އައްޑޫ ސިޓީ ހިތަދޫ ކޯއްޓޭ އާ ދިމާލުގައި މަސްވެރިކަން ކުރަން އުޅުނު "އަންފާލް" ނަމަކަށް ކިޔާ ދޯންޏެއްގެ އިންޖީނު ހުއްޓި ހާލުގައި ޖެހިއްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ އެދޯންޏަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

މި ހާދިސާގެ މަޢުލޫމާތު، ރޭ މެންދަމު 03:45 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއަށް ލިބުމާއެކު ސިފައިން ވަނީ ހަރަކާތްތެރިވާން ފަށާފައިކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އައްޑޫ ސިޓީ ހިތަދޫގެ ކޯއްޓޭ ސަރަޙައްދުން 6 ނޯޓިކަލް މޭލު ބޭރުގައި މަސްވެރިކަން ކުރަން އުޅެނިކޮށް އަންފާލް ދޯނީގެ އިންޖީނު ހުއްޓިފައިވަނީ ސްޓާޓިންގ މޯޓަރުގެ އިސްކުރެއް ބިންދައިގެން ގޮސްގެން އިންޖީނު ހުއްޓުމުގެ ސަބަބުންނެވެ. މި ހާދިސާ ހިނގި އިރު ދޯނީގައި 4 މީހުން ތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ 4 ދިވެހީންނެވެ.

މި ހާދިސާގައި އިންޖީނު ހުއްޓުނު ދޯނި ކަފުޖަހާނެ ދޯންޏެއް ހޯދުމުގެ މަސައްކަތް ދޯނީގެ ވެރިފަރާތުން ކުރަމުންދާއިރު މި ދޯނި އޮތް ސަރަޙައްދުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ލޯންޗެއް އަންނަނީ ހަރަކާތްތެރިވަމުން ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.