އިންސާފު ހޯދަން ކުރާ މަސައްކަތް ހުއްޓައެއް ނުލާ ކުރިއަށް ގެންދާނެ ކަމަށް ވެރިކަންކުރާ ޕީޕީއެމް އިން ބުނެފިއެވެ.

ޕީޕީއެމް އިން މިހެން ބުނީ މިއަދު ސުޕްރީމް ކޯޓުން ކުރި ޙުކުމާއި ގުޅިގެން އެޕާޓީ އިން ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުލްރަހީމް އަބްދު (އަދުރޭ) ވިދާޅުވީ ސުޕްރީމް ކޯޓުގެ ޙުކުމަށް ޕީޕީއެމް އިހްތިރާމް ކުރައްވާ ކަމަށެވެ. "ޕީޕީއެމްގެ ސަޕޯޓަރުންނަށް ދަންނަވާލަން ބޭނުންވާ ވާހަކައަކީ އިންސާފު ހޯދަން ކުރާ މަސައްކަތް ހުއްޓައެއް ނުލާނަމޭ. މިއަދު ސުޕްރީމް ކޯޓުގެ ޙުކުމުން ވަނީ ވަރަށް މުހިންމު ދޮރެއް ހުޅުވިފައި. އެއީ ޖިނާޢީ މައްސަލަތައް ތަޙްޤީޤީ އިދާރާތަކަށް ހުށަހެޅުމުގެ ފުރުސަތު ވަނީ ފަހިވެފައި." އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ސުޕްރީމް ކޯޓުގެ ޙުކުމުގެ ސަބަބުން "ޕީޕީއެމް އަށް ލިބުނީ އިތުރު ދިރުމެއް. އިތުރު ހިތްވަރެއް." ކަމަށެވެ.

އަދުރޭ ވިދާޅުވީ ރައީސް ޔާމީން ހުންނާނީ ރައްޔިތުންނާއި އެކު ކަމަށް މިރޭ ވެސް ސަޕޯޓަރުންނާއި ރައްޔިތުންނަށް ދަންނަވާލަން ބޭނުންފުޅުވާ ކަމަށެވެ.

އަދުރޭ ވިދާޅުވީ ކުރިއަށް އޮތްތަނުގައި ކޮންމެ ގޮތަކަށް ކަންތައްތައް ނިމިގެން ދިޔަ ނަމަވެސް ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ދެމިތިބޭނަން ކަމަށެވެ.

"ރައީސް ޔާމިން ގަބޫލުފުޅު ކުރައްވާ ގޮތުގައި ދަތިތަކާއި ކުރިމަތިލައިގެން ކާމިޔާބު ހޯދުން އެއީ އެންމެ ބޮޑު އުފާލިބޭނެ ގޮތަކީ" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ މަންޒަރުތަކާއި ކުލަ ބަދަލުވާނެ ކަމަށާއި ނަމަވެސް މިކުރާ މަސައްކަތައް ބުރުލެއް ނާރާނެ ކަމަށެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަދި އިކޮނަމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވީ ޕީޕީއެމް އަކީ ޤާނޫނީ އިމުގެތެރޭގައި އަބަދުވެސް ކުރިއަށްދާ ޕާޓީއެއް ކަމަށެވެ.

"ސިޔާސީ ޕާޓީތައް އުފެދިފައި މިއޮންނަނީ ރައްޔިތުންނަށް ޚިދުމަތް ކުރަން. ޕީޕީއެމް އިން އަބަދުވެސް މިދަނީ ރައީސް ޔާމީންގެ ލީޑާޝިޕްގައި މިކަން ދައްކަވަމުން. ރައީސް ޔާމީންގެ މަސައްކަތްޕުޅުގެ ސަބަބުން ވީރާނާ ވަމުން ދިޔަ އިޤުތިޞާދެއް އަލުން އިޔާދަ ކުރެވިފައި މިވަނީ." މިނިސްޓަރ ސައީދު ވިދާޅުވިއެވެ.

މިނިސްޓަރ ސައީދު ވިދާޅުވީ ރިޔާސީ އިންތިޚާބަށް ފަހު ވެސް ރައީސް ޔާމީން އިސްކުރެއްވީ ޑިމޮކްރަސީގެ ނަމޫނާ ކަމަށެވެ. ދިމާވި ކަންތައްތަކާއި ބެހޭ ގޮތުން ކައުންސިލާއި މަޝްވަރާ ކުރެއްވި ކަމަށާއި ރައްޔިތުންގެ ޝަކުވާތަކަށް ހައްލެއް ހޯދަން ޤާނޫނީ އިމުގެ ތެރެއިން ކުރިއަށް ދާން ނިންމެވުމަކީ އެކަމުގެ މިސާލެއް ކަމަށެވެ.

"އަޅުގަނޑުމެންނަކީ މަގުމަތި ހަރާބުކުރަން މަސައްކަތް ކުރާ ބައެއް ނޫން." މިނިސްޓަރ ސައީދު ވިދާޅުވިއެވެ.

އިންސާފު ހޯދަން ކުރާ މަސައްކަތް ހުއްޓާނުލާނެ ކަމަށް ޕީޕީއެމް އިން ބުނި ނަމަވެސް އެކަމުގެ ތަފްސީލެއް އެޕާޓީއެއް މިރޭ ދެއްވާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ކީކޭ

  ޢެދެން ވަރަށް ސާފުކޮން އެނގޭ ކަމެއް ފަނޑިޔާރުންގެ ޖީބުތަށް ފުރާލަދެވިފައިވާކަން

  • މައިސަން

   މިހެން ނުބުނެބަ. ﷲ ދެނެވޮޑިގެންވޭ ކިހިނެއްކަން މިވަނީ

 2. ރާޅު ބޯއީ

  ޕީޕީއެމް އިދުކޮޅު ޕާޓީއަކަށް ވީއެވެ. ހަމައެކަނި މިހާރުގެ ސަރުކާރަށް ހެޔޮ އެއްޗެއް ބުނެލާ ނޫހަކީ ވަގުތު ނޫހެވެ. ތިޔަ ކުރައްވާ މަސައްކަތުގައި ދެމިތިބޭށެވެ. ވަގުތު ނޫހަކީ ބެލެންސްޑް ނޫސްވެރިކަމެއް ކުރަމުންދާ ހަމައެކަނި ރާއްޖޭގައި އޮތް ނޫސްކަން ފާހަގަ ކުރަމެވެ.

 3. ޅަކޮތަރު

  ކޮބާތަ އެއްކަލަ ގަދަފަދަ ޒުވާނުންތައް ނުހޮވުނީމަ ބެޗީ ދޯ

 4. އއއަ

  އިންސާފު ހޯދުމަށް ތިޔަ ކުރައްވާ މަސައްކަތައް ޕީޕީއެމްގެ ހުރިހާ ފަރާތްތަކަށް އައްސަރިބަހާ ސާބަސް، އެކަމަކު އިންސާފު ހޯއްދަވައިދެއްވަން ވާނީ އިދިކޮޅު ފަރާތްތަކަށް މިހާދުވަހު ބޭއިންސާފުން ކުރެވުނު ކަންތައްތަކަށް. އިންސާފު ހޯދަްންޖެހޭވަރުގެ އެހެން އިތުރު ކަމެއް ނުވެސް ނެތް. ބަލި ގަބޫލު ކުރެއްވުމާއި ނުކުރެއްވުން އެއީ ތިބޭފުޅުންގެ އަތްމަތީ އޮތް ކަމެއް. ވަރަށް ސަލާން

 5. މުޙައްމާ

  މީގެ ކުރީގައި މީހުންގެ ޖީބުތައް އެކިއެކި ފަރާތްތަކުން ފުރާލަނުދޭހެއްޔެވެ ބައިވަރު މީހުންގެ ޖީބުތައް ފުރާލަދީފައި އެބަހުއްޓެވެ އަދިފަހުން އެގޭނެއެވެ

  • އަލީ

   މާތްﷲ ހެޔޮ ރަޙްމަތްފުޅުން ޕީޕީއެމަށް ރައީސް ޔާމީނަށް ކާމިޔާބް ލިބޭނެ

 6. އަލްޖިބްރާ

  އިންސާފޭ ކިޔައިގެން އަދުރޭ އަގަފުޅާ ކުރިމާ ކަލެއަކީ ވަރަށް ތަންދޮރު ނުދަންނަ މީހެއްކަން އެބަ ސާބިތުވޭ !

 7. ސީސީސީސީ

  އަދުރޭމެން ހީއެއްނުކުރޭ މިދުވަސް އަންނާނެކަމަކަށް ؟ ދެން ތިހެންކިޔަކިޔާތިބެ. 7 އަހަރު ވެއްޖެ ބަޔަކު ތިވާހަކަ ދައްކާތާ ؟

 8. ޙަފްޞާ / މާލެ

  މިމައްސަލާގައި ސްޕްރީމްކޯޓުން ކުރާނޭ ޙުކުމް މާކުރިން ޤާސިމް ވަނީ ބުނެފައެވެ. އެގޮތަށް އެ ދިޔައީވެސް. ކޯޓުގެ ޙުކުމް އެގޮތަށް އަޔަސް ރައީސް ޔާމީންއަށް ރައްޔިތުން ދިން 140000 ވޯޓުގެތެރެއިން 44000 ވޯޓުވަނީ ފޭރި ކޯލިސަނަށް ބަދަލުކޮށްފައެވެ. މީގައި އެއްވެސް ޝައްކެތް ނެތެވެ. ރަގަޅުގޮތުގައި ދެމިހުންނާނީ ރަގަޅުން އުފެދުނު އެއްޗެކެވެ. ދޮގުން އުފެދުނު އެއްޗެއް ރަގަޅުގޮތުގައި ދެމިނޯންނާނެއެވެ.