ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ފަސް މަހަށް ސަސްޕެންޑްކޮށްފި އެވެ.

ރާއްޖޭގެ އެއްވެސް ކޯޓެއްގައި ވަކާލާތު ނުކުރެވޭ ގޮތަށް ފަސް މަހަށް އަލީ ހުސެއިން ސަސްޕެންޑް ކުރަން ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނިންމީ އަލީ ހުސެއިން އާއި ހަވާލާދީ މި މަހުގެ ފަސްވަނަ ދުވަހު މީޑިއާއެއްގައި ލިޔެފައި ހަބަރެއްގެ މައްސަލަ ބެލުމަށްފަހުއެވެ.

ޑީޖޭއޭ އިން މިއަދު ނެރުނު އިއުލާނެއްގައިވަނީ އަލީ ހުސެއިން އެ އަމަލަކީ ވަކީލުންނާ ބެހޭ ގަވާއިދާ ޚިލާފް އަމަލަކަށް ވާތީ އެއްވެސް ކޯޓަކާއި ޓްރައިބިއުނަލެއްގައި ވަކާލާތު ނުކުރެވޭ ގޮތަށް ފަސް މަސް ދުވަހަށް އަލީ ހުސެއިން ސަސްޕެންޑް ކުރަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.

މީގެކުރިން ވެސް ބައެއް އެހެން މައްސަލަތަކުގައި އަލީ ހުސެއިން ސަސްޕެންޑް ކޮށްފައިވެއެވެ.

ފަސް މަހަށް އަލީ ހުސެއިން ސަސްޕެންޑް ކުރިއިރު، ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު ހަތަރު މަހަށް ސަސްޕެންޑް ކުރަން މީގެކުރިން ވަނީ ނިންމާފައެވެ. ސުއޫދު ސަސްޕެންޑް ކުރީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އޭނާ ކުރެއްވި ޓްވީޓަކާއި އޭނާއާ ހަވާލާދީ އެދުވަހު މީޑިއާއެއްގައި ލިޔެފައި ޚަބަރަކާ ގުޅިގެންނެވެ.