ރިޔާސީ އިންތިޚާބު ބާތިލް ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ޙުކުމް ކޮށްފިއެވެ.

ރިޔާސީ އިންތިހާބު ބާތިލުކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް މި މައްސަލަ ވެއްދީ ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުންނެވެ. އިންތިހާބު ބާތިލުކުރަން ނުޖެހޭ ކަމަށް ހުކުމް ކުރެއްވީ ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

ސުޕްރީމް ކޯޓުން އިއްވި ހުކުމުގައި ވިދާޅުވީ 23 ސެޕްޓެމްބަރުގައި ބޭއްވި ރިޔާސީ އިންތިހާބަކީ ޝަރުއީޔަތު ގެއްލިފައިވާ އިންތިހާބެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ރައީސް ޔާމީން ހުށަހެޅުއްވި މައްސަލައިގައި އިންތިހާބު ބާތިލުކުރަންޖެހޭ ފަދަ އަސާސެއް ނެތް ކަމަށެވެ.

އަދި އަލުން އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނަށް އަމުރު ކުރާނެ ތަނެއް ނެތް ކަމަށްވެސް ހުކުމުގައި ވިދާޅުވެފައިވެއެވެ.

ރިޔާސީ އިންތިޚާބުގެ ވޯޓުގެ ކަންކަމާ ގުޅިގެން ދިވެހި ފުލުހުންނާއި، ސިފައިން މެދުވެރިކޮށް ސްޕްރީމް ކޯޓުގެ ބެލުމުގެ ދަށުން ރައީސް ޔާމީން ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަންކަން ތަހްޤީގު ކޮށްދިނުމަށް އެދިފައިވާތީ ސްޕްރީމް ކޯޓުން ހުކުމުގައި ވިދާޅުވީ، ހުށަހެޅިފައިވާ ކަންކަން ތަހްޤީގު ކުރުމަށް މޯލްޑިވްސް ޕޮލިސް ސަރަވިސް އަދި ދިވެހި ސިފައިންގެ މައްޗަށް އަމުރެއް ނެރެންޖެހޭފަދަ ހެއްކާއި ގަޤީރާ ހުށަހެޅިފައި ނެތް ކަމަށެވެ.

ނިމިދިޔަ ރިޔާސީ އިންތިޚާބާއި ގުޅިގެން "އިންތިޚާބީ ޝަކުވާއެއް" ވާނަމަ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމަށާއި، "ކޮރަޕްޝަނާ ގުޅުންހުރި މައްސަލައެއް" ވާނަމަ އެކަމެއް ތަހްޤީގު ކުރުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ މުއައްސަސާތަކަށް ހުށަހެޅުމަށް، އިންތިޚާބާއި ގުޅިގެން ޖިނާއީ ކުށެއްގެ މައްސަލައެއް ވާނަމަ އެ މައްސަލައެއް ތަހްޤީގު ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އަމުރު ކުރުމަށް އަދި އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންގެ ޒިންމާއާ ގުޅުންހުރި މައްސަލައެއްވާނަމަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އެއްވެސް ހުރަހެއް ނެތް ކަމަށްވެސް ހުކުމުގައި ބުނެފައިވެއެވެ.

މައްސަލައާ ގުޅިގެން ފާހަގަވާ ކަންކަމުގެ ގޮތުގައި ސްޕްރީމް ކޯޓުން ފުރަތަމަ ފާހަގަ ކުރެއްވީ މި މައްސަލައަކީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސްޕްރީމް ކޯޓަށް ބެލޭނެ މައްސަލައެއް ނޫންކަމަށް އިލެކްޝަންސް ކޮމިޝަނުން އަދި މައްސަލައަށް ތަދައްހުލް ވެފައިވާ ފަރާތްތަކުން ބުނެފައިވާ ބުނުމުގެ މައްޗަށެވެ. އެކަމާ ގުޅިގެން ސްޕްރީމް ކޯޓުން ވިދާޅުވީ، ސްޕްރީމް ކޯޓަށް ބެލުމުގެ އަސްލީ އިހްތިޞާސް ލިބިގެންވާ ހުރިހާ މައްސަލައަކީ ސްޕްރީމް ކޯޓަށް ބެލޭނެ ދުސްތޫރީ މައްސަލަތައް ކަމަށެވެ. އެގޮތުން ބަލާއިރު މި މައްސަލައަކީވެސް އެ ކޯޓަށް ބެލޭނެ މައްސަލައެއް ކަމަށް ވިދާޅުވިއެވެ.

