ރިޔާސީ އިންތިހާބުގެ ވޯޓު މައްސަލަ ތަހުގީގު ކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން އިއްވި ހުކުމުގައި ވިދާޅުވީ ވޯޓުގެ މައްސަލައިގައި ތަހުގީގެއް ކުރުމަށް ފުލުހުންނާއި ސިފައިންނަށް އަމުރުކުރަންޖެހޭ ފަދަ ހެއްކާއި ގަރީނެއް ހުށަހެޅިފައިނުވާ ކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ވޯޓުގެ ކަންކަމާ ގުޅިގެން ދިވެހި ފުލުހުންނާއި، ސިފައިން މެދުވެރިކޮށް ސްޕްރީމް ކޯޓުގެ ބެލުމުގެ ދަށުން ރައީސް ޔާމީން ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަންކަން ތަހްޤީގު ކޮށްދިނުމަށް އެދިފައިވާތީ ސްޕްރީމް ކޯޓުން ހުކުމުގައި ވިދާޅުވީ، ހުށަހެޅިފައިވާ ކަންކަން ތަހްޤީގު ކުރުމަށް މޯލްޑިވްސް ޕޮލިސް ސަރަވިސް އަދި ދިވެހި ސިފައިންގެ މައްޗަށް އަމުރެއް ނެރެންޖެހޭފަދަ ހެއްކާއި ގަޤީރާ ހުށަހެޅިފައި ނެތް ކަމަށެވެ.

ހުކުމުގައި ބުނެފައިވަނީ، އެކަށީގެންވާ ހެއްކާއި ގަރީނާ މައްސަލަ ހުށަހެޅި ރައީސް ޔާމީންގެ ޤާނޫނީ ޓީމަށް ދެއްކިފައި ނުވާތީ މައްސަލަ ތަހްޤީގު ކޮށްދިނުމަށް ސްޕްރީމް ކޯޓުން ފުލުހުންނާއި، ސިފައިންގެ މައްޗަށް އަމުރުކުރާނެ ތަނެއް ނެތްކަމަށް ކަނޑައެޅި ނަމަވެސް، ނިމިދިޔަ ރިޔާސީ އިންތިޚާބާއި ގުޅިގެން ޖިނާއީ ކުށެއްގެ މައްސަލައެއް ވާނަމަ އެ މައްސަލައެއް ތަހްޤީގު ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އަމުރު ކުރުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

ހަމައެގޮތަށް ނިމިދިޔަ ރިޔާސީ އިންތިޚާބާއި ގުޅިގެން "އިންތިޚާބީ ޝަކުވާއެއް" ވާނަމަ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް ހުރަހެއް ނެތްކަން ސްޕްރީމް ކޯޓުގެ ހުކުމުގައި ފާހަގަކުރައްވާފައިވެއެވެ.
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތުފާޤުން މިއަދު އިއްވި ހުކުމުގައި އިތުރަށް ވިދާޅުވެފައިވަނީ، ސްޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި ރައީސް ޔާމީން އެދިލެއްވިގޮތަށް ފުލުހުންނާއި، ސިފައިން މެދުވެރިކޮށް ތަހްޤީގެއް ހިންގުމަށް އަމުރު ކުރެވެން ނެތްނަމަވެސް، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންގެ ޒިންމާތަކާއި ގުޅޭ ޝަކުވާއެއް ވާނަމަ، ޤާނޫނީ އުމުގެ ތެރެއިން އެފަދަ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ސްޕްރީމް ކޯޓުގެ ހުކުމުން ހުރަސް ނޭޅޭނެ ކަމަށެވެ.

ހުކުމުގައި ވިދާޅުވެފައިވަނީ، އިލެކްޝަންސް ކޮމިޝަނަކީ އެ ކޮމިޝަނުގެ މަސްޢޫލިއްޔަތުތައް އަދާކުރުމުގައި ވަކި ފަރާތަކަށް ބުރަވުމެއްނެތި، ނަޒާހަތްތެރިކަމާއެކު މަސައްކަތް ކުރާ މުއައްސަސާއަކަށް ވާނެޖެހޭ ކަމަށެވެ. އިންތިޚާބުގެ ކަންކަން ހިންގާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި، ޤާނޫނުތަކާއި، ގަވާއިދުތައް އަދި ސްޕްރީމް ކޯޓުގެ ގައިޑްލައިނާ ޚިލާފަށްކަމަށް ރައީސް ޔާމީން ސްޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވާ ކަމަށާއި، އެ ދައުވާ ސާބިތު ކުރުމުގެ ބުރަ އުފުލަންޖެހޭނީ މައްސަލަ ހުށަހެޅި ފަރާތުން ކަމަށް ހުކުމުގައި ވިދާޅުވެފައިވެއެވެ.

ރައީސް ޔާމީން ހުށަހެޅުއްވި މައްސަލައިގައި ކޯޓަށް ހުށަހެޅި ސިއްރު ހެކިން ބަލައިގެންފައި ނުވާއިރު، މިއަދު އިއްވި ހުކުމުގައި ބުނެފައިވަނީ ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅާފައިވާ ކަންކަން ސާބިތުވާ މިންވަރަށް ހެއްކާއި ގަރީނާ ސްޕްރީމް ކޯޓަށް ހުށަހެޅިފައި ނެތް ކަމަށެވެ. އަދި ފާހަގަކޮށްފައިވާ ބައެއް ކަންކަން ހިނގާފައިވަނީ ކޮންތާކުކަން މައްސަލަ ހުށަހެޅި ފަރާތަށް ބުނެދެވިފައި ނުވާކަމަށްވެސް ހުމުގައި ވިދާޅުވެފައިވެއެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން ސްޕްރީމް ކޯޓުގައި އެދިލެއްވީ ރިޔާސީ އިންތިޚާބުގެ އެކި މަރުޚަލާތަކުގައި ޤާނޫނާ ޚިލާފު އެތައް ކަމެއް ހިނގާފައިވާތީއާއި، އިންތިޚާބުގެ ނަތީޖާ އޮޅުވާލާފައިވާތީ 23 ސެޕްޓެމްބަރ ގައި ބޭއްވުނު ރިޔާސީ އިންތިޚާބު ބާތިލްކޮށް އަލުން އިންތިޚާބު ބާއްވައިދިނުމަށެވެ. ނަމަވެސް ސްޕްރީމް ކޯޓުން ވަނީ އެފަދަ އަމުރެއް ނެރެންޖެހޭފަދަ ކަންކަން ހިނގާފައިވާކަން ސާބިތު ކޮށްދެވިފައި ނުވާކަމަށް ކަނޑައަޅާފައެވެ.

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީ 96052 ވޯޓެވެ. 38653 ވޯޓުގެ ތަފާތަކުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އިބްރާހީމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގެންނެވީ 134705 ވޯޓެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޙަވަނަ

    އެއްވެސް ތަހްގީގެއް ކުރާނެ ކަމއެއްނެތް އިބު ޖަމާކުރި ފައިސާގަ ސްޕރީމް ކޯޓް ގެ ކޮރަޕްޝަން އެނގިހާމަ ވެއްޖެ

  2. ވަރުވާ

    ސުބުޙާނަﷲ.

  3. މޫސަ

    ވައިޖެހޭ ފަރާތަށް ދީއްލައިލީ މާދަމާ ކުރާނެ އަނެއްކާ އެހެން ހުކުމެއް

  4. ކަަމަނަ

    ކީކޭ ދެން ބުނާނީ

  5. Anonymous

    ދެން ލަލަލާ