ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާސް ޕްރިންޓުކުރަން އެމް-7 އަށް ދިން މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލަ އޭސީސީ އަށް ހުށަހަޅާފައިވަނީ ރައީސް އޮފީހުންނާއި ފިނޭންސް މިނިސްޓްރީންނެވެ.

ރިޔާސީ އިންތިހާބު ބާތިލުކުރުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ވެއްދި މައްސަލައިގައި ވަނީ ވޯޓު ކަރުދާސް ޗާޕް ކުރުމުގެ މަސައްކަތް ބިޑް ކުރުމެއް ނެތި އެމް7 އާ ހަވާލުކުރި މައްސަލަ ފާހަގަކޮށްފައެވެ.

އެކަމާ ގުޅޭގޮތުން ސުޕްރީމް ކޯޓުން އިއްޔެ ނެރުނު ހުކުމުގައި ބުނެފައިވަނީ އެކަން ކޮށްފައިވަނީ ދިވެހިރާއްޖޭގެ މާލިއްޔަތު ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ފިނޭންސް މިނިސްޓަރުގެ ހުއްދަ ލިބިގެން ކަމަށާއި، ބިޑުން ކުރި ހޯދި ކުންފުނި އެއްފަރާތްކޮށް އެހެން ފަރާތަކާ ވޯޓް ކަރުދާސް ޗާޕް ކުރަން ހަވާލުކޮށްފައިވަނީ ބިޑްތައް ބާތިލު ކުރުމަށްފަހު، "ސިންގަލް ސޯސް ބިޑިންގ" ގެ އުސޫލުން ކަމަށްވާއިރު، ވޯޓް ކަރުދާސް ޗާޕް ކުރަން "އެމް-7" އަށް ދިނުމަކީ ވޯޓް ކަރުދާސް ބޭނުންކޮށްގެން ވަކި ބަޔަކަށް ނާޖާއިރު ފައިދާ ހޯދައިދިނުން ކަމުގައި ބެލޭނެ ކަމަށާއި، އެއީ އިންތިޚާބު އޮޅުވާލާފައިވާކަމުގެ ވަރުގަދަ ގަރީނާއެއްކަމަށް ބުނި ނަމަވެސް، ހަމައެކަނި އެކަމުގެ މައްޗަށް ބިނާކޮށް އެކަމުގެ ޒާތުގައި އެއީ އިންތިޚާބު އޮޅުވާލަން ކުރި ކަމެއް ކަމަށް ނުބެލެވޭނެ ކަމަށެވެ.

ހުކުމުގައި ބުނެފައިވަނީ ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ވޯޓް ކަރުދާސް ޗާޕްކޮށްފައިވަނީ ސްޕްރީމް ކޯޓުގެ 2013 ވަނަ އަހަރުގެ 42 ނަންބަރު ގަޒިއްޔާއާ އެއްގޮތްވާގޮތުގެ މަތިން، މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކަމަށެވެ. އަދި ވޯޓް ކަރުދާސް ޗާޕް ކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާނަމަ އެކަން ތަހްޤީގް ކުރުމަށް ކަމާ ގުޅުންހުރި މުއައްސަސާތަކަށް ހުށަހެޅުމަށް ހުރަހެއް ނެތްކަމަށްވެސް ހުކުމުގައި ފާހަގަކޮށްފައިވެއެވެ.

ފިނޭންސް މިނިސްޓްރީގެ ހުއްދަ ލިބިގެން މިކަން ކޮށްފައިވާ ކަމަށް ހުކުމުގައި ބުނާއިރު، ފިނޭންސް މިނިސްޓަރ މުނައްވަރު ޕީއެސްއެމް ނިއުސްގެ "އެންމެ ފުރަތަމަ ޤައުމު" ޕްރޮގްރާމްގައި މިދިޔަ ބުރާސްފަތި ދުވަހު ވާހަކަދައްކަވަމުން ވިދާޅުވީ ފިނޭންސް މިނިސްޓަރުގެ ޙައިޞިއްޔަތުން ޚާއްސަ ހުއްދައެއް ދޭންޖެހުނީ އިންތިޚާބު ފަދަ ރައްޔިތުންނާއި ގުޅުން ބޮޑު ކަމެއްގައި އެކަން ކުރުމުގެ ނިޔަތުގައި ކަމަށެވެ. އެއްވެސް ގޮތަކަށް އެކަމުގައި އިލެކްޝަނުން ކަމެއް ކުރިއާލާ ރާވައިގެން އުޅޭ ކަމެއް ނޭނގޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަހަންމާ

    ތިމައްސަލަޔެއް ނުބަލާނެ. ޢެތާ ތިބީ ހުސް ކޮރަޕްޓު މީހުން. ޢެވަރަށް ހުރިހާ މިއައްސަސާ ތަކަކަށް އިންޑިޔާ އާއި ޔަހޫދީން ބޯކޮށް ޑޮލަރު އަޅައިފި