އިލެކްޝަން ކޮމިޝަންއިން ގޮނޑި ގެއްލިފައިވާ ކަމަށް މީގެ ކުރިން ކަނޑައަޅާފައިވާ ދެ މެންބަރެއްގެ ގޮނޑީގެ މައްސަލަ ސްޕްރީމް ކޯޓްގައި ތާވަލްކޮށްފި އެވެ.

ސްޕްރީމް ކޯޓްގައި ތާވަލްކޮށްފައިވަނީ ތިނަދޫ އުތުރު ދާއިރާގެ ކުރީގެ މެމްބަރު ސައުދުﷲ ހިލްމީ ގެ މައްސަލަ އާއި ދަނގެތީ ދާއިރާގެ ކުރީގެ މެންބަރު އިލްހާމް އަހުމަދު ގެ މައްސަލައެވެ.

އިލްހާމްގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުން އޮންނާނީ މާދަމާ ހެނދުނު 10 ޖަހާއިރުއެވެ. އަދި ސައުދުﷲ މައްސަލައިގެ އަޑުއެހުން ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރު 13:30 ގައެވެ.

މި ދެ ބޭފުޅުންގެ ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓުގައި ތާވަލުކޮށްފައިވާއިރު، އެ ކޯޓުން މި މަހުގެ ކުރީކޮޅު ވަނީ ހަތަރު މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅާފައެވެ. އެ ހަތަރު މެމްބަރުންނަކީ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން އާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑޭ) އާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފްއެވެ.

ޕީޕީއެމް އިން ވަކި ކުރުމާ ގުޅިގެން މި ހަތަރު މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅީ އިލެކްޝަންސް ކޮމިޝަނުންނެވެ. އެ ކޮމިޝަނުން މިގޮތަށް ކަނޑައެޅީ ސުޕްރީމް ކޯޓުން ފްލޯ ކްރޮސިންއާ ގުޅޭ ގޮތުން ނެރުނު ހުކުމަށް ރިއާޔަތްކޮށެވެ. އެ ހުކުމް ނެރުނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހު އެވެ. އެ ހުކުމްގައިވާ ގޮތުން ޕާޓީ ބަދަލުކޮށްފިނަމަ ނޫނީ ވަކިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ އެވެ.

ނަމަވެސް ސުޕްރީމް ކޯޓުން އިއްވި ހުކުމްތަކުގައި ވަނީ އެ މެމްބަރުން މިދިޔަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހުގެ ކުރިން ޕީޕީއެމުން ވަކިވާން ހުށަހަޅާފައިވާކަން ފާހަގަކޮށްފައެވެ. އެހެންކަމުން އެ މެމްބަރުންގެ ގޮނޑި ގެއްލޭނެ ހަމައެއް ނެތްކަމަށްވެސް ހުކުމުގައި ބުނެފައިވެއެވެ.

ހަތަރު މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވަނީ، އެ ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ.