ގދ. ތިނަދޫގައި ގާއިމްކޮށްފައިވާ އިސްލާމީ މަރުކަޒުގައި، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ލާނިންގ ސެންޓަރެއް ޤާއިމުކޮށް، އަންނަ ޖެނުއަރީ މަހު އެތަނުގައި ކިޔަވައިދޭން ފަށަން ތައްޔާރުވެއްޖެއެވެ.

ދެބުރިއަށް އިމާރާތްކޮށްފައިވާ ތިނަދޫ އިސްލާމީ މަރުކަޒަކީ 1000 މީހުންނަށް ނަމާދުކުރެވޭ ވަރުގެ މިސްކިތަކާއި، 500 މީހުންނަށް އެއްފަހަރާ ޖަލްސާ ކުރެވޭވަރުގެ މާލަމަކާއި، ހަތަރު ކުލާސްރޫމާއި، އޮފީހަކާއި، ލައިބްރަރީއެއް ހިމެނޭ ގޮތަށް ބިނާކޮށްފައިވާ އިމާރާތެކެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ތިނަދޫގައި ގާއިމްކުރި އެ މިސްކިތް ހުޅުވާދެއްވާފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ،

ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ އަލްއުސްތާޒާ އައިޝަތު ޚަލީލާ ޢަބްދުލްސައްތާރު ވިދާޅުވީ، ތިނަދޫ އިސްލާމީ މަރުކަޒުގައި ޤާއިމުކޮށްފައިވާ ކްލާސްރޫމްތަކުގައި އެ ޔުނިވަރސިޓީގެ ޕްރޮގްރާމްތައް ހިންގުމުގެ ހުއްދަ ލިބި އަންނަ އަހަރުގެ ޖެނުއަރީ މަހު ކިޔަވާދޭން ފަށާނެ ކަމަށެވެ.

އަދި ޖެނުއަރީ މަހުގެ ސެމިސްޓަރގެ ކިޔެވުން ފަށާއިރު، އައިޔޫއެމްގެ ކޯސްތައް ތިނަދޫގައިވެސް ފެށުމަށްވާންޖެހޭ ތައްޔާރީތައް އެޔުނިވަރސިޓީން މިހާރު ވަމުންދާކަމަށް އޭނާ ފާހަގަކުރެއްްވިއެވެ.

"އޭރުން ތިނަދޫއާއި ތިނަދޫ ކައިރި ރަށްރަށުގެ ކުދިންނަށް މާލެ ނައިސް، އެތަނުން އަޅުގަނޑުމެންގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާނެ.." އަލްއުސްތާޒާ އައިޝަތު ޚަލީލާ ވިދާޅުވިއެވެ.

އަލްއުސްތާޒާ އައިޝަތު ޚަލީލާ ޢަބްދުލްސައްތާރު ވިދާޅުވީ، ތިނަދޫގައި އިސްލާމީ ޔުނިވަރސިޓީން ފަށާ ކޯސްތަކާއި ގުޅޭ މަޢުލޫމާތު ދިނުމަށް އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ތިނަދޫގައި އޯޕަންޑޭއެއް ބޭއްވުމަށްވެސް ނިންމާފައިވާކަމަށެވެ.

އައިޔޫއެމް އިން މިހާރުވެސް ވަނީ ސެޓްފިކެޓް ލެވެލް އިން ފެށިގެން މާސްޓަރސް އާއި ޕީ.އެޗް.ޑީ ފެންވަރުގެ ކޯސްތައްވެސް ހިންގަމުންނެވެ.