަކަށް ވެސް މައްސަލަ ނިމުމުގެ ފުރުސަތު އެބައޮތް ކަމަށް ވަކީލުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ﷲ އާއި ވަކީލް. ކޮންމެގޮތަކަށް ސްޕްރީމް ކޯޓުން ނިންމިނަމަވެސް އެނިންމި ނިންމުމަށް އިހްތިރާމް ކުރަންޖެހޭނެކަމުގަ ދެކެން.

  2. ޔޫނުސު ހަލީލް

    ހަމަ ދެން ތިތަނަށް ނުގޮސް އެނިމާ ހުކެމެއްގެ ނިންމިގޮތެއް ނޭގޭނެތަ އަޅޭ ދެއްކުން ތެރިވިޔަސް ބޮޑުވަރުދޯ