ހުކުމުގައި ވިދާޅުވެފައިވަނީ، އިލެކްޝަންސް ކޮމިޝަނަކީ އެ ކޮމިޝަނުގެ މަސްޢޫލިއްޔަތުތައް އަދާކުރުމުގައި ވަކި ފަރާތަކަށް ބުރަވުމެއްނެތި، ނަޒާހަތްތެރިކަމާއެކު މަސައްކަތް ކުރާ މުއައްސަސާއަކަށް ވާނެޖެހޭ ކަމަށެވެ. އިންތިޚާބުގެ ކަންކަން ހިންގާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި، ޤާނޫނުތަކާއި، ގަވާއިދުތައް އަދި ސްޕްރީމް ކޯޓުގެ ގައިޑްލައިނާ ޚިލާފަށްކަމަށް ރައީސް ޔާމީން ސްޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވާ ކަމަށާއި، އެ ދައުވާ ސާބިތު ކުރުމުގެ ބުރަ އުފުލަންޖެހޭނީ މައްސަލަ ހުށަހެޅި ފަރާތުން ކަމަށް ހުކުމުގައި ވިދާޅުވެފައިވެއެވެ.

ވޯޓް ކަރުދާސް ޗާޕް ކޮށްފައިވަނީ އިދިކޮޅު ސިޔާސީ ފިކުރެއްގެ މެޖޯރިޓީ ހިއްޞާ އޮންނަ "ޢެމް-7" އިން ކަމުގައި ވީ ނަމަވެސް، އެކަން ކޮށްފައިވަނީ ދިވެހިރާއްޖޭގެ މާލިއްޔަތު ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ފިނޭންސް މިނިސްޓަރުގެ ހުއްދަ ލިބިގެން ކަމަށާއި، ބިޑުން ކުރި ހޯދި ކުންފުނި އެއްފަރާތްކޮށް އެހެން ފަރާތަކާ ވޯޓް ކަރުދާސް ޗާޕް ކުރަން ހަވާލުކޯށްފައިވަނީ ބިޑްތައް ބާޓިލު ކުރުމަށްފަހު، "ސިންގަލް ސޯސް ބިޑިންގ" ގެ އުސޫލުން ކަމަށްވާއިރު، ވޯޓް ކަރުދާސް ޗާޕް ކުރަން "އެމް-7" އަށް ދިނުމަކީ ވޯޓް ކަރުދާސް ބޭނުންކޮށްގެން ވަކި ބަޔަކަށް ނާޖާއިރު ފައިދާ ހޯދައިދިނުން ކަމުގައި ބެލޭނެ ކަމަށާއި، އެއީ އިންތިޚާބު އޮޅުވާލާފައިވާކަމުގެ ވަރުގަދަ ގަރީނާއެއްކަމަށް ބުނި ނަމަވެސް، ހަމައެކަނި އެކަމުގެ މައްޗަށް ބިނާކޮށް އެކަމުގެ ޒާތުގައި އެއީ އިންތިޚާބު އޮޅުވާލަން ކުރި ކަމެއް ކަމަށް ނުބެލެވޭނެ ކަމަށް ހުކުމުގައި ވިދާޅުވެފައިވެއެވެ.

ހުކުމުގައި ބުނެފައިވަނީ ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ވޯޓް ކަރުދާސް ޗާޕްކޮށްފައިވަނީ ސްޕްރީމް ކޯޓުގެ 2013 ވަނަ އަހަރުގެ 42 ނަންބަރު ގަޒިއްޔާއާ އެއްގޮތްވާގޮތުގެ މަތިން، މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކަމަށެވެ. އަދި ވޯޓް ކަރުދާސް ޗާޕް ކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާނަމަ އެކަން ތަހްޤީގް ކުރުމަށް ކަމާ ގުޅުންހުރި މުއައްސަސާތަކަށް ހުށަހެޅުމަށް ހުރަހެއް ނެތްކަމަށްވެސް ހުކުމުގައި ފާހަގަކޮށްފައިވެއެވެ.

