މެކްސިކޯ އަށް ބާރުގަދަ ތޫފާނެއް އަރާނެ ކަމުގެ އިންޒާރު ދީފިއެވެ.

ޕެސިފިކް ކަނޑުގައި އުފެދިފައިވާ "ވިލާ" ގެ ނަމުން ނަންދީފައިވާ މި ތޫފާން މިހާރު "ކެޓެގަރީ 4" ގެ ބާރުގަދަ ތޫފާނަކަށް ބަދަލުވެފައިވާއިރު ހޯމަ ދުވަހު މި ތޫފާން އިތުރަށް ބާރުގަދަވެ މެކްސިކޯގެ އައްސޭރިފަށަށް އަރާނެ ކަމުގެ އިންޒާރު މިހާރު ވަނީ ދީފައެވެ.

ނޭޝަނަލް ހަރިކޭން ސެންޓަރުން ބުނީ މި ތޫފާނުގައި ގަޑިއަކު 130 މޭލު ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭއިރު ބިޔަ ބާނި ތަކެއް ތޫފާނުގެ ސަބަބުން މެކްސިކޯގެ އައްސޭރިފަށުގައި ވަނީ އުފެދިފައި ކަމަަށެވެ.

ތޫފާން "ވިލާ" ގައި ބިންގަނޑު ކަނޑައިގެން ދިޔުމާއި ވައިގަދަވުމާއި ފެންބޮޑުވާނެ ކަމުގެ އިންޒާރުވަނީ ދީފައެވެ. މެކްސިކޯގެ 70 މޭލު ބޭރުގައި އުފެދިފައިވާ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވީ އިއްޔެއެވެ.

ގަދަ ވަޔާއި ވާރެއާއެކު އައި ތޫފާނުގެ ސަބަބުން ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ހިނގާނެ ކަމަށް ބެލެވޭތީ އެގައުމުގެ މޫސުމާއި ބެހޭ އިދާރާއިން ވަނީ އެލާޓް ނެރެފައެވެ.

މިހާތަނަށް ރެކޯޑް ކުރެވިފައިވާ އެންމެ ބާރުގަދަ ތޫފާން މެކްސިކޯ އަށް އެރީ 2015 ވަނަ އަހަރުއެވެ. ހަރިކޭން ޕެޓްރީސިއާގެ ނަންދީފައިވާ ތޫފާނު މެކްސިކޯގެ އައްސޭރިފަށަށް އެރީ ގަޑިއަކު 305 ކިލޯ މީޓަރު ބާރުމިނުގައެވެ.

އެ ތޫފާންގެ ސަބަބުން ވަރަށް ބޮޑަށް ފެންބޮޑުވެ ތަފާތު ގިނަ ހާދިސާތައް ހިނގިއެވެ. ދުނިޔޭގެ މިޓިއޮރޮލިޖަކްލް އޯގަނައިޒޭޝަނުން ބުނީ އެއީ 2013 ވަނަ އަހަރު ފިލިޕީންސް އަށް އެރި ތޫފާން ހައްޔާން ހާ ބާރުގަދަ ތޫފާނެއް ކަމަށެވެ.

އާންމުގޮތެއްގައި ހުޅަނގު އުތުރު ޕެސިފިކް ސަރަހައްދުގައި ހަރިކޭން އަށް ކިޔަނީ ޓައިފޫން އެވެ.