ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ނުފެށެނީ ތަޅުމަށް ހުށަހަޅާނެ މަސައްކަތެއް އެޖެންޑާ ކުރެވިފައި ނެތުމުންކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ނިހާން ދެއްކެވި ވާހަކައަށް މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ ރައްދު ދެއްވައިފިއެވެ.

މާރިޔާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ގެއްލި އަދި އިތުބާރު ނެތް ކަމަށް ނަގަން އުޅުމުން އެތައްހާސް ރައްޔިތުންގެ އަޑު ކަނޑުވާލާ މަޖިލީހަށް ވަނަ ނުދީފައިވާ މަޖިލިސް މެންބަރުންގެ ގޮނޑިތަކާއި މެދު ސުޕްރީމް ކޯޓުން ގޮތެއް ނިންމުމުން، މަސީހު ހުއްޓުވާފައިވާ ރައްޔިތުންގެ މަޖިލިސް ހިނގައި ގަންނާނެ ކަމަށެވެ.

"ޕީއެސްއެމް" އާއި ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް އެޖެންޑާ ކުރާނެ މަސައްކަތެއް ނެތް ކަމަށެވެ. ނަމަވެސް ރައްޔިތުން މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހު މުޙައްމަދު މަޖިލީހުގެ ޖަލްސާތައް ބޭއްވުމަށް ޕީޖީ ގްރޫޕުގައި މަޝްވަރާ ކުރައްވަމުންދާ ކަމަށެވެ.

ނިހާން ވިދާޅުވީ ދައުލަތުގެ ބަޖެޓު މަޖިލީހަށް ފޮނުވުމުން ކުރިން މަޖިލީހުގެ ޖަލްސާތައް ބާއްވާނޭކަމަށެވެ.

ނިހާން މިހެން ވިދާޅުވިއިރު އިދިކޮޅު ސިޔާސީ ޕާޓީތަކަށް ނިސްބަތް ރައްޔިތުންގެ މަޖްލީހުގެ މެންބަރުން ވިދާޅުވަނީ ޖަލްސާތައް ނުބާއްވަނީ ރައީސް ޔާމީން އިންތިޚާބުން ނާކާމިޔާބުވެ ވަޑައިގަތުމުން އެކަން ހަޖަމް ނުކުރެވިގެން ކަމަށެވެ.

މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގައި ބާއްވާފައިވަނީ 13 ޖަލްސާއެވެ. މަޖިލީހުގެ ތިންވަނަ ދައުރު ފެށިފައިވީ ނަމަވެސް މި ދައުރުގައި އަދި ޖަލްސާއެއް ބާއްވާފައެއް ނުވެއެވެ. މަޖިލީހުގެ ޖަލްސާއެއް އެންމެ ފަހުން ބޭއްވި މިދިޔަ އޮގަސްޓު މަހުގެ އެއްވަނަ ދުވަހުއެވެ.

މަޖިލީހުގެ ޖަލްސާތައް ބޭއްވުމުގެ ބާރު އޮންނަނީ މަޖިލީހުގެ ރައީސްއަށެވެ. މަޖިލީހުގެ މަސައްކަތްތަކަށް ހުރަސް އެޅިފައިވަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ ސަބަބުން ކަމަށް އިދިކޮޅު މެމްބަރުން އަންނަނީ ތުހުމަތު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބަމަރސް

    އެހެންވެ އިގެނީބޮޑު މުސާރަދީގެން ކާރުދީގެން ތިމެމްބަރުން ނުގެންގުޅުނަސް ޤައުމެއް ހިގާނެ ރަނގަޅު ވެރިއެއް ހުރުމުން.