ވޯޓް ކަރުދާސް ޗާޕް ކުރުމަށްފަހު ރައްކާކޮށްފައިވާ "ސަލާމަތީ ރޫމާއި" ގުޅިގެން އުފައްދާފައިވާ ސުވާލުތަކާ ގުޅިގެން ހުކުމުގައި ވިދާޅުވެފައިވަނީ، ވޯޓް ކަރުދާސް ރައްކާކޮށްފައިވާ ކޮޓަރިއަށް އިތުރު އެއްޗެއް ވެއްދިޔަސް އަދި ނެރުނަސް ނޭނގޭނެ ކަމަށް މައްސަލައިގައި ބުނެފައިވީ ނަމަވެސް، އެފަދަ ކަމެއް ހިނގާފައިވާކަން ސާބިތު ކުރުމަށް މައްސަލަ ހުށަހެޅި ފަރާތުން އެއްވެސް ހެއްކެއް ގަރީނާއެއް ހުށަހަޅާފައި ނެތް ކަމަށެވެ. އަދި މިއަހަރުގެ ޖޫން މަހުގެ 28 ވަނަ ދުވަހު ފުލުހުނާއި އިލެކްޝަންސް ކޮމިޝަނާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ސަލާމަތީ ރޫމުގެ ރައްކާތެރިކަން ފުލުހުން ބަލަހައްޓާފައިވާ ކަމަށާއި، އިންތިޚާބުގެ ކުރިން އަދި ފަހުންވެސް އެފަދަ ކަމެއް ހިނގާފައިވާކަމުގެ އެއްވެސް ރިޕޯޓެއް ލިބިފައި ނެތްކަމަށް ފުލުހުން ބުނާ ކަމަށެވެ.

ހުކުމުގައި ވިދާޅުވެފައިވަނީ، ތަފާތު ވަސީލަތްތައް ބޭނުންކޮށްގެން ވޯޓް އޮޅުވާލަން މަސައްކަތް ކޮށްފައިވާ ކަމަށް ދައުވާ ކުރި ފަރާތުން ބުނި ނަމަވެސް، އެފަދަ ކަންކަން ހިނގާފައިވަނީ ކޮން ވޯޓްލާ މަރުކަޒެއްގައިކަން ބަޔާންކޮށްފައި ނުވާ ކަމަށެވެ. އަދި ވޯޓް އޮޅުވާލަން ބޭނުންކޮށްފައިވަނީ ކެމިކަލެއްތޯ ނުވަތަ ގަލަމެއްތޯވެސް ސާފު ކޮށްދީފައި ނުވާ ކަމަށާއި، އެފަދަ ކަމެއް ހިނގާފައިވާކަން ޝަރީއަތަށް ޤަބޫލުކުރެވޭނެ އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާކަން ހުކުމުގައި ފާހަގަކޮށްފައިވެއެވެ.

އިންތިޚާބާއި ގުޅޭ ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯއާއި ގުޅިގެން ހުށަހަޅާފައިވާ ޝަކުވާތަކާ ގުޅިގެން ހުކުމުގައި ބުނެފައިވަނީ 16 ޖުލައި 2018 ވަނަ ދުވަހު ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯ އުފައްދާފައިވާ ކަމަށާއި، 423 މައްސަލައަށް ޖަވާބުދާޜީ ވެފައިވާކަމަށް އީސީން ޝަރީއަތުގައި ބުނާއިރު، އެކަން ހިނގާފައިވަނީ އެނޫން ގޮތަކަށްކަން މައްސަލަ ހުށަހެޅި ފަރާތަށް ޝަރީއަތަށް ޔަޤީން ކޮށްދެވިފައި ނުވާ ކަމަށެވެ.

އިންތިޚާބުގެ ވޯޓުލީ މަރުކަޒުތައް އެތުރިފައިވާ ގޮތާއި، ވޯޓިންގ ބޫޓްތައް ހުރިގޮތުން ގިނަ އަދަދެއްގެ ރައްޔިތުން ލީ ވޯޓުގެ ސިއްރުކަން ގެއްލިފައިވާކަމަށް ރައީސް ޔާމީން ހުށަހުއްވި މައްސަލައިގައި ބުނެފައިވާތީ، އެކަމަށް ރިއާޔަތްކޮށް ހުކުމުގައި ވިދާޅުވެފައިވަނީ، ވޯޓްގެ ސިއްރުކަން ހިފެހެއްޓުމަށް އަމަލުކޮށްފައިވަނީ ޤާނޫނާ އެއްގޮތަކަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާއިރު، ވޯޓްގެ ސިއްރުކަން ގެއްލޭގޮތަށް އަމަލުކޮށްފައިވަނީ ކޮން ވޯޓުލާ މަރުކަޒުތަކެއްގައިކަން ބަޔާން ކޮށްދެވިފައި ނުވާ ކަމަށެވެ.

