ހުކުރު ޚުޠުބާ ސިޔާސީ ކުރަން މަސައްކަތް ކުރާކަމަށް ބުނެ ބައެއް ދީނީ ޢިލްމުވެރިންނާއި، ސިޔާސީ ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަކީ އެއްވެސް ހަޤީޤަތެއް ނެތް ވާހަކަތަކެއްކަމަށާއި ހުކުރު ޚުޠުބާގައި ގެނެސްދެނީ ގައުމުގެ ހާލަތު ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

"ޕީއެސްއެމް" ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އައްޝައިޙް ޢިބްރާހީމް އަޙްމަދު ވިދާޅުވީ، ހުކުރު ޚުޠުބާއަކީ ޤައުމުގެ މަސްލަޙަތާއި ގުޅިފައިވާ، އެއިރެއްގެ ޤައުމުގެ ޙާލަތާއި، ޤައުމުގައި ހިނގާ އެންމެ މުހިއްމު ކަންތައްތަކާއި ގުޅިގެން ތައްޔާރުކުރާ އެއްޗެއްކަމަށެވެ.

އިސްލާމީ ކޮންމެ ޤައުމެއްގައިވެސް ހުކުރު ޚުޠުބާގައި، އިޖްތިމާޢީ އެކި އެކި ކަންތައްތަކަށާއި، އެއިރެއްގައި ޤައުމުގައި ހިނގާ މުހިއްމު ކަންތައްތަކަށް އަލިއަޅުވާލާނެކަމަށް އޭނާ ވިދާޅުވީ އަދި އެއީ ސިޔާސީވުންކަމުގައި ދެކިގެންނުވާނެކަމަށްވެސް އަހުމަދު އިބްރާހިމް އަހުމަދު ވިދާޅުވިއެވެ.

"ޚުޠުބާ ލިޔާ މީހާ ލިޔުނުކަމުގައިވިޔަސް، އެ ޚުޠުބާ ކިޔުމަށްޓަކާ ތައްޔާރުވެގެން އަންނާނީ ކޮމެޓީއެއްގެ ތެރެއިން. އެކޮމެޓީގައި ތިއްބަވާ ހުރިހާ މެމްބަރުން އެ ޚުޠުބާއެއްގައި ފުރިހަމަވާންޖެހޭ ކަންތައްތައް ބެލުމަށްފަހު، ޚުޠުބާ ނިންމާފައި، މިނިސްޓަރު ވެސް އެ ބެއްލެވުމަށްފަހު ދެން އެ އާއްމުކުރެވިގެންދާނީ. އެހެންވީމަ، ޚުޠުބާ މިދަނީ ވަރަށް ބޮޑަށް ކޮމެޓީއެއްގެ ތެރެއިން މަޝްވަރާކުރެވި، ގޮތްތަކެއް ނިންމުމަށްފަހު. ރާއްޖޭގެ އިތުރުން އިސްލާމީ ހުރިހާ ޤައުމެއްގައިވެސް ޚުޠުބާއެއްގައިވިއްޔާ މިދެންނެވިގޮތަށް އެ ހަފްތާއެއްގައި ޤައުމުގައި ހިންގާ ކަންތައްތަކަށް އަލިއަޅުވާނުލާ ނުދާނެ" ޝައިޙް ޢިބްރާހީމް އަޙްމަދު ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އައްޝައިޙް ޢިބްރާހީމް އަޙްމަދު ވިދާޅުވީ، ދީނާ ސިޔާސަތަކީ އެއްވެސް އިރެއްގައި ވަކިކުރެވޭނެ އެއްޗެއް ނޫންކަމަށާއި، މި ދެ ކަންތައް ގުޅިގެން މެނުވީ އިސްލާމްދީނުގެ މުހިއްމުކަން ފެނިގެންނުދާނެކަމަށެވެ. އަދި ދީނުގައި ކޮށްދޭންޖެހޭ ކަންތައްތައް ފަހިކޮށްދިނުމަކީ އެއިރެއްގައި ވެރިއަކަށް ހުންނަ ވަލީޢުލްއަމުރުގެ މައްޗަށް މަތިކޮށްފައިވާ ޒިންމާއެއްކަމަށާއި، ދީނާއި ސިޔާސަތު ވަކިކޮށްލައިފިނަމަ އިސްލާމްދީނުގެ ރިވެތި އުސޫލްތަކާއި، ކީރިތި މާތް ރަސޫލާ ދެއްކެވި ހަރުދަނާމަގުން މީސްތަކުން ދުރުވެގެންދާނެކަމަށެވެ. ދީނާ ސިޔާސަތު ވަކިކުރުމަށް ފަތުރަމުންދާ ވާހަކަތަކަކީ ސެކިއުލަރ ސިސްޓަމެއްގެ ތެރެއިން ރައްޔިތުން ދީނާ ދުރުކުރުމަށް ދައްކަމުންދާ ވާހަކަތަކެއްކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބުރުގާ

    ދެން އެހެންނޫނަސް ކާކު ހުތުބާ ކިޔާއެއްޗެއް އަޑުއަހާ އޭގަ އުބުނާ އެއްޗެއް ގަބޫލުކުރަނީ... އެންމެނައްވެސް އިނގޭ ހުތުބާއަކީ އެއިރެއްގަ އެއޮންނަ ސަރުކާރެއް ރައްޔިތުން ގުނބޯހައްދަން ކިޔާ ހާސަރުގަނޑެއްކަން.

  2. ހުސޭނުބޭ

    ދީނާ ސިޔާސަތާ ވަކިކޮށްގެން އުޅޭ މީހުންގެ ވާހަކަ ހުންނާނީ އެހެން.

  3. ހާމާން

    ގައުމު ގެ ހާލަތު ކިޔަންޔާ ކިޔޭނީ ސިޔާސީ ވާހަކަ ނެކްޓް ޖޯކް ޕްލީޒް