ސިނަމާލޭ ބްރިޖު ހެދި ޗައިނާ ކޮމިނިއުކޭޝަން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ)ގެ މުވައްޒަފުން، އެ ސަރަހައްދުން މިޔަރު ބޭނި ކަމަށް ބުނާ މައްސަލައެއް އެ ކުންފުނިން ތަހުގީގު ކުރަން ފަށައިފި އެވެ.

ސީސީސީސީގެ މުވައްޒަފުންތަކެއް މިޔަރު އުރަހަ އަދި މިޔަރުގެ ބައެއް ބައިތައް އެ މީހުން ދިރިއުޅޭ ކުއާޓަރުގައި އަވީލާފައި ހުރި ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު ގިނަ ބައެއްގެ ފާޑުކިޔުންތަށް ވަނީ އަމާޒުވެފައެވެ.

ސީސީސީސީގެ އޮޕަރޭޓިން މެނޭޖަރު ވަންގް ޗާއޯ މިއަދު ނެރުއްވި ބަޔާނެއްގައި އެކަމާ ގުޅޭ ގޮތުން ވިދާޅުވެފައި ވަނީ އެ މައްސަލަ މިހާރު އެ ކުންފުނިން ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ.

"މި ކުންފުނީގެ ބައެއް މުވައްޒަފުން މިޔަރު ބާނާފައިވާ ކަމަށް ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތައް މިހާރު މި އަންނަނީ ތަހުގީގު ކުރަމުން،" އޭނާ ވިދާޅުވެފައިވެ އެވެ.

އަދި ރާއްޖޭގެ ގާނޫނުތަކަށް އެ ކުންފުނީގެ މުވައްޒަފުން އަހުލުވެރި ކުރުމުގެ މަސައްކަތްތަކެއް ކުރިއަށް ގެންދާ ކަމަށާއި ރާއްޖޭގެ ކަނޑުގެ ދިރުންތަކަށް ގެއްލުންވާނެ ފަދަ އެއްވެސް ކަމަކަށް ސީސީސީސީ އިން އެއްބާރުލުން ނުދޭނެ ކަމަށް ވަންގް ޗާއޯ ވިދާޅުވިއެވެ،

"މިޔަރު ބޭނުމަކީ ރާއްޖޭގެ ގާނޫނުތަކުން މަނާ ކަމެއްކަން، ބްރިޖުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނަށް ވެސް މިހާރު އަޅުގަނޑުމެން ވާނީ އަންގާފައި. އަދި ރާއްޖޭގެ ގާނޫނުތަކަށް އަޅުގަނޑުމެންގެ މުވައްޒަފުން އަހުލުވެރި ކުރުވުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ވާހަކަ ވެސް ދަންނަވަން،" އެ ބަޔާނުގައިވެ އެވެ.

ސީސީސީސީ މުވައްޒަފުން ދިރިއުޅޭ ކުއާޓަރުގައި މިޔަރުގެ ބައިތަކެއް އަވީލާފައި ހުރި ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުވެފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މިޔަރުބޭ

    ދެންކާނީ ވަގަށް

  2. ބަމަރސް

    ހާދަގޮތެއްނެތް ބައެކޭ މިދިވެހިން. ބަލަ އެހާބޮޑު އެހީއެއްގެ ދަށުން އެހަދައިދިނީމަ އެމަތީ ދެދަޅައަށް ދުއްވާއިރު އެންމެ މިޔަރެއް ކާލިޔަސް ރަގަޅުވާނޭ. އެމިޔަރު ހަމަ އެހެން ބޮޑު މަހެއްވެސް ކާލަފާނެ. އިންސާނުން އެކައި ހުސްކުރީމަ ނިމުނީނު. ދެން ހުސްވީމާ ދެންހުރި ކާތަކެތި ކާނީ. އެހެންނޫނަސް އެމީހުންނަކާ ޖައްސާލާކަށް ނުވާނެ، އެބަލަހައްޓަން ބޮދު ޚރަދުކޮށްގެން ތިބި މެރިން ރިސާޗް ވޮޗާރސް. ކޯސްޓްގާޑު ކޮބާ