ވޯޓް ކަރުދާހުގެ ސަލާމަތީ ސިފަތައް ވޯޓް ގުނުމުގެ ކުރިން ބަލާ، ޗެކް ކޮށްފައި ނުވާތީ ވޯޓްގެ ޞައްޚަކަން ކަށަވަރު ނުވާކަމަށް މައްސަލައިގައި ބުނެފައިވާއިރު ހުކުމުގައި ވިދާޅުވެފައިވަނީ، ސެކިއުރިޓީ ސިފަތައް ކޮންމެ ކަރުދާސްކޮޅެއް ވަކިން ބަލަން ޤާނޫނު ލާޒިމު ނުކުރާ ކަމަށާއި، އެ ސިފަތަކަކީ އެގޮތަށް ކޮންމެ ކަރުދާސްކޮޅެއް ވަކިން ބަލަން ލާފައިވާ ސެކިއުރިޓީ ސިފަތައް ނޫން ކަމަށް އީސީން ބުނާ ކަމަށެވެ. އަދ އެ ސިފަތައް ބަލާ ޗެކް ކުރަންޖެހޭނީ ކަރުދާހުގެ ޞައްޙަކަމާމެދު ސުވާލެއް އުފެދިއްޖެ ހާލަތެއްގައި ކަމަށާއި، ނަމަވެސް ވޯޓް ކަރުދާހުގެ ޞައްޚަކަމާމެދު ސުވާލު އުފައްދައި އެއްވެސް ޝަކުވާއެއް ހުށަހެޅިފައި ނެތް ކަމަށެވެ.

ވޯޓް ލާން ފެށުމުގެ ކުރިން އެ މަރުކަޒަކަށް ގެނެވުނު ވޯޓް ކަރުދާހުގެ އަދަދުތައް ގުނާ އާއްމުކޮށް އިއުލާން ކުރަންޖެހޭއިރު، އެކަން އެގޮތަށް ކޮށްފައި ނުވާކަމަށް ރައީސް ޔާމީން ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވާތީ، ހުކުމުގެ ބުނެފައިވަނީ ގަވާއިދާ އެއްގޮތަށް ހުރިހާ މަރުކަޒެއްގައިވެސް ވޯޓް ކަރުދާޙުގެ އަދަދު އިއުލާން ކުރެވިފައިވާކަމަށް އީސީން ބުނާ ކަމަށާއި، އެކަން އެގޮތަށް ހިނގާފައި ނުވާކަން ސާބިތު ކޮށްދިނުމަށް މައްސަލަ ހުށަހެޅި ފަރާތުން ހެކި ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި ވޯޓް ލުމަށްފަހު އަލުން އިލެކްޝަންސް ކޮމިޝަނަށް ގެންނަންޖެހޭ ވޯޓް ކަރުދާސް ބަންދުކޮށްފައިވާ "ސެކިއުރިޓީ އުރަ-3" ބަންދު ނުކޮށް ގެނެސްފައިވާކަމަށް ބުނި ނަމަވެސް އެކަންވެސް އީސީން ދޮގު ކުރާ ކަމަށާއި، އެކަން އެގޮތަށް ހިނގާފައިވާކަމުގެ އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާކަމަށް ހުކުމުގައި ވިދާޅުވެފައިވެއެވެ.

ވޯޓްލާ މަރުކަޒުތަކަށް ނަމާތަކެތި ވެއްދިކަމަށް ބުނެ ފާހަގަކޮށްފައިވާ ކަންކަމާ ގުޅިގެން ހުކުމުގައި ބުނެފައިވަނީ އެފަދަ 38 މައްސަލައެއް ކޮމްޕްލެއިންޓްސް ބިއުރޯއަށް ހުށަހެޅިފައިވާ ކަމަށާއި، އޮންން އުސޫލުގެ ތެރެއިން އެ މައްސަލަތައް ބެލޭނެ ކަމަށެވެ. ނަމަވެސް މި މައްސަލަ ސްޕްރީމް ކޯޓަށް ހުށަހެޅި ފަރާތުން ބުނާ ކަންކަން ހިނގިކަން ސާބިތުވާވަރަށް ހެކި ހުށަހެޅިފައި ނެތް ކަމަށްވެސް ހުކުމުގައި ފާހަގަކޮށްފައިވެއެވެ.

ވޯޓްލާ މަރުކަޒުތަކުގެ ކިއުގައި ހަދިޔާ ބަހާ، ވޯޓަށް ނުފޫޒު ފޯރުވަން މަސައްކަތްކޮށްފައިވާކަމަށްބުނެ 6 މައްސަލައެއް އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ހުށަހެޅިފައިވާ ކަމަށާއި، ނަމަވެސް އެ މައްސަލަތައްވެސް ހުށަހެޅިފައިވަނީ ޤާނޫނުގައި ބުނާ ގޮތަށް ހެއްކާއެކު ނޫން ކަމަށް އީސީން ބުނެފައިވާކަމަށް ސްޕްރީމް ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވެއެވެ. ހަމައެއާއެކު އެކަމުގެ ޝަކުވާ މި މައްސަލައިގައި ހުށަހަޅާފައިވީނަމަވެސް، އެކަންކަން ހިނގީ ކޮންކޮން ތަންތަނެއްގައިކަން ބަޔާން ކޮށްދެވިފައި ނުވާކަމަށް ހުކުމުގައި ވިދާޅުވެފައިވެއެވެ.

ބައެއް ވޯޓް ފޮށިތަކަށް އިތުރަށް ވޯޓް ލާފައިވާކަމަށް ބުނެފައިވާ މައްސަލައާ ގުޅިގެން ހުކުމުގައި ވިދާޅުވެފައިވަނީ، ހުޅުމާލޭ "ވައިޓީ.01" ވޯޓް ފޮށްޓަށް 25 ވޯޓް އިތުރަށް ލާފައިވާކަން ސާބިތު ކޮށްދެވިފައި ނުވާ ކަމަށާއި، ހުޅުމާލޭގެ އިތުރު ދެ ފޮށްޓެއްގައި 1 ވޯޓްގެ ތަފާޓެއް އުޅެނީ އެއް ފޮށްޓަށް ލާންޖެހޭ ވޯޓެއް އަނެއް ފޮށްޓަށް ލެވިގެންކަން ކަންހިނގާދިޔަ ގޮތުގެ ރިޕޯޓުން އެނގެން އޮންނަ ކަމަށް އީސީން ބުނެފައިވާ ކަމަށެވެ.

އަދި ދައުވާގައި ބުނާގޮތަށް އެކަންކަން ހިނގާފައިވާކަން ސާބިތު ކުރާނެ ހެއްކާއި، ގަރީނާ ހުށަހެޅިފައި ނުވާ ކަމަށާއ، ވަކި ފޮއްޓެއްގައި ކަމެއް ހިނގާފައިވުމަކީ ހުރިހާ ފޮއްޓެއްގައި އެފަދަ ކަންކަން ހިނގާނެކަމަށް ބެލޭނެ ހަމައެއް ނޫން ކަމަށްވެސް ހުކުމުގައި ވިދާޅުވެފައިވެއެވެ.

ރައީސް ޔާމީންގެ ފަރާތުން ސްޕްރީމް ކޯޓަށް ހުށަހެޅި މި މައްސަލައިގައި ރައީސް ޔާމީންގެ ފަރާތުން 4 ސިއްރު ހެކިން ހުށަހެޅި ނަމަވެސް އެ ހެކިން ސްޕްރީމް ކޯޓުން ބަލައިގެންފައެއް ނުވެއެވެ. އެކަމާ ގުޅިގެން ހުކުމުގައި ބުނެފައިވަނީ، މިބާވަތުގެ މައްސަލަތަކުގައި ހެކިބަސް ދޭންޖެހޭނީ ފާޅުގައި ކަމަށާއި، ސިއްރުން ހެކިބަސް ނެގުމަށް އިންކާރު ކުރުމުގެ އިޚްތިޔާރު ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ލިބިގެންވާ ކަމަށެވެ.

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ޤާނޫނާއި، ޤަވާއިދާ ޚިލާފު ކަންކަން ހިނގާފައިވާކަން ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓަށް ސާބިތުވާ މިންވަރަށް ހެކި ހުށަހެޅިފައި ނުވާކަމަށްބުނެ އިންތީޚާބު ބާތިލް ކުރަންޖެހޭނެ އެއްވެސް އަސާސެއް ނެތްކަމަށް ހުކުމް ކޮށްފައިވާއިރު ނިމިދިޔަ ރިޔާސީ އިންތިޚާބު އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް ކާމިޔާބުކޮށްފައިވަނީ 134705 ވޯޓާއެކުގައެވެ.

ކިޔުންތެރިންގެ ހިޔާލު

41 ކޮމެންޓް

 1. އަފްލާ

  އިންތިޚާބް ބާތިލް ނުކުރިޔަސް އިބޫ ކުރާނީ ދޮގު ހުވައެއް ކަން ޔަގީން

  • ތ

   ތިއޮތީ 2018 "ޔަގީން" ވެފައި. ދެން ލަލަލާ

   • Anonymous

    ހޫނ. މޑޕ އެއްބުރުން ގެންދާނީ އެއްބުރުން ގޮތަށް ދޯ. ދެން ލަލަލަލާދީނީ

  • އިބްރޭ

   ކޮން ދޮގުހުވައެއް ގައިމު ޔާމިނު ހަދާހެން އިބޫ ދޮގެއްނަހަދާނެ

   • Anonymous

    ކޮން ވާހަކައެއް ދައްކާކަށް. ދޮގުވެސް ހަދާނެ ގައުމުވެސް ވިއްކަލާނެ

    • އަހައްމާ

     ކޮރަޕްޓް ކަންއެނގި ހުރެ ހިތް ބޭނުމެއް ނުވޭ ޢާޙިރަތައް ބިރުވެތި ވާކަށް..!!

 2. ނޫޑުލްސް

  އީސީ ސަރީފޫ ޫ ޫ. ލޮލް

 3. Anonymous

  އަލްަހަމްދުލިﷲ

 4. ?

  ފަޑުޔާރުން ވެސް އެހެރީ ވިކިފަ.?

  • މަން

   ބަލި ގަބޫލް ކޮށްބަލަ

 5. ހައްވަ

  އަޅްހަމްދުޅިއްޅާހި

 6. ހހ

  ތިޔަވީ.. ހުރޭދެން ހަޖަމުކޮށްގެން

 7. އ.ޖ.އ

  الحمد لله
  މިއަދަކީ 21 ވަނަ ގަރުނުގެ ނަސްރުގެ ދުވަސް.

 8. ވަރުވާ

  ސްޕްރީމް ކޯރޓްގެ ޙުކުމަށް އިޙުތިރާމް ކުރަން. އަޅުގަނޑަކީ، ސިޔާސީ މީހެއް، އަދި އެއްވެސް ޕާރޓީއެއްގެ މީހެއްވެސް ނޫން. އަމާން، އޮމާންކޮށް އިންތިޚާބުގެ ވޯޓް ލުން ނިމިގެން ދިޔަޔަސް، މިއީ ދިވެހި ތާރީޚުގައި އެއްމެ އޮޅުންބޮޅުންގިނަ އިންތިޚާބު ކަމަށް ބުނެވިދާނެ.

 9. ?

  ދެން އެ އިބޫ ގަނޑު ހުވާ ކޮށްފަ ވެރިކަން ދޫކޮށް ލާނެ އެއްނު?

 10. ސައިމް

  އިންސާފެއް ނެތް...ކޮންމެ ފަނޑިޔާރަކަށް ވަނީ 20 މިލިޔަން ދީފައި...އެހެން ވީމަ ވާނީ ވެސް މިހެންކަން މާ ކުރިން އިނގޭ...

  • އަލިކޮ

   އާނ ދޯ. ދެން ޕީޕީއެމް އޮފީސް ކުރިމައްޗަށް 20 މީހުން ގޮވައިގެން ގޮސް ތިހެން ކިޔަން ފަށާ. ނަމަނަމަ ގަބޫލުނުކުރާތި ޔާމީނަށް ތާއީދެއް ނެތްކަމަކަށް.

   • Anonymous

    މަކަރު ހަދާފަ ތާއީދެއް ނެތޭ ގޮވާނެ ކަމެއް ނެތް. ކަލޭމެންނަށް ތާއީދު ނެތީމަ މަކަރު ހަދަން ޖެހުނީވެސް.

 11. Anonymous

  ކޯޓުތައް ވެސް ގަނެލީ ދޯ

 12. Anonymous

  ވަﷲޢަޢްލަމް

 13. ޙަސަން

  މިއަދު ރައީސް ޔާމީނާ އެއްކޮޅަށް ކޯޓުން ޙުކުމެއްވެސް ނުކުރާނެކަން މާރަނގަޅަށްވެސް އެނގޭ. ދުނިޔޭގައި ތިބި ބަޔަކު ބަލަންތިބޭ! ދެން ވާގޮތް. މިއަދު މިރާއްޖޭގައި ހުރިހާ ކަމެއްވެސް ހިނގާނީ، ޣައިރު މުސްލިމުން ބުނާގޮތަކަށް. އެމީހުން އެދޭ ގޮތަކަށް. ދެން ފޮރުވިފައިވާ ސިއްރަކީ ކޮބައިކަން އެއީ ނޭނގޭ ކަމަކީ. ދުވަސްކޮޅަކުން ކަންކަން ހާމަވެ ލޯތަކަށް ފެންނަން ފެށުމުން ބައެއް މީހުން ދެން ކިޔާނީ މުޅިން އެހެން ލަވައެއް.

 14. އަބުލޯ

  ވަގު ވޯޓެއް ވާނީވަގު ވޯޓަކައް

  • މޮޔަ

   ވަގު ވޯއްޓެއް ނޫން އެއީ..މޮޔަ ވެބަލަ

   • Anonymous

    ހަމަ ވަގު ވޯޓެއް އެއީ. ހަޅޭއްފަޅޭއް ލެވިޔަސް ވޯޓް ވަގުން ވާނީ ވޯޓް ވަގުންނަށް.

 15. މަރީ

  ބާތިލް އިންތިހާބަކުން އަންނާނީ ވެސް ބާތިލް ރައީސެއް.. އެހެންމާ އިބޫ އަކީ ރައީސްއަކަށް ވާނެގޮތަކީ ނެތް ގޮތެއް.. އެހެންވިޔަސް ކޯޓުގެ ނިންމުމާއި އެއްގޮތަށް މި ފަސްއަހަރު އިބޫގެ ވެރިކަން ބަލާލަމާ ހިނގާ.. އަނެއްކާ އަންނަ އިންތިހާބަކަށް ވާއިރު އިބޫ ޖަލަށްލާން ގޮވަން ????

 16. ލަލަލާ

  ދެން ލަލަލާ

 17. ދެންލަލަލާ

  އިންތިހާބު ބާތިލް ނުކުރިޔަކަސް ވޯޓު އޮޅުވާ ނުލާ ކަމަކަށް ނުވާނެ.

 18. ޑޮންޑޮން

  އަލްޙަމްދުލިﷲ

 19. ސަލީމް

  ޝަރީއަތަށް ތިލަވާވަރު ނުވިޔަސް "ކަމެއް" ވަނީ ހިނގާފަކަން ޔަޤީން. ތިޔަ ވެރިކމުގަ ބަރަކާތެއް ނުލައްވާނެ. އާމީން

 20. ސަލީމް

  މި ހުކުމްގެ ސަބަބުން ސްޕްރީމްކޯޓް މިވަގުތަށް އޯކޭ. ދެންކުރާ ހުކުމްތަކަށްވެސް އެ އޯކޭ ވާނެތޯ؟ ހަޖަމް ކުރާތި

 21. ޙަސަނުބެ

  މި ހުކުމަކި އަހަރުތަކަކަށް ރައްކާކުރާ ބަޔަކު ރއްކާކޮށް ގެންގުޅޭނެ އާޓިކަލްއެއް ﷲ އރާދަފުޅުން އެ ފަސްމީހުންގެ ދުލުން އެކަން ހާމަ ކުރާނެ ދުވަސް ވަރަށްގާތުގާ އޮތީ އުންތިޒާރު ކޮށްލައްވާ އަދި އެމީހުނައް އެދުވަހަކުން ބޮޑުވެގެންވާ އަދަބު ތަކެއް ލިބިގެންދާތަން ދުނިޔޭގާ ދިރިތިބި ބަޔަކައް ފެނިގެންދާނެ އަދި އަނިޔާވެރިންނަކީ ކޮންބައެއް ކަމާ ގައުމުގެ ގައްދާރުންނަކީ ކޮބަިކަން އެދުވަހުން އެންމެންގެ ކުރިމަތީ ހާމަވެގެންދާނެ ޔާ ﷲ ކަންކަން އޮޅުވާލާ މަކަރާ އޮޅުވާލުމާ ރިޝްވަތަށް ހެއްލޭ މީހުން ބޭޒާރުކުރައްވާ ފަޟީހަތް ކުރައްވާ، އެބައިމީހުނައް ދެ ދުނިއޭގާވެސް ގެއްލުމާ ހަލާކު މިންވަރު ކުރށްވާންދޭ އާމީން އާމީން

 22. އަޙްމަދު

  ހުވާކޮށްގެން ކަންކުރާނީ އެއާއި އިދިކޮޅަށް ޙައްސަކޮށް ނަޝީދުގެ ސިކުޑިން.

