ފާރިސް މައުމޫން – ވަގުތު އިމޭޖްސް : އަމީން ފަހުމީ
ފާރިސް މައުމޫން – ވަގުތު އިމޭޖްސް : އަމީން ފަހުމީ

ކުރީގެ ރައީސް މައުމޫނުގެ ދަރިކަލުން އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދު ވެސް ބާއްވަން ތާވަލް ކޮށްފިއެވެ.

ފާރިސްގެ މައްޗަށް އުފުލާފައިވާ ރިޝްވަތުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުންތައް ކޮންމެ ދުވަހަކު ބާއްވަން ނިންމައިފައިވާއިރު , މިއަދުގެ އަޑުއެހުން ތާއްވަލު ކޮށްފައިވަނީ މެންދުރު ފަހު 14:30 އަށެވެ. ފާރިސްގެ ޝަރީއަތުގެ އަޑުއެހުމެއް އާދިއްތަ ދުވަހު ވެސް ވަނީ ބާއްވާފައެވެ.

އިއްޔެ ބޭއްވި އަޑުއެހުމުގައި އޮތީ ދެފަރާތުން ހެކިން ހުށަހެޅުމެވެ. ދައުވާ ސާބިތުކުރުމަށް ދައުލަތުން 10 ހެއްކެއް ހުށަހެޅިއިރު، ފާރިސްގެ ފަރާތުން ދިފާއުގައި 73 ހެއްކެއް ހުށަހެޅިއެވެ.

މައްސަލަ ބެއްލެވި ގާޒީ ބަދަލުކޮށްދިނުމަށް ފާރިސްގެ ފަރާތުން އެދިފައިވާތީ މީގެ ކުރިން ފާރިސްގެ ޝަރީއަތް ބެއްލެވީ ގާޒީ އަލީ އާދަމް ކަމުގައިވީ ނަމަވެސް، ގާޒީ ބަދަލުކޮށް އާދިއްތަ ދުވަހުގެ އަޑުއެހުމާ ހަމައިން ގާޒީ އަހުމަދު ހައިލަމް ވަނީ މައްސަލަ ބައްލަވަން ފައްޓަވާފައެވެ.

ފާރިސްގެ މައްޗަށް މި ދައުވާ ސާބިތުވެއްޖެނަމަ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު