ނިމިދިޔަ ރިޔާސީ އިންތިޚާބު އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (ޢިބޫ) ކާމިޔާބު ކުރެއްވީ އިލެކްޝަންސް ކޮމިޝަނުން ފޭވަރ ކޮށްގެން ނޫން ކަމަށް އެ ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

މިއަދު ހެނދުނު އިލެކްޝަންސް ކޮމިޝަނުގެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ، އިބްރާހީމް މުޙައްމަދު ޞާލިޙަށް އިންތިޚާބު ކާމިޔާބު ކޮށްދިނުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ވަކި ކަންތައްތަކެއް އެކަމަށް ރާވާ ބައްޓަން ކޮށްފައި ނުވާނެ ކަމަށެވެ.

"އިންތީޚާބެއް ނުވަތަ މުބާރާތެއް ވިޔަސް އެއްފަރާތަކީ މޮޅުވާނެ ފަރާތެއް، އަނެއް ފަރާތަކީ ބަލިވާނެ ފަރާތެއް. މި ފުރުޞަތުގައި އަޅުގަނޑުމެން އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ދަންނަވާލަން ބޭނުންވަނީ މި އިންތިޚާބު ކާމިޔާބު ކުރެއްވި ފަރާތުން އިންތިޚާބު ކާމިޔާބު ކުރައްވާފައި އެވަނީކީ އެއްވެސް ހާލެއްގައި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން އެފަރާތަށް ވަކި ފޭވާއެއް ކޮށްގެނެއް ނޫން. އަދި އެފަރާތް އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ވަކި ކަންތައްތަކެއް އެކަމަށް ރާވާ ބައްޓަން ކޮށްގެނެއްވެސް ނޫން." ޝަރީފް ވިދާޅުވިއެވެ.

އިންތިޚާބުން އިބޫ ކުރި ހޯއްދެވީ އިލެކްޝަންސް ކޮމިޝަނުން ފޭވަރ އެއް ކޮށްގެން ނޫންކަމަށް ވިދާޅުވުމަށްފަހު ޝަރީފް ވަނީ އިންތިޚާބުގައި ނާކާމިޔާބީއާ ކުރިމަތިލެއްވި ރައީސް ޔާމީނަށްވެސް ބަހުގެ ހަމާލާއެއް ރައްދު ކުރައްވާފައެވެ. ޝަރީފް ވިދާޅުވީ، ރައީސް ޔާމީން އިންތިޚާބުން ބަލިވީ ޤާނޫނީގޮތުން އެމަނިކުފާނަށް ލިބޭ ހައްޤުން ޤާނޫނާ ޚިލާފަށް އިލެކްޝަންސް ކޮމިޝަނުން ހިފަހައްޓައިގެން ނޫން ކަމަށެވެ.

"އިންތިޚާބުގައި ބަލިވި ފަރާތްތަކަށް ދަންނަވާލަން ބޭނުންވަނީ އެފަރާތްތަކަށް އިންތިޚާބު ގެއްލިގެންދިޔައީ އެއްވެސް ހާލެއްގައި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ޤާނޫނީގޮތުން ކުރަންޖެހޭ ކަމެއް އެއާ ޚިލާފަށް ކޮށްގެން، ނުވަތަ ޤާނޫނޫން އެފަރާތަށް ލިބެންޖެހޭ ހައްޤެއް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ނުދީގެން ނުވަތަ އެކަމަށް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންނާއި މުވައްޒަފުން ރާވައިގެން ކޮށްފައިވާ ކަމެއްގެ ސަބަބަކުން ނޫން." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް އިތުރަށް ވިދާޅުވީ، ފެށުނީންސުރެ ވިދާޅުވެފައިވަނީ އެއްވެސް ޕްރެޝަރަކަށް ބޯ ނުލަނބާނެ ކަމަށް ކަމަށާއި، އިލެކްޝަންސް ކޮމިޝަނުން ހަމައެކަނި ބޯލަނބާނީ އިންތިޚާބާއި އިންތިޚާބުގެ ކަންކަން ރޭވުމަށް އަދި ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ޤާނޫނުތަކާއި، އަދި ހެދިފައިވާ ގަވާއިދުތަކަށް ކަމަށެވެ.

"މި ފުރުޞަތުގައި ދަންނަވާލަން ބޭނުންވަނީ އިލެކްޝަންސް ކޮމިޝަނުން އަބަދުވެސް ފެށުނީންސުރެވެސް މީޑިއާ ބްރީފިންތަކުގައި އަޅުގަނޑުމެން ދަންނަވަމުން އައީ އިލެކްޝަންސް ކޮމިޝަން އެއްވެސް ހާލެއްގައި ވަކި ޕްރެޝަރަކަށް، ސިޔާސީ ޕަރޝަރަކަށްވިޔަސް އަދި އެހެން ދިމާލަކުން އެހެން ވަސީލަތެއް ބޭނުންކޮށްގެން ޕްރޝަރެއް ކުރިކަމުގައިވިޔަސް އެޕްރެޝަރަކަށް އިލެކްޝަންސް ކޮމިޝަނަކުން ބޯ ނުލަނބާނެކަމަށް އަޅުގަނޑު އަބަދުވެސް ދަންނަވަމުން އައިން." ޝަރީފް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ކަންކަން ރާވާ ހިންގުމުގައި އެއްވެސް ފަރާތެއްގެ ޕްރެޝަރަކަށް ބަލާފައި ނުވާނެ ކަމަށާއި، ރިޔާސީ އިންތިޚާބުން ރައީސް ޔާމީން ބަލިވީ ޤާނޫނާ ޙިލާފަށް އިލެކްޝަންސް ކޮމިޝަނުން އެއްވެސް ކަމެއް ކޮށްގެން ނޫން ކަމަށް އަދި އިބްރާހީމް މުޙައްމަދު ޞާލިޙަށް އިންތިޚާބު ކާމިޔާބު ކޮށްދެއްވަން އެއްވެސް ފޭވަރއެއް ކޮށްދީފައި ނުވާނެ ކަމަށް ޝަރީފް ވިދާޅުވިއިރު އިންތިޚާބު އޮޅުވާލާފައިވާކަމަށް ޕީޕީއެމް އިން ދަނީ ހުއްޓާނުލައި ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޖަމްބޭ

    ވޯޓް ކަރުދާހުގައި ވަގު ފީޗަރސް ލައިގެންދޯ! ތީ އެންމެން ދަންނަ ސިއްރެއް. މިދުނިޔެ މަތީ ނުބެލުނަސް "ޔަޤީން" ދުވަސް ތިބޭފުޅާއާވެސް ބައްދަލުކުރާނެ.

  2. އިއްބެ

    ބައެއް މުއައްސަސާތަކުގެ އެހީތެރިކަމާއެކު މިވަގުތު ކިތަންމެ ފުއްޕާފަ ތިއްބަސް އީސީގެ 5 މީހުންނަށް މިހާރު ހަމަނިދި ނުނިދޭނެކަން ޔަޤީން.

  3. ޅ

    ޚައިރާތަކާ ފޭވަރ އަކާ ވާނީ އެއްވަރު.

  4. ވިލުފުށި

    ސައްހަކަން ބެލުމައް އުގެއިލް އާ ހަވާލް ކުރޭ

  5. ރަމްލާ

    އަޙްމަދުޝަރީފްގެ ފުށުން ކައިރިކައިރިން ފެންނަމުންމިދާ ނޭއްގާނީ ޢަމަލުތަކުން އަޙްމަދުޝަރީފްވަނީ ނުބައިހަދަފަކަން ވަރަށް ސާފެވެ. ޕީޕީއެމްގެ ޞުލްހަވެރިއެއްވުންތައް ހުއްޓުވާނޭކަމުގެއިންޒާރުދީ އެކަން ފުލުހުންނަށް ހުށައެޅުމާއި ، ޕީޕީއެމްގެ ކްންގްރެސްބަލާނުގަތުމާއި ، ޕީޕީއެމްއަދެކޮޅަށް ޓްވީޓްތައްކުރުމައި ، ޕީޕީއެމް ޖޫރިމަނާކުރުމާއި ، އިސީގެ ރައީސަކަށްހުރެ އިދިކޮޅަށް ތަޢުރީފްކުރުމާއި ، މިހުރިހާކަމަކުން ސާފްކޮށް އެގެނީ ވޯޓް ކާމިޔާބުކޮށްދިނުމުގައި އީސީގެ އަތެއް އެބަ އޮތްކަމެވެ.

  6. ޝަރީފޫ ޫ ޫ ޫ ޫ ޫޫ

    ތިބޫ އަށް ތިކަންތިދެވެނީ ކަޅު ތަބަކަކަށް ލާފައޭ ނުބުނެވެންވީ އެއްވެސް ސަބަބެއްނެތް