 23. ޢަހަންމާ

  ވަރަށް ހިތި ތަޖުރިބާ އެއް ރައްޔިތުންވެސް ތިޔަ މުއައްސަސާތަކު ބޭފުލހުންވެސް ކުރާނެ. މަޙްލޫފަށް ހުކުމް ކުރާނެގޮތް އެނގިފައި އޮތުމުން ސުވާލު އުފެދޭ. އެކަމު ދެން ކުރާނެ ކަމެއް ނެތް. ރައީސް ޔާމީން ގެނެސް ދެއްވި ތަރައްޤީޔަށް އަދިވެސް އެއްފަހަރު ޝުކުރިއްޔާ. އިރާޤު ރައްޔިތުންނަށް މިހާރު ސައްދާމު ވަރުގެ މާތް މީހަކު ނެތް. މީ ލައްކަ ވާހަކަ. ހަމަ އެހެެން މިރާއްޖޭގެ ރައްޔިތުން ރޮއިފަ ބުނާނެ ދުވަސް ވަރަށް ކައިރި. ޙާއްސަކޮށް ފުލުހުން، ސިފައިން، ސިވިލް ސާރވަންޓް. ރޮއިފަ ބުނާތަން ދެކޭނަން. ދުނިޔޭގަ ހުރިއްޔާ.

 24. ޢާލިޔާ

  ސައިބޯނި ބޮކި

 25. ދިވެއްސެއް

  އަލްޙަމްދުލިﷲ

 26. ޢިނާޔާ

  ދޮގު ހުވާކުރުން އޮންނާނެ... ގަނޫނާ ޚިލާފައް ނަޝީދު ޤައުމައް އެެރުވިގެން ނުވާނެ.

 27. ނަސްރު

  ދެން ލަލަލާ ލަލަލާ

 28. Miadhu

  ދެން މިތިބީ ބަލަން އިންޝާﷲ ރަގަޅުވެއްޖެނަމަ ރަގަޅު ގޯސްވެއްޖެނަމަ ގޯސް އެގޭހާވެސް ކަމަކީ ގާސިމާއި މައުމޫނު ބާކީވާނެކަން
  މާދަމާ ހާމިދުގެ އިންޒާރުތާށް ނުކުންނަން ފަށާނެ ގާސިމާއި މައުމޫނަށް

 29. ހަސަނު

  ދަރިންނޭ ހޭބަޅިނުވޭ ޔާމީނަށްވެސް 5 އަހަރު ނިމްނީ އިބޫއަށްވެސް 5 އަހަރު މަޑުން ތިބެބަޅަ ތިހާވަރަށް މޮޔަވާކަށް ނުވާނެ ސަޅާމް

 30. ޖަރީމާ

  ޚިޔާތެރިވެ ރިޝްވަތު ދީހަދައިގެން ވެރިކަމަށް އައިސް ބިރުގަންނަން ޖެހޭނެ ﷲ ހުރިހާކަމެއް ބައްލަވާ ވޮޑިގަންނަވާނެ. އެއީޔާމީނު އެކަނި ޙައްޤެއްނޫން އެތައްބައެއްގެ ޙައްޤެއް .ކުށެއްކުރެވިފައިވާނަމަ އަވަހަށް ޢިއިތިރާފުވެ ތަވްބާވެލައްވަވާ ހުވާތް ނުކުރައްވާތި.

 31. އިބޫ

  ޚިޔާތެރިވެ ރިޝްވަތު ދީހަދައިގެން ވެރިކަމަށް އައިސް ބިރުގަންނަން ޖެހޭނެ ﷲ ހުރިހާކަމެއް ބައްލަވާ ވޮޑިގަންނަވާނެ. އެއީޔާމީނު އެކަނި ޙައްޤެއްނޫން އެތައްބައެއްގެ ޙައްޤެއް .ކުށެއްކުރެވިފައިވާނަމަ އަވަހަށް ޢިއިތިރާފުވެ ތަވްބާވެލައްވަވާ ހުވާތް ނުކުރައްވާތި.