ކުރިއަށް އޮތީ އުފާވެރި ދުވަސްތަކެއް ކަމަށް، އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބު ބާތިލުނުކުރަން ސުޕްރީމް ކޯޓުން މިއަދު ހުކުމް ކުރުމާ ގުޅިގެން ފައިސަލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހައްގު މަގުގައި ކުރާ ކޮންމެ ކަމަކަށް ކާމިޔާބު ދެއްވާނެ ކަމަށާއި ރައްޔިތުން ދެއްކެވި ހިތްވަރާއި ކެތްތެރިކަމަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި ކުރިއަށް އޮތީ އުފާވެރި ދުވަސްތަކެއް ކަމަށްވެސް ފައިސަލް ވިދާޅުވިއެވެ.

މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ބާތިލުކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ވެއްދީ އިންތިހާބުން ނާކާމިޔާބީ އާއި ކުރިމަތިލާން ޖެހިވަޑައިގެންނެވި ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންއެވެ.

އިންތިހާބު ބާތިލުކުރަން ނުޖެހޭ ކަމަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ވެސް އިއްތިފާގުވިއިރު، އެ ކޯޓުން އިއްވި ހުކުމުގައި ވިދާޅުވީ 23 ސެޕްޓެމްބަރުގައި ބޭއްވި ރިޔާސީ އިންތިހާބަކީ ޝަރުއީޔަތު ގެއްލިފައިވާ އިންތިހާބެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ރައީސް ޔާމީން ހުށަހެޅުއްވި މައްސަލައިގައި އިންތިހާބު ބާތިލުކުރަންޖެހޭ ފަދަ އަސާސެއް ނެތް ކަމަށެވެ.

ރައީސް ޔާމީން އާއި ވާދަކޮށް ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވީ އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެވެ.

އިންތިހާބުގައި ރައީސް ޔާމީނަށް ލިބިވަޑައިގެންފައިވަނީ 96،052 (41.60 އިންސައްތަ) ވޯޓެވެ. އިބޫ އަށް ލިބިވަޑައިގެންނެވީ 134،705 (58.40 އިންސައްތަ) ވޯޓެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. އަލީ ހަމީދު

  ބަލަން މިތިބީ ﷲއިރާދަކުރެއްވިއްޔާ..... ވޯޓޫ އޮޅުވަލައިގެން ވައްކަން ކޮށްގެން ކިހާވަރެއްގެ އުފަލެއްގަ ކަލޭމެންނަށް ތިބެވޭތޯ

 2. މީނާ

  މިނޫން ގޮތަކަށް މައްސަލަ ނިމުނުނަމަ މިރާއްޖޭގައި މީހުންނަށް ނޫޅެވޭވަރު ކޮއްލީސް މ.ޑ.ޕ. ބައިގަނޑު

 3. ރަސީދު

  ވަގު ވޯޓު

 4. މާރިޔާ

  އުފާވެރިކަން އޮތީ ކަލޭމެން ސިޔާސީ މީހުނަށް ރައްޔިތުން ހަމަ ތެޅޭނީ..

 5. މަނިކު

  ފައިސަލް ކަލޭ ޙައްޤު މަގުގައި ތިބިއްޔާ. ޙާމިދު ޣަފޫރާއި ހަސަން ލަތީފްގެ ކަރަޕްޝަންގެ މައްސަލަ ބައްލަވާ. އަވަހައް ޢަދުލުވެރި ވާންޖެހޭނެ.

 6. ބުޝްރީ

  ތިއުފަަލަކީ ކަލެޔަށް މާލޭން އުޅޭނެ ގަނޑުވަރާއި ނޯކަރުން ލިބުން ކަމުގައި ވަނީނަމަ ތިބުނިބުނުން ވެދާނެތެދަކަށް، ކަލޭމެން ސިޔާސީ މީހުންނަށް ވަޒީފާތަކާއި ބައިތުލްމާލު ބައި އަޅާލުމުން ނިކަމެތި ރައްޔިތުންނަށް އޮތީ ކޮންއުފަލެއް، ބަލަންމިތިބީ ތިހުރި އިޙުލާޞްތެރިކަމެއް