ހދ. ކުޅުދުއްފުށީގައި ގާއިމް ކުރެވިފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ އުތުރު ގޮފީގެ ޝަރީޢަތްތައް މިއަދު ފަށައިފިއެވެ.

އުތުރުގޮފީގެ ފުރަތަމަ ޝަރީޢަތް މަޖިލިސް ފެށިގެންދިޔައީ މިއަދު ހެނދުނު 9.00 ގައެވެ. މިއަދު ހަތް މައްސަލައެއް އެ ގޮފިން ބަލާނެއެވެ.

ހައިކޯޓުގެ އުތުރުގޮފީގެ ޝަރީޢަތްތައް ފެށުމަށް ހައިކޯޓުގެ ތިން ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ވަފުދެއް ކުޅުދުއްފުށީގައި ދަނީ ހަރަކާތްތެރިވަމުންނެވެ. މި ވަފުދުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު އަލްއުސްތާޛު ޝުޢައިބު ޙުސެއިން ޒަކަރިއްޔާ އަދި ފަނޑިޔާރު އަލްއުސްތާޛު ޢަލީ ސަމީރުއެވެ.

ހދ. ކުޅުދުއްފުށީގައި ޤާއިމްކުރެވިފައިވާ ހައިކޯޓުގެ އުތުރު ގޮތްޕަށް ނިސްބަތްވަނީ ހއ، ހދ، ށ، ނ، ރ އަދި ބ. އަތޮޅެވެ.

މިއަދު އުތުރު ގޮފީގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ދިދަ ނަންގަވާ ދެއްވީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަދި ޝަރީޢަތް ފެށުމަށް ޓަކައި ވަޑައިގެންނެވި ވަފަދުގެ އިސްފަނޑިޔާރު ޢަބްދުﷲ ޙަމީދެވެ.