ހދ. ކުޅުދުއްފުށީގައި ގާއިމް ކުރެވިފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ އުތުރު ގޮފީގެ ޝަރީޢަތްތައް މާދަމާ ފެށުމަށް ނިންމައިފިއެވެ.

ހައިކޯޓުން ވިދާޅުވީ ހދ. ކުޅުދުއްފުށީގައި ގާއިމް ކުރެވިފައިވާ ހައިކޯޓުގެ އުތުރު ގޮފީގެ ޝަރީޢަތްތައް ހިންގުމުގެ ހުރިހާ އިންތިޒާމެއް ފުރިހަމަ ކުރުމަށް ފަހު، ޝަރީޢަތްތައް ފެށުމަށް ތައްޔާރުވީ، 14 އޮގަސްޓް 2018 ވަނަ ދުވަހު ސުޕްރީމް ކޯޓުން ފާސްކުރައްވާފައިވާ ޤަރާރުގައިވާ ގޮތުގެ މަތީން ކަމަށެވެ.

ހައިކޯޓުގެ އުތުރުގޮފީގެ ޝަރީޢަތްތައް ފެށުމަށް ހައިކޯޓުގެ ތިން ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ވަފުދެއް މިހާރުވަނީ ކުޅުދުއްފުށްޓަށް ވަޑައިގެންފައެވެ. މި ވަފުދުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު އަލްއުސްތާޛު ޝުޢައިބު ޙުސެއިން ޒަކަރިއްޔާ އަދި ފަނޑިޔާރު އަލްއުސްތާޛު ޢަލީ ސަމީރުއެވެ.

ހދ. ކުޅުދުއްފުށީގައި ޤާއިމްކުރެވިފައިވާ ހައިކޯޓުގެ އުތުރު ގޮތްޕަށް ނިސްބަތްވަނީ ހއ، ހދ، ށ، ނ، ރ އަދި ބ. އަތޮޅެވެ.

ސުޕްރީމް ކޯޓުން 14 އޮގަސްޓްގައި ނެރުއްވާފައިވާ ޤަރާރުގައި ފާހަގަ ކުރައްވާފައިވަނީ، ހައިކޯޓުގެ އުތުރުގޮފީގައި ޝަރީޢަތްތައް ކުރިއަށް ގެންދިއުމަށްޓަކައި އިދާރީ ގޮތުން ހަމަޖައްސަން ޖެހޭ އެންމެހައި އިންތިޒާމްތައް ހަމަޖެހިފައިވުމާއި އެކު، ހައިކޯޓުގެ އުތުރު ގޮފީގެ ޝަރީޢަތްތައް ކުރިއަށް ގެންދިޔުމުގެ އިންތިޒާމްތައް ދިވެހިރާއްޖޭގެ ހައިކޯޓުން ކުރިއަށް ގެންދިޔުމަށެވެ.

އަދި 14 އޮގަސްޓް 2018 ވަނަ ދުވަހު ސުޕްރީމް ކޯޓުގެ އާއްމު ސިޓީންވަނީ، އުތުރުގައި ގާއިމްކުރެވިފައިވާ ހައިކޯޓުގެ ގޮތްޕަށް ނިސްބަތްވާ ސަރަހައްދުތަކުގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ މައްސަލަތައް އިސްތިޢުނާފުކުރުމަށް، އެ މައްސަލައެއް ނިންމި ކޯޓަކަށް ނުވަތަ ޓްރައިބިއުނަލްއަކަށް ހުށަހެޅުމުން، އެ މައްސަލައިގެ ފައިލް ލިޔުންތަކާއި އެކު ސީދާ ދިވެހިރާއްޖޭގެ ހައިކޯޓުގެ އުތުރު ގޮތްޕަށް ފޮނުވުމަށް އަންގާފައެވެ.

ކުޅުދުއްފުށީގައި ގާއިމްކުރެވިފައިވާ ހައިކޯޓުގެ އުތުރު ގޮފީގެ މަސައްކަތް ފެށުމުން، ހައިކޯޓުގެ އުތުރު ގޮތްޕަށް ނިސްބަތްވާ ސަރަހައްދުތަކުގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ މައްސަލަތައް އިސްތިޢުނާފުކުރުމަށް، އާއްމު ރައްޔިތުންނަށް ލުއި ފަސޭހަ ވެގެންދާނެ ކަމަށް ހައިކޯޓުން ހާމަކުރެއެވެ.

އަދި އުތުރުގެ މެޖިސްޓްރޭޓް ކޯޓުތަކުން ނިންމާ، އިސްތިޢުނާފުގެ މަރުހަލާ ކުރިއަށް ނުގޮސްހުރި މައްސަލަތައް އަވަސްވެ، މައްސަލަތަކާއި ގުޅިގެން، މައްސަލައިގެ ހިމެނޭ ޚަސްމުން ކުރަން ޖެހޭ ޚަރަދުތައް ކުޑަވެގެންދާނެ ކަމަށްވެސް އެ ކޯޓުން މައުލޫމާތުދެއެވެ.